އަންނަ ހަފްތާގައި ވެސް ސަރުކާރު ބަންދު

ކޮވިޑް19 އާ ގުޅިގެން ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތްތައް ކުރިއަށްދަނީ -- ފޮޓޯ/ ރައީސް އޮފީސް

އަންނަ ހަފްތާގައި ވެސް ސަރުކާރު އޮފީސްތަކާއި ސްކޫލު ޔުނިވާސިޓީތައް ބަންދު ކުރަން ނިންމަިފިއެވެ.

ރައީސް އޮފީހުން ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދީފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިއާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަންނަަ ހަފްތާވެސް ސަރުކާރު އޮފީސްތަކާއި ސްކޫލުތައް އަދި ޔުނިވާސިޓީތައް ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ އަންނަ ހަފްތާގައި، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ނިންމެވި ނަމަވެސް، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސުމަށާއި ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެނަމަ، އޮފީސް ހުޅުވައިގެން، ވީހާވެސް މަދު މުވައްޒަފުން ނެރިގެން އެ މަސައްކަތެއް ކުރުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދިނުމަށްވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.

ކޮރޯނާ ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ، އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ، މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އެދިލައްވައިފައެވެ.

އަދި ކޮންމެހެން މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ، މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

މިއީ ކޮރޯނާ އާއި ގުޅިގެން ސަރުކާރު ބަންދު ކުރަން ނިންމި ހަތަރުވަނަ ހަފްތާއެވެ.

ކޮރޯނާ އާއި ގުޅިގެން ކޮންމެ ދުވަހެއްގެ ހަވީރު ފަހަކުން ރޭނަގޑު އަށަކަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާއިރު މާލެ ސަރަހައްދުގެ ކެފޭ ރެސްޓޯރެންތުތައް ވަނީ ޑައިން އިން އަށް ބަންދުކޮށްފައެވެ. އަދި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުންވެސް ވަނީ މެދުކަނޑާލައިފައެވެ.

ރާއްޖޭގައި މިހާތަނަށް 19 މީހަކަށް ބަލި ޖެހިފައިވާއިރު13 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުންދަނީ ހަތަރު މީހަކަށެވެ.

comment ކޮމެންޓް