ލަންކާގައި ފުރަތަމަ ފަހަރަށް ޑޮލަރުގެ އަގު 200 ރުޕީސްއަށް އަރައިފި

ލަންކާގައި ފުރަތަމަ ފަހަރަށް ޑޮލަރުގެ އަގު ވަނީ 200 ރުޕީސްއަށް އަރާފަ -- ފޮޓޯ: ރޮއިޓާސް

ކޮލޮމްބޯ (އޭޕްރިލް 8): ސްރީލަންކާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެގައުމުގައި އެމެރިކާ ޑޮލަރު ވިއްކާ އަގު 200 ރުޕީސްއަށް އަރައިފިއެވެ.

ސެންޓްރަލް ބޭންކް އޮފް ސްރީލަންކާގެ ވެބްސައިޓުގައިވާ ގޮތުން މިހާރު އެގައުމުގައި ޑޮލަރު ވިއްކާ ރޭޓަކީ 200 ރުޕީސްއެވެ. އެހެންކަމުން މި އަހަރު މިހާތަނަށް ލަންކާ ރުޕީސްގެ އަގު ވަނީ 9.3 ޕަސެންޓު ދަށްވެފައެވެ.

ލަންކާގައި ޑޮލަރުގެ އަގު ހޯމަ ދުވަހު ހުރީ 199 ރުޕީސްގައެވެ.

ލަންކާއަށް ބޭރު ފައިސާ އެންމެ ގިނައިން ލިބޭ ދާއިރާތައް ކަމަށްވާ ފޭރާން އެކްސްޕޯޓުކުރުމާއި ފަތުރުވެރިކަމަށް ވަނީ ކޮރޯނާވައިރަހުގެ ސަބަބުން ވަރަށް ބޮޑަށް ބުރޫ އަރާފައެވެ. އެއީ ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން އެގައުމުގައި ކާފިއު އިއުލާނުކުރުމުން އިގުތިސާދީ ހަރަކާތްތައް ހުއްޓުމަކަށް އައުމާއި ވައިގެ މަގުންނާއި ކަނޑުގެ މަގުން މީހުން އެތެރެވުން މަނާކުރުމާ ގުޅިގެންނެވެ.

ލަންކާގައި ޑޮލަރުގެ އަގު މަތިވަމުން ދިޔުމުގެ ސަބަބުން މިމަހުގެ ދެވަނަ ދުވަހު އެގައުމުގެ ސެންޓްރަލް ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ، އެގައުމުން ބޭރުގައި މަސައްކަތް ކުރަމުންދާ ރައްޔިތުން އެމީހުންނަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ ލަންކާގެ ބޭންކުތަކަށް ޖަމާކުރުމަށް އެދިފައެވެ. އަދި އެފަދަ ޑިޕޮސިޓަކަށް ސަރުކާރާއި މަރުކަޒީ ބޭންކު ފަދަ އެއްވެސް އިދާރާއަކުން ހުރަސް ނާޅާނެކަމަށް ބުންޏެވެ.

ލަންކާގައި އިގުތިސާދަށް އަންނަ ބަދަލުގެ ސަބަބުން ގައުމުގެ ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށްޓަކައި އެގައުމުން ވަނީ ހަ މަސް ވަންދެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ލޯނުތަކަށް ފައިސާ ހޯދުން ހުއްޓާލަން ބޭންކުތަކަށް އަންގާ، އާންމުކޮށް ބޭނުން ކުރާ ކާތަކެތީގެ އަގު ކޮންޓްރޯލްކޮށްފައެވެ. އަދި އެގައުމުން ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ބައެއް ޓެކްސްތައް ދައްކަން ޖެހޭ މުއްދަތު އިތުރުކޮށްދީފައެވެ.

ލަންކާ ރުޕީސްގެ އަގު ވެއްޓިފައި ވަނީ ކޮރޯނާވައިރަހުގެ ސަބަބުން އިރުމަތީ އޭޝިއާ އާއި ޕެސިފިކް ގައުމުތަކުގެ އިގުތިސާދީ ކުރިއެރުން މި އަހަރު ދަށަށް ދާނެކަމަށް ވޯލްޑް ބޭންކުން ލަފާކުރި ފަހުންނެވެ. އަދި ދުނިޔޭގެ އިގުތިސާދު މިހާރުވެސް ރިސެޝަންއަކަށް ގޮސްފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނި ފަހުންނެވެ.

ލަންކާގައި މިހާތަނަށް 186 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، ބަލީގައި ހަ މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް