ކޮރޯނާ ވައިރަސްގެ ވަރަށް ބިރުވެރި ދުވަސްތަކެއްގެ އިންޒާރު އެމެރިކާގެ ތަޖްރިބާކާރުން ދެއްވައިފި

ނިޔުޔޯކްގެ ގަވަރުނަރު އެންޑްރޯ ކޫމޯ

ނިޔުޔޯކް (5 އެޕްރީލް 2020) : އެމެރިކާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެންމެ ބޮޑަށް އިތުރުވާނީ ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ކަމަށް ލަފާކުރެވޭ ކަމަށް އެމެރިކާގެ ނިއުޔޯކް ސްޓޭޓްގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވިދާޅުވެެއްޖެ އެވެ.

ކޫމާ ވަނީ މި އެޕްރީލް މަހުގެ 4 ން 14 އަށް އެމެރިކާގައި ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދާއި އެރޯގާ ޖެހިގެން މަރުވާމީހުންގެ އަދަދު ވެސް ވަރަށްބޮޑަށް އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށާ ނަމަވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއަށް ފަހު ދަށަށްދާން ފަށާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ކުރިއަށް އޮތް ދޮޅު ހަފުތާއަކީ އެމެރިކާގެ ރައްޔިތުންގެ ނޭވާ ހިފަހައްޓާލަން ޖެހޭ ހިތްދަތި ހިތާމަވެރި ދުވަސްތަކަކަށް ވެގެން ދާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ދެއްވާފަ އެވެ. މީގެއިތުރުން އެމެރިކާގެ ސިއްހަތާ ބެހޭ ތަޖްރިބާކާރުން ވެސް ވަނީ އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު އެންމެ ގިނަވާނީ މި އެޕްރީލް މަހުގެ 14 ގައި ކަމަށް ލަފާކުރައްވައި ވާހަކަ ދައްކަވާފައެވެ.

އެމެރިކާގެ ސިއްޙަތާބެހޭ ތަޖްރިބާކާރުން

ކޮވިޑް-19 ޖެހިގެން އެމެރިކާގައި އެއްލައްކަ އާއި ދެލައްކަ ފަންސާސް ހާހާ ދެމެދުގެ އަދަދަކަށް މީހުން މަރުވާނެ ކަމަށް އެމެރިކާގެ ތަޖްރިބާކާރުން ލަފާކުރައްވާފައިވެ އެވެ. އަދި ކޮވިޑް-19 ކޮންޓްރޯލް ވުމުގެ ކުރިން އެމެރިކާގެ ދެމިލިޔަނެއްހާ މީހުންނަށް އެ ރޯގާ ޖެހޭނެކަމަށް ވެސް އެބޭފުޅުން ލަފާކުރައްވާފައިވެ އެވެ.

އެމެރިކާގެ ޖޯންޒް ހޮޕްކިންޒް ޔުނިވާސިޓީން އެކުލަވާލާފައިވާ ކޮވިޑް-19ގެ ލައިވް ޓްރެކާގެ ރެކޯޑްތައް ދައްކާގޮތުން އެމެރިކާގައި ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 311،357 އަށް އަރާފައެވެ. މީގެ ތެރެއިން 288،080 މީހުންނަށް ފަރުވާދެމުން ގެންދާއިރު 8،206 މީހުންގެ ހާލަތު ވަނީ ފުރާނައަށް ނުރައްކާވާ ހިސާބުގަ އެވެ. އެމީހުންނަށް ފަރުވާދެނީ އައިސީޔޫގައެވެ.

ކޮވިޑް-19ގެ ޝިކާރައަކަށްވެގެން އެމެރިކާގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 14،828 އަށް އަރާފަ އެވެ. ފާއިތުވި 24 ގަޑީއިރު ތެރޭގައި ވެސް އެމެރިކާގައި 1،331 މީހުން ކޮވިޑް-19ގެ ޝިކާރައަކަށްވެގެން މަރުވެފައިވެ އެވެ.

ޗައިނާއިން އެމެރިކާއަށް ފޮނުވި މެޑިކަލް ސަޕްލައިގައި ހިމެނޭ ބައެއް ކޮންޓޭނަރު

ކޮވިޑް-19 އެމެރިކާގައި ބާރަށް ފެތުރެމުންދާއިރު ރައްކާތެރި ފިޔަވަޅު އެޅުމަށް ޢާންމުން ބޭނުންވާ މާސްކް ފަދަ ތަކެތި ލިބުން ވެސް ވަނި އިންތިހާއަށް ދަތިވެފަ އެވެ. އަދި ކޮވިޑް-19 އާ ހަނގުރާމަ ކުރުމަށް ކުރީ ސަފުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ އަންގިއާއި މާސްކް އަދި ގައުން ފަދަ ތަކެތި ވެސް އެމެރިކާގައި ވަރަށް މަދުން ނޫނީ ނުލިބެ އެވެ. މީގެއިތުރުން ކޮވިޑް-19 ޖެހިގެން ސީރިޔަސް ހާލަތަކަށް ދާމީހުންނަށް ބޭނުންވާ ވެންޓިލޭޓަރުގެ ސަޕްލައި ވެސް އެމެރިކާގެ ހޮސްޕިޓަލްތަކުގައި އިންތިހާއަށް މަދުކަމުގެ ޝަކުވާ ޑޮކްޓަރުން ގެންދަނީ ކުރަމުންނެވެ.

އެމެރިކާގެ އެދުމުގެ މަތިން ޗައިނާއިން އިއްޔެ ވަނީ 1000 ވެންޓިލޭޓަރު އާޖެންޓްގޮތެއްގައި އެމެރިކާއަށް ފޮނުވައިދީފަ އެވެ. އެކަން ފާހަގަކުރައްވައި ނިޔުޔޯކްގެ ގަވަރުނަރު އެންޑްރޫ ކޫމޯ ވަނީ ޗައިނާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފަ އެވެ. ވެންޓިލޭޓަރުގެ އިތުރުން އަންގިއާއި މާސްކާއި ގައުން ފަދަ ތަކެތީގެ ޝިޕްމަންޓްތަކެއްވެސް ޗައިނާއިންވަނީ އެމެރިކާއަށް ފޮނުވާފައެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް