ލޯނު ލަސްކުރާ ހަ މަހަށް ޑަަބަލް އިންޓްރެސްޓް ނާރާނެ

ފިނޭންސް މިނިސްޓަރު އަމީރު އަދި ބީއެމްއެލްގެ ސީއީއޯ ޓިމޮތީ ސޯޔާ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮރޯނާވައިރަހާ ގުޅިގެން އަޅާ އިގްތިސާދީ ފިޔަވަޅުތަކުގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނަގާފައިވާ ލޯނުތައް ދެއްކުން ފަސްކޮށްދޭ ހަ މަސް ދުވަހުގެ ތެރޭގައި ކޮމްޕައުންޑް އިންޓްރެސްޓު ނޫނީ ޑަބަލް އިންޓަރެސްޓް ނާރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ކޮރޯނާވައިރަހާއެކު ދުނިޔޭގެ އިގްތިސާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ސަރުކާރުން އިއުލާނުކުރި އިކޮނޮމިކް ރިކަވަރީ ޕެކޭޖުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ސަރުކާރު ހިއްސާވާ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ އެކިއެކި ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދިނުމެވެ.

ބޭންކަށް ލޯނު އަނބުރާ ދެއްކުން ހަ މަހަށް ފަސްކުރުމާއެކު އެ ހަ މަސްދުވަހުގެ ތެރޭގައި އިންޓްރެސްޓް އަރާނެތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ.

އެ މައްސަލަ ސާފުކޮށްދެމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވީ ލޯނު ދެއްކުން ފަސްކުރާ، ހަ މަސް ދުވަހުގެ ތެރޭގައި އިންޓްރެސްޓްގެ މައްޗަށް އަނެއްކާ އިންޓަރެސްޓް ނަގަމުން ނުދާނެ ކަމަށެވެ.

އޭގެ މާނައަކީ، ޑަބަލް އިންޓަރެސްޓް ނުނެގުމެވެ. ނޫނީ ކޮމްޕޮއުންޑް އިންޓަރެސްޓް ނުނެގުމެވެ. ނަމަވެސް ލޯނަށް ކަނޑައެޅިފައިވާ ޕްރިންސިޕަލް އިންޓަރެސްޓް އެ މުއްދަތުގައި ވެސް ޗާޖް ކުރާނެ އެވެ.

"ހަ މަސް ދުވަހުގެ މޮރެޓޯރިއަމް ޕީރިއަޑުގައި ބީއެމްއެލްއިން އިންޓްރެސްޓެއްގެ މައްޗަށް އިންޓަރެސްޓް ޗާޖެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ކޮރޯނާވައިރަހާ ގުޅިގެން ކަސްޓަމަރުންނާއި ރާއްޖެއަށްވެސް ވެދެވެން އޮތް އެންމެ ބޮޑެތި އެހީތަކާއި ލުއިތައް ދިނުމަށް މަސައްކަތްކުރަމުން ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ހައުސިންގް ލޯނުތަކުގެ އިތުރުން ވިޔަފާރި ލޯނުތަކާއި ޕާސަނަލް ލޯނުތައްވެސް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ.

މީގެ އިތުރުން ސަރުކާރުން ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައްވެސް ދެއްކުން ވަނީ ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ.

މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓުކުރާ ހުރިހާ ބޭންކަކުންވެސް ކަސްޓަމަރުންނަށް ލޯނު އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށެވެ.

އިސްލާމިކް ބޭންކުން ވެސް ވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރާކަން ހާމަކޮށް، އެކަމަށް އެދުމަށް ހުޅުވާލައިފަ އެވެ.

comment ކޮމެންޓް