ލަންކާގެ ބޮޑެތި ނޫސްތައް ޗާުޕުކުރުން ތިން ދުވަހަށް ހުއްޓާލަނީ

ސްރީލަންކާގެ ޗާޕު ނޫސްތަކެއް ----

އަވައްޓެރި ސްރީލަންކާގެ ބޮޑެތި ނޫސްތައް ކުރިއަށް އޮތް ތިން ދުވަހަށް ހުއްޓާލުމަށް އެގައުމުގެ ނޫސް ކުންފުނިތަކުން ނިންމައިފިއެވެ.

ކޮރޯނާވައިރަސް، ކޮވިޑް19އާ ގުޅިގެން ސްރީލަންކާގައި މިއަދު ހަވީރު 6:00 އިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ހެނދުނު 6:00 ގެ ނިޔަލަށް ކާފިއު ހިންގަން އެގައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ޗާޕްކުރުން ހުއްޓާލަން ނިންމާފައިވަނީ، މައި ދެ ނޫސް ކުންފުނި ކަމަށްވާ، ވިޖަޔަ ނިއުސްޕޭޕާސް އަދި ލޭކްހައުސް އިންނެވެ. ވިޖަޔަ ނިއުސްޕޭޕާގެ ދަށުން ފަސް ނޫސް ޗާޕްކުރެއެވެ. އޭގެ ތެރޭގައި ދުވަހު ނޫސް ޑެއިލީމިރާއާއި ހަފްތާ ބަންދު ނޫސް ސަންޑޭޓައިމްސް އަދި ސިންހަލަ ބަހުން ނެރޭ ލަންކާދީޕާ ހިމެނެއެވެ. ލޭކްހައުސްގެ ދަށުން ހަ ނޫހެއް ޗާޕުކުރެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދުވަހު ނޫސް ޑެއިލީނިއުސް އަދި ހަފްތާ ބަންދު ނޫސް ސަންޑޭ އޮބްޒާވާ ފަދަ ނޫސްތަކެވެ.

ވިޖަޔަ ނިއުސްޕޭޕާގެ ދަށުން ހިންގަމުން އަންނަ ސަންޑޭޓައިމްސްގެ އެޑިޓަރަކު "ސަން"އަށް ވިދާޅުވީ، އެގައުމުގައި އަންނަ ހޯމަ ދުވަހާ ހަމައަށް ކާފިއު އިއުލާންކުރުމާއެކު ނޫސްތައް ނުބެހޭނެތީ ނޫސް ޗާޕުކުރުން ހޯމަ ދުވަހާ ހަމައަށް މެދުކަނޑާލާފައިވާ ކަމަށެވެ.

ސްރީލަންކާގެ ގިނަ ބަޔަކު ނޫސްކިޔުމަށް އޮންލައިން ނޫހަށްވުރެ ބޮޑަށް އަދިވެސް ޚިޔާރުކުރަނީ ޗާޕު ނޫސް ކިޔުމަށެވެ.

ސްރީލަންކާގެ ރޯޑް ޑިވަލޮޕްމަންޓް އޮތޯރިޓީން މިއަދު ހަވީރު 4:00 އިން ފެށިގެން މުއްދަތެއް ނެތް ގޮތަށް އެގައުމުގެ އެކްސްޕްރެސްވޭތައް ބަންދުކުރުމަށްވެސް ނިންމާފައެވެ.

ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ސްރީލަންކާގައި މިހާތަށް 71 މީހަކު ވަނީ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވެފައެވެ. ދުވަހެއް ދުވަަކަށް ޕޮޒިޓިވްވި މީހުންގެ އަދަދު ގިނަވަމުން ދާއިރު، މިއަދު އެކަނިވެސް 11 މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އެގައުމުގެ ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ އޮން އެރައިވަލް ވިސާ ހުއްޓާލައި، އެގައުމަށް ވައިގެ މަގުން އެތެރެވުންވެސް މަނާކޮށްފައެވެ.

ލަންކާގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކޮށް، މިއަދުން ފެށިގެން ހަފްތާއެއް ވަންދެން އެންމެން ގޭގައި ތިބެގެން މަސައްކަތްކުރަން އެންގުން ހިމެނެ އެވެ. އަދި އަންނަ ބުދަ ދުވަހާ ހަމަޔަށް އެގައުމުގެ ހުރިހާ އިންޓަނޭޝަނަލް އެއާޕޯޓުތައް ވަނީ ހާއްސަ ހާލަތްތަކުގައި ފިޔަވާ އެހެން ހާލަތްތަކުގައި ބޭނުން ނުކުރާ ގޮތަށް ބަންދުކޮށްފައެވެ.

comment ކޮމެންޓް