ބަންގްލަދޭޝްގެ ބައެއް ހިސާބުތަކުގެ ހޫނުމިން 42 ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ހޫނުގަދަވުމުގެ ސަބަބުން 33 މިލިއަން ކުދިންނަށް ސްކޫލްތައް ބަންދުކޮށްފިއެވެ.
މިއީ ހޫނު ގަދަވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން މިފަދަ ފިޔަވަޅެއް އެޅި ދެވަނަ އަހަރެވެ.
ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހޫނު ގަދަވާނެ ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ.
ބަންގްލަދޭޝްގެ އިތުރުން ފިލިޕީންސްއާއި އިންޑިއާގައިވެސް ވަނީ ހޫނު ގަދަވެގެން ސްކޫލްތައް ބަންދުކޮށްފައެވެ. އަދި ތައިލޭންޑުގެ ބެންކޮކްގައި ހޫނު ގަދަވުމުގެ ސަބަބުން ގެއިން ބޭރަށް ނުކުމު ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ހޫނުގަދަވުމުގެ ސަބަބުން ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން މި މަހު އެކަނިވެސް ވަނީ ހަތަރު ފަހަރު އެލާޓް ނެރެފައެވެ. އެންމެ ފަހުގެ އެލާޓް ނެރެފައި ވަނީ އިއްޔެއެވެ.
ބަންގްލަދޭޝްއަކީ މޫސުމީ ބަދަލުތަކުގެ އަސަރު ވަރަށް ބޮޑަށް ކުރާ ގައުމެކެވެ. އިންޓަގަވާމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް އިން ބުނާ ގޮތުގައި ބަންގްލަދޭޝްގެ ކަނޑުގެ ލޮނުގަނޑު 30 އާއި 45 ސެންޓިމީޓަރަށް އުފުލި އައްސޭރިފަށުގެ ޑިސްޓްރިކްޓްތަކުން 35 މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުމުގެ ފުރުސަތު އެބައޮތެވެ.
ދުނިޔޭގެ ފިނިހޫނުމިން މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް މަތިވެފައިވާއިރު، އޭޝިއާ ހޫނުވަމުން އަންނަނީ ވަކިން ހަލުވި ދުވެއްޔެއްގައި ކަމަށް އދ.ގެ މޫސުމާބެހޭ އިދާރާއިން ވަނީ ހާމަކޮށްފައެވެ.