މެސީ، ރެޝްފޯޑް ފަދަ ތަރިންނާއިއެކު މިނިސްޓަރ މަހުލޫފްވެސް "ސްޓޭއެޓްހޯމް ޗެލެންޖް"އަށް

ކޮރޯނާވައިރަހުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަރަންޓީނުގައި ވަގުތު ހޭދަކުރަމުންދާ ދުނިޔޭގެ ނަން މަޝްހޫރު އެތައް ފުޓުބޯޅަ ތަރިންނެއް ދަނީ ތަފާތު އެކި ގޮތްގޮތަށް ވަގުތު ހޭދަކުރަމުންނެވެ.

އެގޮތުން މިހާރު އެންމެ "ޓްރެންޑް" ވަމުންދާ އެއް ކަމަކީ #ސްޓޭއެޓްހޯމްޗެލެންޖްގެ ނަމުގައި ޓޮއިލެޓް ޕޭޕާރ ނުވަތަ ޓިޝޫ ރޯލް ބޭނުންކޮށްގެން ޖަގްލްކުރުމެވެ.

މި ޗެލެންޖްގައި ދުނިޔޭގެ މަޝްހޫރު އެތައް ތަރިންނެއް ބައިވެރިވެފައިވާއިރު މީގެ ތެރޭގައި ޔުނައިޓެޑުގެ އެންތަނީ މާޝިއަލް އަދި ރަޝްފޯޑް، ރެއާލްގެ އިސްކޯ އަދި މާސެލޯ، ބާސެލޯނާގެ ލިއޮނެލް މެސީ އަދި މެންޗެސްޓާރ ސިޓީގެ ފިލް ފޮޑެންވެސް ހިމެނެއެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ލަފާދީފައިވާ މިފަދަ ވަގުތެއްގައި މުނިފޫހިފިލުވުމުގެ ގޮތުން އުފެދިގެން އައި މި ޗެލެންޖުގެ އަވައިގައި ރާއްޖޭގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފްވެސް ޖެހިވަޑައިގަތެވެ.

މަހުލޫފް މި ޗެލެންޖް ފުރިހަމަކުރަމުން އިންސްޓަގްރާމުގައި ކުރެއްވި ޕޯސްޓުގައި ވަނީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހަންމަދު އަދި ގައުމީ ޓީމުގެ ފޯވަޑް އަލީ އަޝްފާގް (ދަނގަޑޭ) އަށްވެސް މި ޗެލެންޖް ފުރިހަމަ ކުރުމަށް ޗެލެންޖުކުރައްވާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮރޯނާވައިރަހުގެ ސަބަބުން އެތައް ބަޔަކު ކަރަންޓީނުގައި ތިބިއިރު ތަފާތު އެކި ގޮތްގޮތަށް ވަގުތު ހޭދަކޮށް ސޯޝަލް ޑިސްޓެންސިންގްގެ ތެރެއިން މުނިފޫހިފިލުވާތަނުގެ ވީޑިއޯ ދަނީ ކޮންމެ ދުވަހަކުވެސް އާންމު ވަމުންނެވެ.

އެގޮތުން ސްޕެއިންގައި ހެޒްމެޓް ސޫޓުތަކުގައި ނަށާ ވީޑިއޯ، އިޓަލީގައި ދެ އެޕާޓްމެންޓް ދެމެދުގައި ޓެނިސް ކުޅޭ ތަން އަދި ލަވަކިޔާ ވީޑިއޯވެސް ވަނީ އާންމުވެފައެވެ.

comment ކޮމެންޓް