ފްރެންޑްސްގެ ރީޔޫނިއަން އެޕިސޯޑްގެ މަސައްކަތް ފަސްކޮށްފި

ފްރެންޑްގެ ތަރިން---

ގިނަ ބަޔަކަށް އަދިވެސް ކަމުދާ ޓީވީ ޝޯ ކަމަށްވާ "ފްރެންޑްސް"ގެ ލީޑު ކާސްޓުންނާއެކު އެ ޝޯގެ ހާއްސަ "ރިޔޫނިއަން" އެޕިސޯޑެއް ގެނެސްދޭނެ ކަމުގެ އުފާވެރި ޚަބަރު މީގެ ކުރިން އެޗްބީއޯ އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ނަމަވެސް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ސަބަބުން އެޕިސޯޑްގެ މަސައްކަތް ފަސްކޮށްފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ. އަންނަ ހަފްތާގައި އެ އެޕިސޯޑްގެ މަންޒަރެއް ޝޫޓްކުރުމަށް ނިންމި ނަމަވެސް ކޮރޯނާގެ ސަބަބުން ވަނީ އެ މަންޒަރު ޝޫޓްކުރުން ފަސްކޮށްފައެވެ.

ރީޔޫނިއަން އެޕިސޯޑްގެ ޕްރޮޑަކްޝަން މަސައްކަތް އަންނަ މެއި މަހުގެ ކުރިން ނުކުރާނެކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ކޮރޯނާގެ ސަބަބުން ގިނަ ފިލްމުތަކެއްގެ ޕްރޮޑަކްޝަން މަސައްކަތްވެސް މި ވަގުތައް ވަނީ މެދުކަނޑާލައިފައެވެ.

ޝޯގެ ލީޑް އެކްޓަރުން ކަމަށްވާ ޖެނިފާ އެނިސްޓަންއާއި ކޯޓްނީ ކޮކްސް އާއި ލީސާ ކުޑްރޯ އާއި މެޓް ލެބްލާންކް އާއި މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ، އެންމެން އެކީގައި މިދިޔަ އަހަރު ނެގި ސެލްފީއަކާއެކުގައި ފްރެންޑްސްގެ ރިޔޫނިއަންއެއް ހަދަން އުޅުމުގެ އަޑުތަކެއް ފެތުރެން ފެށިއެވެ.

އެތައް ހާސް ބަޔަކު އަދިވެސް ބަލާ އެ ޝޯ ނިމިފައިވަނީ މީގެ 16 އަހަރު ކުރީންނެވެ. ޖުމްލަ 10 ސީޒަން ދައްކާފައިވާ ފްރެންޑްސް ދައްކާފައިވަނީ 1994 އިން 2004 އަށެވެ.

comment ކޮމެންޓް