ޓޭލާގެ އަލްބަމްއާއެކު ރެކޯޑު މުގުރަނީ

ހޮލީވުޑްގެ އެންމެ ބޮޑު އެއް ތަރި ކަމަށްވާ ޓޭލާ ސްވިފްޓްގެ އާ އަލްބަމް ރިލީޒްކުރުމާއެކު މީގެކުރީން މުގުރާލާފައި ނުވާ ވަރު ބޮޑު ރެކޯޑެއް ހޯދައިފިއެވެ.

ޓޭލާގެ 11 ވަނަ ސްޓޫޑިއޯ އަލްބަމް "ޓޯޗާޑް ޕޮއެޓްސް ޑިޕާޓްމެންޓް" ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފައެވެ.

އަލްބަމް ރިލީޒް ކުރިއިރު ފުރަތަމަ އިއުލާނު ކޮށްފައިވަނީ 17 ލަވައިގެ އަލްބަމެކެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އިތުރު 18 ލަވަ އާއެކު އެ އަލްބަމްގެ އިތުރު ވާޝަންއެއް ވަނީ ނެރެފައެވެ.

އަލްބަމް ރިލީޒްކޮށް މާ ގިނައިރުތަކެއް ނުވަނީސް އަލްބަމް ވަނީ ރެކޯޑުތައް މުގުރަން ފަށާފައެވެ. އެންމެ ބޮޑު މިއުޒިކް ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ސްޕޮޓިފައިގައި ޓޭލާ ވަނީ މުޅީން އާ ރެކޯޑެއް ގާއިމުކޮށްފައެވެ.

ޓޭލާގެ އަލްބަމް ވަނީ މިހާތަނަށް އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ސްޓްރީމް ކުރި އަލްބަމްގެ ރެކޯޑު ދެ ފަހަރަށް މުގުރާލާފައެވެ. އެގޮތުން އެއް ދުވަސްތެރޭގައި 200 މިލިއަން ސްޓްރީމް ހޯދި ފުރަތަމަ އަލްބަމަކަށް ޓޭލާގެ އާ އަލްބަމް ވަނީ ވެފައެވެ.

އޭގެ މާ ގިނައިރުތަކެއް ނުވެ ސްޕޮޓިފައިއިން ވަނީ އެ އަލްބަމް އެއް ދުވަހުގެ ތެރޭގައި 300 މިލިއަންއަށް ވުރެ ގިނަ ސްޓްރީމްސް ހޯދާފައިވާކަން އިއުލާންކޮށްފައެވެ.

އަލްބަމްގެ އިތުރުން ޓޭލާގެ އަލްބަމްގެ ސިންގަލް ކަމަށްވާ "ފޯޓްނައިޓް" ވެސް ވަނީ ސްޕޮޓިފައިގެ ރެކޯޑެއް މުގުރާލާފައެވެ. އެ ލަވައަކީ އެއް ދުވަހުގެ ތެރޭގައި އެންމެ ގިނަ ސްޓްރީމް ހޯދާފައިވާ ލަވައެވެ. މި ރެކޯޑު ކުރީން އޮތީ 2021 ވަނަ އަހަރު އެޑެލް ނެރުނު ސިންގަލް ކަމަށްވާ "އީޒީ" ހޯދާފައެވެ.

ޓޭލާ މިދިޔަ އަހަރު ވަނީ ގިނަ އަދަދަކަށް މިއުޒިކް ރިލީޒްކޮށްފައެވެ. ނަމަވެސް އެއީ އޭނާގެ ކުރީގެ އަލްބަމްތަކުގެ ރީ ރިކޯޑުތަކެވެ. އެންމެ ފަހުން އާ ސްޓޫޑިއޯ އަލްބަމެއް ނެރެފައިވަނީ 2022 ވަނަ އަހަރެވެ. އެއީ މިޑްނައިޓްސްއެވެ.

މިދިޔަ އަހަރަކީ ޓޭލާއަށް އެންމެ ބިޒީ އެއް އަހަރެވެ. އެގޮތުން އޭނާގެ ކުރީގެ ދެ އަލްބަމް ކަމަށްވާ "ސްޕީކް ނައު" އާއި "1989"ގެ ލަވަތައް އަލުން ރެކޯޑުކޮށް ވަނީ ރިލީޒްކޮށްފައެވެ. އޭގެ އިތުރުން އޭނާގެ ބޮޑު މިއުޒިކް ޓުއާ ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް