ލޮކްޑައުން އޭ ނުކިޔަސް ރާއްޖެ މި އޮތީ އެ ހާލަތުގައި: މިނިސްޓަރު

މިނިސްޓަރު އަލީ ވަހީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލަފްޒީގޮތުން "ލޮކްޑައުން" ނުކިޔަސް ރާއްޖެ މިވަގުތު އޮތީ އެ ހާލަތުގައި ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ރާއްޖެއިން ކޮރޯނާވައިރަސް، ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، އަދި ގިނަ ގައުމުތަކުގައި ހަލުވިކަމާއެކު ބަލި ފެތުރެމުން އަންނާތީ ރާއްޖެ މުޅިން ލޮކްޑައުން ކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖެއަށް އަންނަނީ ގާތްގަނޑަކަށް 1600 ފަތުރުވެރިން ކަމަށެވެ.

"އެހެންވީމަ އަސްލު ލަފްޒީ ގޮތުން ޓޯޓަލް ލޮކްޑައުން އޭ ނުކިޔަސް، ދިވެހިރާއްޖެ މިވަގުތު މި އޮތީ އެފަދަ ހާލަތެއްގައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާވައިރަސްއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަރުދަނާ ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސްގެ ކޮންމެ ނިންމެވުމަކީ ވެސް ހުރިހާ ދިވެހިންގެ ހައްގުގައި، ހުރިހާ އެންމެނަށް ވެސް އެންމެ ފައިދާވާނެ ގޮތް ބެލުމަށްފަހު ނިންމަވާ ނިންމެވުމެއް ކަމަށެވެ.

އެގޮތުން އެއްވެސް މީހެއްގެ ވަޒީފާ ގެއްލި، މުވައްޒަފުންނާ އެ މުވައްޒަފުންގެ އާއިލާތައް ހާލުގައި ޖެހެން ސަރުކާރުން ދޫކޮށްނުލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެންމެ ބޮޑަށް ބަލި ފެތުރެމުން އަންނަ ގައުމުތަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

އެންމެ ފުރަތަމަ ރާއްޖެއަށް މީހުން އައުން މަނާކުރީ ބަލި ފެނުނު ޗައިނާ އިންނެވެ. އޭގެ ފަހުން އިރާންއާއި ކޮރެއާގެ ދެ ސަރައްހަދަކުންވެސް މީހުން އައުން މަނާކުރި އެވެ. އަދި އިޓަލީ އާއި ސްޕެއިން އިން ވެސް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

އޭގެ އިތުރުން ޖަރުމަން އަދި ފްރާންސްގެ ބައެއް ސިޓީތަކުން ވެސް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. އަދި މެލޭޝިޔާ އާއި އިނގެރޭސިވިލާތުން ވެސް މީހުން އައުން މަނާކުރަން މިހާރު ވަނީ ނިންމައިފަ އެވެ.

މިއީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމުތަކެވެ. އަދި އެ ގައުމުތަކުން މީހުން އައުން މަނާކުރުމާއެކު ރާއްޖޭގެ ފަތުރުވެރިކަން ދަށްވެ، އިގްތިސޯދަށް އަންނަނީ ލޮޅުން އަރަމުންނެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ، ގައުމު ބަންދުކޮށްފިނަމަ، ރާއްޖޭގެ އިގްތިސޯދުގެ އިންޖީނު ނިވި، މުޅި ގައުމު ހުއްޓޭނެ ކަމަށެވެ. އެހެންކަމުން މިހާރު ކުރަންވީ ކަމަކީ، ކޮވިޑް19 ފެތުރުން ކޮންޓްރޯލްކޮށް، ރައްކާތެރި ގައުމުތަކުން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށެވެ.

"އަޅުގަނޑުމެން ނޫސްކޮންފަރެންސެއްގައި ލޮކްޑައުން އެ ބަސް ބޭނުން ނުކުރިޔަސް އެ ހާލަތު އެކްސަސައިޒް ކުރަމުންނޭ މިދަނީ. އެ ދައްޗާ ވޭނުގަ،" މިނިސްޓަރު ވިދާޅުވި އެވެ. "މި އިންޖީނު ހުއްޓާލައިފިއްޔާ ދިވެހިރާއްޖެ ހުއްޓޭނެ. ދިވެހިރާއްޖެ ހުއްޓިގެނެއް އެއްވެސް މުވައްޒަފަކަށް ވެސް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނޯންނާނެ. އެގޮތަށް އަޅުގަނޑުމެން ވިސްނުން ބޭނުންކުރަން ފަށައިފިއްޔާ ކޮވިޑް19 އަށް ވުރެ މާބޮޑު ބަލިމަޑުކަމަކަށް އަޅުގަނޑުމެން ދާނީ،"

މިނިސްޓަރު ވަނީ މި ދަތި ހާލަތުން އަރައިގަތުމަށް ހުރިހާ ދިވެހިން ވެސް ކެތްތެރިކަމާއެކު މަސައްކަތްކޮށް، ޕޮޒިޓިވް ވުމަށް އިލްތިމާސް ކުރައްވައިފައެވެ. އެހެން ނޫންނަމަ ކޮވިޑް19 އަށްވުރެ ބޮޑު ބަލިމަޑުކަމަކަށް ހިނގައިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮރޯނާ އަށް 13 މީހަކު ޕޮޒިޓިވްވެފައި ވާއިރު، ބަލި ފެތުރޭ ގައުމުތަކުން މީހުން އައުން މަނާކުރުމުގެ އިތުރުން ވެސް، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިންގާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޓޫރިސްޓުން ގެނައުން ސަރުކާރުން މިއަދު ވަނީ މަނާކޮށްފަ އެވެ.

comment ކޮމެންޓް