ރޮނާލްޑޯ އާއި ޕޮގްބާއަށް ޑަބްލިއުއެޗުއޯގެ ޝުކުރު

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޯލް ޕޮގްބާ އެކީގައި ބައްދަލުކުރި މެޗެއްގެ ތެރެއިން --- ފޮޓޯ : ބްލީޗާ ރިޕޯޓް

ކޮވިޑް-19 އާ ގުޅިގެން އާންމުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް މަސައްކަތްކުރުމާ ގުޅިގެން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޯލް ޕޮގްބާ އަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނަމް، ޝުކުރު އަދާކުރައްވައިފި އެވެ.

އަދަނަމް ވަނީ ދާދި ފަހުން، ރޮނާލްޑޯ އާއި ޕޮގްބާގެ އިތުރުން ކުޅިވަރުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ކޮވިޑް-19 ވައިރަސް ފެތުރުން ކޮންޓްރޯލުކުރުމަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން މަސައްކަތްތައް ކުރުމަށް އަދަނަމް ވަނީ ގޮވާލާއްވާފަ އެވެ.

ރޮނާލްޑޯ އޭނާގެ ޓްވިޓާ މެދުވެރިކޮށް ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި ކޮވިޑް-19 އާ ގުޅޭ ގޮތުން ރައްކާތެރިވުމަށް ގޮވާލާފައިވެ އެވެ. އަދި ޑަބްލިއެޗްއޯގެ އެންގުންތަކަށް ކަނުލާ ފަރުވާ ދިނުމަށް ވެސް ރޮނާލްޑޯ ވަނީ ގޮވާލާފަ އެވެ.

ޕޮގްބާ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޮލޮވާސް އަށް ފޮނުވި ވީޑިއޯ މެސެޖެއްގައި ވަނީ ވައިރަސްގެ ދުވަސްވަރުގައި ކިނބިހި އަޅާއިރު އުޅަނބޮށީން އަނގަ ފޮރުވުމަށެވެ. އަދި "ޑެބްކޮށްގެން ކޮރޯނާއަށް ރައްކާތެރި" ވުމަށް ޕޮގްބާ ގޮވާލި އެވެ. އޭގެ އިތުރުން ރޯގާ ޖެހުމުން ކަންތައް ކުރާނެގޮތް ބުނެދީ ޑަބްލިއުއެޗްއޯއަށް ޕޮގްބާ ވަނީ ހަވާލާ ދީފަ އެވެ.

އެކަމާ ގުޅިގެން އަދަނަމް ވިދާޅުވީ ކޮވިޑް-19 ވައިރަސް އިން ސަލާމަތްވެވޭނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ ހުރިހާ އެންމެންގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް