މޮޅު ކުޅުމަކާ އެކު އިންޓާ ބަލިކޮށް ޔުވެންޓަސް އެއްވަނައަށް

ޔުވެންޓަސްގެ ފޯވާޑް ޑިބާލާއާއި ރަމްސޭ ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ ---

އިޓާލިއަން ލީގުގައި ރޭ ވާދަވެރި އިންޓާ މިލާން ބަލިކޮށް ޔުވެންޓަސް އެއްވަނައަށް ޖެހިލައިފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު މިހާރު ފެތުރެމުންދާ ކޮރޮނާ ވައިރަސް ނުވަތަ ކޮވިޑް-19ގެ އަސަރު ކުރުމުގެ ސަބަބުން އެއްވެސް ސަޕޯޓަރަކު ދަނޑަށް ނުވައްދާ ރޭ ކުޅުނު މެޗުގައި އިންޓަ މިލާން އަތުން ޔުވެންޓަސް ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ޔުވެންޓަސް ވަނީ 26 މެޗުން 63 ޕޮއިންޓް ހޯދައި ތާވަލުގެ އެއްވަނައަށް އަރައިފަ އެވެ.

އެ ޓީމާއި އެންމެ ގާތުން ވާދަކުރާ ލާޒިއޯއަށް 62 ޕޮއިންޓް ލިބޭ އިރު ރޭގެ މެޗުން ބަލިވި އިންޓަ މިލާން ތިންވަނައިގައި އޮތީ 54 ޕޮއިންޓާ އެކުގަ އެވެ. އިޓާލިއަން ލީގުގެ ބައެއް މެޗުތައް މިހާރުވެސް ކެންސަލް ކޮށްފައިވާ އިރު އަންނަ މަހުގެ ނިޔަލަށް ކުޅޭ ހުރިހާ މެޗެއް ވެސް ކުޅޭނީ ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ.

ވާދަވެރި ކުޅުމެއް ފެނުނު ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނުނު އިރު ދެ ޓީމުން ވެސް ވަނީ ގޯލެއް ޖެހުމަށް މަސައްކަތް ކޮށްފަ އެވެ. އެކަމަކު އެ ހާފުގައި ދެ ޓީމުން ކުރެން އެއް ޓީމަކަށް ވެސް ގޯލެއް ޖެހިފައި ނުވާ އިރު ދެވަނަ ހާފުގެ ކުރީކޮޅު ޔުވެންޓަސްއަށް ލީޑު ނަގައިދިނީ އާރޯން ރަމްސޭ އެވެ.

މީގެ ދެ ހަފްތާ ކުރިން ފުޓުބޯޅަ ކެރިއަރުގެ 1000 ވަނަ މެޗު ހަމަކުރި ރޮނާލްޑޯއަށް ރޭގެ މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު އިރު އޭނާގެ ފަރާތުން މުޅި މެޗުގައި ވެސް ފެނުނީ އާދައިގެ ކުޅުމެކެވެ. ޔުވެންޓަސްއަށް 67 ވަނަ މިނަޓުގައި ލީޑު ފުޅާ ކޮށްދިނީ ޕައޮލޯ ޑިބާލާ އެވެ.

މެޗަށްފަހު ވާހަކަ ދަައްކަމުން ޔުވެންޓަސްގެ ކޯޗު މޯރީޒިއޯ ސަރީ ބުނީ އިންޓަ ކަހަލަ ކޮލިޓީ ޓީމަކާ ދެކޮޅަށް ކުޅެ ބައިކޮޅަށް ނުރައްކާތެރި ޝޮޓެއް ޖެހުނަ ނުދީ ހިފަހައްޓާލެވުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި ރޭގެ މެޗުގައު ޔުވެންޓަސް އެކަން ކާމިޔާބު ކުރީތީ ހިތްހަމަ ޖެހޭ ކަމަށް ސަރީ ބުންޏެވެ.

comment ކޮމެންޓް