ރަސްމީ ދަތުރެއްގައި ރައީސް ނަޝީދު އަނެއްކާވެސް އިންޑިއާއަށް ފުރާވަޑައިގެންފި

ރައީސް ނަޝީދު އިންޑިއާއަށް ފުރާވަޑިއިގަތުމުގެ ކުރިން--- ފޮޓޯ: މަޖިިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ 15 މެމްބަރުންގެ ވަފުދަކާއެކު މިދިޔަ ޑިސެމްބަރުމަހުވެސް އިންޑިއާއަށް ވަޑައިގަތެވެ.

މަޖިލިސްގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު "ސަން' އަށް ވިދާޅުވީ މިއީ އިންޑިއާގައި އޮންނަ "އިންޑިއާ އަޑިއާޒް ކޮންކްލޭވް" ކޮންފަރެންސްގައި ބައިވެރިވުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަަމަށެވެ.

އެ ކޮންފަރެންސް މާދަމާ އިންޑިއާގެ ވެރިރަށް ދިއްލީގައި ފެށޭނެއެވެ.

އެ ކޮންފަރެންސްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ޒިޔާއު ވިދާޅުވިއެވެ.

އެ ކޮންފަރެންސްގައި އިންޑިއާ ސަރުކާރުގެ ޕޮލިސީތައް ހައްދަވާ ބެފުޅުންނާއި އެގައުމުގެ ތަޖުރުބާކާރުންނާއި ބޭރުގެ ފުންނާބު އުސް ބޭފުޅުން ބައިވެރިވެލައްވައެވެ.

އިންޑިއާގައި އޮންނަ އެކިއެކި ކޮންފަރެންސްތަކުގައި ރައީސް ނަޝީދު އަބަދުވެސް ބައިވެރިވެލައްވައެވެ.

އިންޑިއާއަށް ރައީސް ނަޝީދު ފުރާވަޑައިގެންނެވިއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲވެސް ދާދި ފަހުން ވަނީ އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހުގެ ދައުވަތަަކަށް ރަސްމީ ދަތުރެއް ކުރައްވައިފައެވެ.

މިދިޔަ ޑިސެމްބަރުމަހުވެސް މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ރަސްމީ ދަތުރެއްވަނީ ކުރައްވައިފައެވެ.

comment ކޮމެންޓް