ވަށަފަރޭ ވިދާޅުވީ ދެރަކޮށްލަން، ނިސްބަތްވާ ރަށަކުން ލިބޭނެ މޮޅެއް ނެތް: މުއިއްޒު

ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަހްމަދު ސައީދު

ރައްޔިންތުންގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާ އަށް ނިސްބަތްކޮށް ހއ. ވަށަފަރު މީހެކޭ ވިދާޅުވީ، ދެރަކޮށްލުމަށް ކަމަށާއި މިހާ ނިސްބަތްވާ ރަށަކުން ލިބޭނެ މޮޅެއް ނެތް ކަމަށް ޕީޕީއެމް ޓިކެޓްގައި މާލޭ މޭޔަރުކަމަށް ވާދަ ކުރާ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އަދި އެއީ ހަގީގަތް އޮޅުވާލުމަށް ދެއްކި ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކައުންސިލް އިންތިހާބު ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވަނީ މުއިއްޒުއަކީ ވަށަފަރަށް ނިސްބަތްވާ މީހެއް ކަމަށް ބުނެ ފާޑުވިދާޅުވެ އެ ވާހަކަ ދައްކާވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، މުއިއްޒު އަކީ މާލެ ހަލާކޮކޮށްލުމުގެ މޭސްތިރިއެއް ކަމަށާއި މާލޭ ރައްޔިތުން އޭނާއަށް ވޯޓެއް ނުދޭނެ ކަމަށެވެ. އަދި މުއިއްޒަށް ނިސްބަތް ކުރެއްވީ، "ހޮޅި މުއިއްޒު"ގެ ގޮތުގަ އެވެ.

އެވާހަކަތަކަށް ރައްދު ދެއްވައި ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރައީސް ނަޝީދުގެ އެ އަމަލަކީ ސީދާ އެންޓީ ކެމްޕެެއިނެއް ކަމަށާއި އެވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. ޑިމޮކްރަސީގައި އޮންނަނީ ކެމްޕެއިން ކުރުން ކަމަށާއި އެގޮތަށް އެންޓި ކެމްޕެއިން ކުރުމަކީ ޑީމޮކްރަސީގެ އަމަލެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޑިިމޮކްރަސީގެ ޗެޕްމިއަނުން އެގޮތަށް ވާހަކަ ދެއްކުމުން ބަލައި ނުގަނެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ތެދެއްމެ، އަޅުގަނޑުގެ ބައްޕައަކީ ފަހުރުވެރިކަމާ އެކު ހއ. ވަށަފަރުގެ ދަރިއެއް. އަޅުގަނޑު އެކަމަށް ވަރަށް ފަހުރުވެރިވަން... އެ ވާހަކަ ދެއްކެވި ބޭފުޅަކަށް ނޭނގުނީ ކަމަށް ވެސް ވެދާނެ ނޫނީ އެ ބޭފުޅުންގެ އަބަދުވެސް މިޒާޖު ކަމަށް ވެސް ވެދާނެ ދޮގެއް ހެދެން އޮއްވައި ތެދެއް ހަދައިގެން ނުވާނެ ކަމާއި ހަގީގަތް އޮޅުވާލައި ފޮރުވުމަކީ އެ ބޭފުޅުންގެ ސިޔާސީ އުކުޅެއް ކަަމަށް ވެސް ވެދާނެ،" މުއިއްޒު ވިދާޅުވި އެވެ.

ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި މުއްއިޒު ވަހާހަކަ ދައްކަވަނީ: ނަޝީދުގެ ވާހަކަކީ އެންޓީ ކެމްޕެއިން ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދު ސައިދު

ޕީޕީއެމްގެ ނައިބު ރައީސް ކަންވެސް ކުރައްވަމުން ގެންދަވާ މުއިއްޒު ވިދާޅުވީ، އޭނާ އަކީ، އަމިއްލަ ވާހަކަ ދައްކާ އަދި ބަޔަކު ދައްކާ ވާހަކަތަކަށް ރައްދު ދޭ މީހެއް ނޫން ކަމަށެވެ. ނަމަވެސް ހަގީގަތާ ހިލާފަށް ބަަޔަކު މީހުން ވާހަކަ ދައްކާ ނަމަ އަދި އިންތިހާބުގައި ވާދަކުރައްވައި ވޯޓު ހޯދަން ރައްޔިތުންގެ ކުރިމައްޗަށް އޭނާ ނުކުމެވަޑައިގެން ހުންނެވުމުން އެވާހަކަތަކުގެ ހަގީގަތް ސާފުކޮށްދިނުމަށް ބޭނުންވާ ކަމަަށެވެ.

"އަޅުގަނޑުގެ މަންމަ އަކީ މާލޭ މީހެއް. މާލޭ ރައްޔިތެއް، މާލޭ ރަށްވެއްސެއް. ފަހަރުގައި އެބޭފުޅުންނަށް ނޭނގުނީ ކަމަށް ވެދާނެ. އަޅުގަނޑުގެ މަންމަގެ އާއިލާ އަކީ މާލޭގެ އާއިލާއެއް. މުނިކާފައިން ފެށިގެން އަދި އެ އަށް ވުރެން ވެސް ދުރަށް މާލޭގެ ރައްޔިތުން އަޅުގަނޑުގެ މަންމަގެ އާއިލާ އަކީ،" ދެވަނަ ފަހަރަކަށް އެވާހަކަތައް ތަކުރާރު ނުކުރައްވާނެ ކަމަށް ވިދާޅުވެ، މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، މާފަންނުން ކޮޅުން، މާފަންނު އުތުރު ދާއިރާ އަދި ހާއްސަކޮށް ފަރީދީ މަގުގެ ގިނަ ގެތަކެއް ނިސްބަތް ވަނީ މަންމަގެ އާއިލާއަށް ކަމަށެވެ.

"އަޅުގަނޑު ނަސަބު އެއީ އަޅުގަނޑަކަށް މާ މުހިންމު އެއްޗެއް ނޫން. ކޮންމެ މީހަކު ކޮންމެ ތަނަކުން އަޔަސް އެމީހަކު ތަފާތުވެގެން ދަނީ ﷲ ސުބުހާނަހޫ ވަތައާލާއާ އެމީހަކާ ދެމެދު އޮންނަ ގުޅުމެއްގެ މައްޗަށް،" މުއިއްޒު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތައް މުއިއްޒު ސިފަކުރެއްވީ އެއީ މާލެ މީހުންނާއި ރާއްޖޭގެ އެހެން ރަށްތަކުގެ މީހުންނާ ތަފާތު ކުރުމުގެ ގޮތުގަ އެވެ. އަދި މި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ނިސްވަތްވާ ބައެއް މަޖިލިސް މެމްބަރުންނަށް ވެސް ވަރަށް ބޮޑަށް އެ ވިސްނުން ގެންގުޅުއްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން މަޝްރޫއުތައް ހިންގުމުގައިވެސް އެ ތަފާތުކުރުން މި ސަރުކާރުން ގެންގުޅުއްވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަތޮޅުތެރޭ ރަށެއްގައި މަގެއް ހަދަންޏާވެސް އެ ނުވޭ ރަނގަޅު ފެންވަރެއްގައި ހަދައިގެން. އެކަމާ އެބޭފުޅުން [ސަރުކާރު ވަޒީރުން] ކަންބޮޑުވޭ. މޭލޭގައި އެކަނި މި ޖެހެނީ ތާރުއަޅައިގެން އަގުބޮޑުކޮށް ހަދަން. ރަށެއްގައި ހަދަންޔާ މިޖެހެނީ ވެލިމަތީ ސިމެންތިކޮޅެއް އަޅައި އެކަހަލަ ގޮތަކަށް ހަދަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އެގޮތަށް ތަފާތުކުރުންތައް ގެންގުޅުމަކީ އެއްގޮތަކަށް ވެސް ގައުމުދެކެ ލޯބިވާ، އެންމެންނަކީ ހަމަހަމަ ބައެއް ކަމުގައި ދެކޭ އެއްވެސް ރައްޔިތަކު ގަބޫލުކުރާނެ ކަމެއް ނޫނެވެ. މި އަންނަ ކައުންސިލް އިންތިހާބަކީ އެ ކަންކަން ހުއްޓުމަކަށް ގެންނަ ރަނގަޅު ފުރުސަތެއް ކަމަށް މުއިއްޒު ފާހަގަ ކުރެެއްވި އެވެ.

މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އަބަދުވެސް ވެރިކަަމަށް ވަޑައިގަތުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް ވިދާޅުވަމުން އަންނަ ވާހަކަ އަކީ އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެ ކަމަށެވެެ.

އެންމެފަހުން މިދިޔަ ހުކުރު ދުވަހު އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ތަރައްގީގެ މަޝްރޫއުތައް މަރުކަޒީ އުސޫލުން ހިންގުމުގެ ހިތި ނަތީޖާ އެންމެ ބޮޑަށް ފެންނަ އޮތީ ވެރިރަށް މާލެއިން ކަމަށާއި ރަށްތައް ފަޅުވެ، މާލެ ތޮއްޖެހުމުގެ މައްސަލަ ބަހުސަކަށް ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

comment ކޮމެންޓް