ކޮރޯނާގެ ބިރާ އެކު އިޓާލިއަން ލީގުގެ މެޗުތައް ފަސް ކުރަނީ

ޗައިނާގެ ވޫހާން ސިޓީއިން ފެތުރިގެން އައި ނުރައްކާތެރި ކޮރޯނާ ވައިރަސް (ކޮވިޑް-19)ގެ ކޭސްތަކެއް އިޓަލީން ފެނުމުން، އެގައުމުގެ ލީގުގެ ބައެއް މެޗުތައް ފަސްކޮށްފި އެވެ.

ކޮވިޑް 19 ގެ ނުރައްކާ މުޅި ދުނިޔެއަަށް ވެސް ފޯރާފައިވާ އިރު އިޓަލީން އެ ވައިރަހުގެ އަސަރު މިހާތަނަށް ދެ ސަރަހައްދަކުން ވަނީ ފެނިފަ އެވެ. އެހެން ކަމުން އެ ދެ ސަރަހައްދުގައި ކުޅިވަރުގެ އެއްވެސް ހަރަކާތެއް މިދުވަސްކޮޅު ކުރިއަށް ނުގެންދާނެ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ގިއުސެޕޭ ކޮންޓޭ ވަނީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

ކޮންޓޭ ވިދާޅުވީ، އިޓަލީގެ ލޮމްބާޑީއާއި ވެނެޓޯ ސަރަހައްދުތަކުގައި އެއްވެސް ކުޅިވަރުގެ ހަރަކާތެއް މިދުވަސްކޮޅު ނުކުޅެވޭނެ ކަމަށެވެ. އެއާ އެކު އިޓާލިއަން ފުޓުބޯޅަ ލީގުގެ ތިން މެޗެށް ވެސް ވަނީ ކެންސަލް ކުރަން ޖެހިފަ އެވެ. އެގޮތުން ރޭ އިންޓަ މިލާނާއި ސަމްޕްޑޯރިއާ ވާދަކުރަން އޮތް މެޗާއި ވެރޯނާ އާއި ކަލިއާރީ އަދި އެޓަލާންޓާ އާއި ސަސޮލޫގެ މެޗު ވަނީ ފަސްކޮށްފަ އެވެ.

މީގެ އިތުރުން އިޓަލީގެ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ އިތުރުން ޔޫތް މުބާރާތްތަކުގެ ގިނަ މެޗުތަކެއް ވެސް ވަނީ މުއްދަތެެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ.

އިޓަލީގައި ކޮވިޑް 19 ޖެހިގެން ދެ މީހަކު މިހާތަނަށް މަރުވެފައިވާ އިރު އިތުރު ބައެއް މީހުންނަށް ވެސް މި ވައިރަސް ޖެހިފައިވާ ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި މި ވައިރަސް ފެނުނު ސަރަހައްދުތަކުގެ ސްކޫލުތަކާއި އޮފީސްތައް ވެސް މިހާރު ބަންދުކޮށްފައިވާ އިރު މުހިއްމު ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ.

ޗައިނާގެ ހުބޭއީ ޕްރޮވިންސުން މިދިޔަ ޑިސެމްބަރު މަހު ފެނުނު މި ބަލީގެ ސަބަބުން އެގައުމުން 75،567 ކޭސް ރިޕޯޓްކޮށްފައިވާ އިރު 2239 މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. ޗައިނާ އިން ބޭރުން 1200 މީހުންނަށް ވައިރަހުގެ އަސަރުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޗާއިނާ އިން ބޭރުން 26 ގައުމަކުން މި ބަލި ފެނި އަށް މީހުން ވަނީ އެގައުމުތަކުން މަރުވެފަ އެވެ.

comment ކޮމެންޓް