ފަޒީލް މަގާމުން ދުރުކުރަން މެމޯ ފޮނުވުމަށްފަހު މެމޯ ބާތިލުކޮށްފި

އެމްއޭސީއެލް ގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް ނަން އެއިރޯގެ މަގާމުގައި ހުންނެވި ހުސައިން ފަޒީލް -- ފޮޓޯ: މަޖިލިސް

މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ (އެމްއޭސީއެލް)ގެ ޖެނެރަލް މެނޭޖަރު، ކޮމާޝަލް ނަން އެއިރޯގެ މަގާމުގައި ހުންނެވި ހުސައިން ފަޒީލް މަގާމުގެ މަސްއޫލިއްޔަތު ތަކުން ދުރުކޮށް އެ ޑިޕާޓުމެންޓުގެ ހިންގުން އެހެން ފަރާތަކާ ހަވާލު ކުރިކަމަށް ބުނެ ފޮނުވި މެމޯއެއް ބާތިލު ކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ފައިދާވާގޮތަށް ދޭން އުޅޭ މައްސަލާގައި ފަޒީލް ވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި އެމްއޭސީއެލްގެ އެޗްއޯޑީ އިންނަށް އެޑްރެސްކޮށް ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު މެމޯއެއް ފޮނުއްވީ ފަޒީލް ކޮމެޓީއަށް ހާޒިރުކުރުމުގެ ކުރިންނެވެ. މެމޯގައި ބުނެފައިވަނީ 2020 ފެބްރުއަރީ 19އިން ފެށިގެން ނަން އެއިރޯ ކޮމާޝަލް ސެކްޝަން ހިންގަވާނީ މުހައްމަދު ހިޝާމް ކަމަށެވެ.

ނަމަވެސް ދެ ގަޑިއިރަށް ދެމިގެން ދިޔަ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ނިމުމުން އެ މެމޯ ބާތިލުކޮށް ކުންފުނީގެ އެކްޓިން އެމްޑީ ސޮއި ކުރައްވާ ނެރުއްވި މެމޯގައި ބުނެފައިވަނީ ކުރިން ނެރުނު މެމޯ ބާތިލު ކޮށްފައިވާ ކަމަށެވެ.

އެމްއޭސީއެލްގައި 30 އަހަރު މަސައްކަތް ކޮށްފައިވާ ފަޒީލްއާއި ސުވާލު ކުރައްވަމުން ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ މެންބަރަކު ވަނީ ކޮމެޓީގައި ވަކި ގޮތަކަށް ވާހަކަ ދެއްކުމަށް އެއްވެސް ފަރާތަކުން އެއްވެސް އިރުޝާދެއް ފަޒީލް އަށް ދީފައިވޭތޯ ސުވާލު ކުރައްވައިފައެވެ. ފަޒީލް ވިދާޅުވީ އެފަދަ އިރުޝާދެއް ނެތް ކަމަށާއި ނަމަވެސް ކުންފުނީގެ ނަމަށް ހުތުރުވާނެ ގޮތަކަށް ވާހަކަ ނުދެއްކުމަށް އޭނާގެ ވެރިޔަކަށް ހުންނަވާ ބޭފުޅާ އެދިލެއްވި ކަމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ފަޒީލް ވިދާޅުވީ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ މުއާމަލާތްތައް ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއެކު ކޮށްފައިވާނީ އޭރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދިލް މޫސާއާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އޭނާ ވިދާޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު ކުންފުނީގެ ބޯޑަށް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވި ކަމަށާއި އެ ޕްރެޒެންޓޭޝަނުގައި ރެންޓަލް ރޭޓު ނަގާނެ ފަސް ސިނާރިއޯއެއް ހުށަހެޅުއްވި ކަމަށެވެ. ކުންފުންޏަށް ގެންލުންވާނެ ގޮތަކަށް އެއްވެސް ހުށަހެޅުމެއް ހުށައަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޮޑެތި ކަންތައްތަކުގައި ވަކިން އެމްޑީ އަރިހު ދަންނަވާ ކަމަށެވެ.

"ކޮންމެ ސިޓީއެއްވެސް ވަކި ޑައިރެކްޝަނެއް ދެއްވުމުން އެ ޑައިރެކްޝަނަށް ޑްރާފްޓްކޮށް ތައްޔާރު ކުރަނީ. ޑްރާފްޓު ކޮށްފައި، ހިއްސާ ކުރަން، އެއަށް އުނިއިތުރެއް ގެންނަން ބޭނުން ފުޅުވާނަމަ އުނި އިތުރު ގެނެސްފައި ފައިނަލް ކޮށްފައި ފޮނުވަނީ،"

https://sun.mv/131757

ފަޒީލް ސޮއިކުރައްވާ 2017 ސެޕްޓެމްބަރު 17 ވަނަ ދުވަހު ޓީއެމްއޭއަށް ފޮނުވި ސިޓީ އާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެ ސިޓީ އަކީ ޓީއެމްއޭ އާއެކު މަޝްވަރާ ކުރުމަށް ފޮނުވި ސިޓީއެއް ކަމަށާއި އެއީ ޓީއެމްއޭ އެދޭގޮތަށް، ފިކްސްޑް އަދި ވޭރިއަބްލް ރެންޓް ހިމެނޭ ގޮތަށް ޓާމިނަލްގެ ކުލި ބައްޓަން ކުރަން ހުށަހެޅި ހުށަހެޅުމެއް ކަމަށާއި އެއީ ކުންފުނީގެ ބޯޑަށް ހުށަހެޅިފައިވާ ހުށަހެޅުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ 2017 ވަނަ ޓީއެމްއޭ އަށް ޕްރޮޕޯޒްކޮށްފައިވާ 10.35 ޑޮލަރުގެ ވޭރިއަބްލް އަދި ފަސް ޑޮލަރުގެ ފިކްސްޑް ރެންޓަކީ އެމްއޭސީއެލް އަށް އެންމެ ފައިދާ ހުރި ހުށަހެޅުން ނޫން ކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް މި ކުއްޔަކި ސީޕްލޭން ޓާމިނަލްއަށް ކުރާ ހަރަދު 15 އަހަރުން ރިކަވާ ވާނެ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުށަހަޅާފައިވާނީ ކޮންމެ ތިން އަހަރަކުން މި ކުލި ރިވައިޒް ކުރަން ކަމަށް ފަޒީލް ވިދާޅުވިއެވެ.

"ބޯޑުގެ 255 ވަނަ ބައްދަލުވުމުގައި ބޯޑުގައި އެކަމާ ގުޅޭ މަޝްވަރާ ކުރެވި، ބޯޑުން ދެކިވަޑައިގަންނަވާ ގޮތް ކޮމްޕެނީ ސެކްރެޓަރީ އީމެއިލްގެ ޒަރިއްޔާ އިން އެކަން އަޅުގަނޑާ ހިއްސާ ކުރެއްވި. އެހެންވީމާ އަޅުގަނޑު ދެކެނީ އަޅުގަނޑުމެން ތައްޔާރު ކުރި ބޯޑު ޕޭޕަރު ބޯޑަށް ގޮސްފައި އޮތް ކަމަށް،" ފަޒީލް ވިދާޅުވިއެވެ.

އާ ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތަކާމެދު ބަހުސް ކުރެވެމުންދާއިރު، ފިނޭންސް މިނިސްޓްރީ އިން ނިންމާފައިވަނީ ޓީއެމްއޭ އަށް، މިހާރުވެސް އެކުންފުނިން ލައުންޖު އޭރިއާގެ ގޮތުގައި ބޭނުންކުރާ ވަރުގެ ސަރަހައްދެއް އާ ޓާމިނަލުން ދެ އަހަރަށް ކުއްޔަށް ދިނުމަށެވެ. އެއީ 10.35 މިލިއަން ޑޮލަރުގެ އަގަކަށެވެ.

comment ކޮމެންޓް