މަސައްކަތް ކުރީ އޭރުގެ އެމްޑީ އާދިލްގެ ލަފަޔާއެއްގޮތަށް: ފަޒީލް

އެމްއޭސީއެލްގެ ކޮމާޝަލް ޖެނެރަލް މެނޭޖަރު ހުސެން ފަޒީލް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުން -- ފޮޓޯ: މަޖިލިސް

އާ ސީޕްލޭން ޓާމިނަލްއާ ގުޅޭ މުއާމަލާތްތައް ޓްރާންސް މޯލްޑިވިއަން އެއާވޭސް އާއެކު ކޮށްފައިވާނީ އޭރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އާދިލް މޫސާ އާއި މަޝްވަރާ ކުރުމަށްފަހު ކަމަށް އެމްއޭސީއެލްގެ ކޮމާޝަލް ޖެނެރަލް މެނޭޖަރު ހުސައިން ފަޒީލް ވިދާޅުވެއްޖެއެވެ.

އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން އެމްއޭސީއެލް އާއި ޓީއެމްއޭ އާއި ދެމެދު ކުރެވިފައިވާ މަޝްވަރާތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ފަޒީލް މިއަދު ހާޒިރުކޮށްފައިވާއިރު، އޭނާ ވިދާޅުވީ ވަޒީފާގެ މަސްއޫލިއްޔަތަކީ އެއާޕޯޓުގެ ސީދާ މަތިންދާ ބޯޓާ ގުޅުންހުރި ހިދުމަތްތައް ފިޔަވާ އެއާޕޯޓުގައި ގާއިމްކުރެވޭ ވިޔަފާރި ހިދުމަތްތަކުގެ މުއާމަލާތްތަކާ ގުޅޭ މަސައްކަތްތައް ކަމަށެވެ.

ސީޕްލޭން ޓާމިނަލަކީވެސް މަސްއޫލިއްޔަތުގެ ދަށަށް ވަންނަ ކަމެއްކަން ފާހަގަކޮށް އޭނާ ވިދާޅުވީ އޭރުގެ ސަރުކާރުން 2015 ވަނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައި ކޮމަން ސީޕްލޭން ޓާމިނަލެއް ގާއިމް ކުރުމަށް އެމްއޭސީއެލް އަށް އިންސްޓްރަކްޝަނެއް ދީފައިވާ ކަމަށެވެ. އެމްއޭސީއެލް އިން މަސައްކަތް ކުރަމުން ގޮސްފައިވަނީ އެ ޑައިރެކްޝަނާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ކޮމާޝަލް ޖެނެރަލް މެނޭޖަރު ހުސެން ފަޒީލް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރު ކުރުން -- ފޮޓޯ: މަޖިލިސް

އާ ސީޕްލޭން ޓާމިނަލް އާ ގުޅޭ ފީޒިބިލިޓީ ކުރިއަށް ގެންގޮސްފައިވަނީ ކުންފުނިގެ ޕްރޮޖެކްޓްސް އަދި ފައިނޭންސް ޑިޕާޓުމެންޓު ގުޅިގެން ކަމަށާއި ފަޒީލްގެ މަސްއޫލިއްޔަތަކަށް އޮތީ އާ ސީޕްލޭން ޓާމިނަލުހެ ކޮމާޝަލް ޓާމްސް އާއި ރޭޓްސް ޕްރޮޕޯޒްކޮށް އެ ބޯޑަށް ގެންގޮސް މަޝްވަރާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދަޅުވީ 2017 ވަނަ އަހަރު ކޮމާޝަލް ޑިޕާޓުމެންޓުގެ ހެޑުގެ މަގާމު ހުސްވުމުން އޭނާ ރިޕޯޓު ކުރަމުން ގެންގޮސްފައިވަނީ އޭރުގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އަށް ކަމަށެވެ.

"އާދިލް މޫސާ އަށް ރިޕޯޓުކޮށްގެން ވިދާޅުވާ ގޮތަކަށް ކަންކަން ފުރިހަމަ ކުރަމުން ގެންދިޔައިން. އެގޮތުން މި ޕްރޖެކްޓާ ގުޅުންހުރި ކޮމާޝަލް ލިޔެކިޔުންތައް ތައްޔާރު ކުރުމުގައި އެތެރޭގައި ބޭއްވުނު މެނޭޖުމެންޓް ބައްދަލުވުން ތަކުގައިވެސް މަޝްވަރާ ކުރެވިފައިވާނެ. ސިޓީބިޓީ ތައްޔާރުކޮށް މަޝްވަރާ ކުރެވިފައިވާނެ. ސިޓީ ފައިނަލްކޮށްފައި [އާދިލް] އަށް ދައްކާފައިވާނެ. އެއަށް ފަހު ސިޓީ ފޮނުވާފައި ވާނީ،" އާ ސީޕްލޭން ޓާމިނަލް އާ ގުޅޭ ލިޔެކިޔުންތައް ބަދަލު ކުރެވުނު ގޮތާ ގުޅޭގޮތުން ފަޒީލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 2017 ވަނަ އަހަރު އެމްއޭސީއެލްގެ ބޯޑުން ފާސްކުރި ރިޒޮލިޔުޝަނެއްގެ ދަށުން އޭނާގެ މަސްއޫލިއްޔަތުގެ ދަށުގައިވާ އާންމްދަނީ ލިބޭ ނަން އެއިރޯ ކޮމާޝަލް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރު ކުންފުނީގެ ބޯޑުން އޭނާ އަށް ދިން ކަމަށެވެ.

ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ކުއްޔަށް ދިނުމާ ގުޅޭ މަޝްވަރާތައް ސިޓީގެ ޒަރިއްޔާ އިން ބަދަލުކޮށްފައިވާއިރު އެ ސިޓީތަކުގައި ސޮއިކޮށްފައިވަނީ ފަޒީލްއެވެ. އެނާ ކޮމެޓީ އަށް ހާޒިރުކޮށްފައިވަނީ އެކަމާ ބެހޭ މައުލޫމާތު ސާފު ކުރުމަށެވެ.

އޭނާ ވިދާޅުވީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު ކުންފުނީގެ ބޯޑަށް ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވި ކަމަށާއި އެ ޕްރެޒެންޓޭޝަނުގައި ރެންޓަލް ރޭޓު ނަގާނެ ފަސް ސިނާރިއޯ އެއް ހުށަހެޅުއްވި ކަމަށެވެ. ކުންފުންޏަށް ގެންލުންވާނެ ގޮތަކަށް އެއްވެސް ހުށަހެޅުމެއް ހުށައަޅާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ސިޓީއެއްވެސް ވަކި ޑައިރެކްޝަނެއް ދެއްވުމުން އެ ޑައިރެކްޝަނަށް ޑްރާފްޓްކޮށް ތައްޔާރު ކުރަނީ. ޑްރާފްޓު ކޮށްފައި، ހިއްސާ ކުރަން، އެއަށް އުނިއިތުރެއް ގެންނަން ބޭނުން ފުޅުވާނަމަ އުނި އިތުރު ގެނެސްފައި ފައިނަލް ކޮށްފައި ފޮނުވަނީ،" އޭނާ ވިދާޅުވީ ބޮޑެތި ކަންތައްތަކުގައި ވަކިން އެމްޑީ އަރިހު ދަންނަވާ ކަމަށެވެ.

ފަޒީލް ސޮއިކުރައްވާ 2017 ސެޕްޓެމްބަރު 17 ވަނަ ދުވަހު ޓީއެމްއޭ އަށް ފޮނުވި ސިޓީ އާއި ގުޅޭގޮތުން އޭނާ ވިދާޅުވީ އެ ސިޓީ އަކީ ޓީއެމްއޭ އާއެކު މަޝްވަރާ ކުރުމަށް ފޮނުވި ސިޓީ އެއް ކަމަށާއި އެއީ ޓީއެމްއޭ އެދޭގޮތަށް، ފިކްސްޑް އަދި ވޭރިއަބްލް ރެންޓް ހިމެނޭ ގޮތަށް ޓާމިނަލްގެ ކުލި ބައްޓަން ކުރަން ހުށަހެޅި ހުށަހެޅުމެއް ކަމަށާއި އެއީ ކުންފުނީގެ ބޯޑަށް ހުށަހެޅިފައިވާ ހުށަހެޅުމެއް ކަމަށެވެ.

އޭނާ ވިދާޅުވީ 2017 ވަނަ ޓީއެމްއޭ އަށް ޕްރޮޕޯޒްކޮށްފައިވާ 10.35 ޑޮލަރުގެ ވޭރިއަބްލް އަދި ފަސް ޑޮލަރުގެ ފިކްސްޑް ރެންޓަކީ އެމްއޭސީއެލް އަށް އެންމެ ފައިދާ ހުރި ހުށަހެޅުން ނޫން ކަމަށް ގަބޫލު ކުރައްވާކަމަށެވެ. ނަމަވެސް މި ކުއްޔަކި ސީޕްލޭން ޓާމިނަލް އަށް ކުރާ ހަރަދު 15 އަހަރުން ރިކަވާ ވާނެ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުށަހަޅާފައިވާނީ ކޮންމެ ތިން އަހަރަކުން މި ކުލި ރިވައިޒް ކުރަން ކަމަށް ފަޒީލް ވިދާޅުވިއެވެ.

"ބޯޑުގެ 255 ވަނަ ބައްދަލުވުމުގައި ބޯޑުގައި އެކަމާ ގުޅޭ މަޝްވަރާ ކުރެވި، ބޯޑުން ދެކިވަޑައިގަންނަވާ ގޮތް ކޮމްޕެނީ ސެކްރެޓަރީ އީމެއިލްގެ ޒަރިއްޔާ އިން އެކަން އަޅުގަނޑާ ހިއްސާ ކުރެއްވި. އެހެންވީމާ އަޅުގަނޑު ދެކެނީ އަޅުގަނޑުމެން ތައްޔާރު ކުރި ބޯޑް ޕޭޕަރު ބޯޑަށް ގޮސްފައި އޮތް ކަމަށް،" ފަޒީލް ވިދާޅުވިއެވެ.

އެމްއޭސީއެލް އަށް ބޭނުންވާ ސްޕޭސް ރިކުއަމެންޓު ބަލާފައިވަނީ ކުންފުނީގެ ޕްރޮޖެކްޓް ޑިޕާޓުމެންޓުން ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ޓީއެމްއޭ އަށް ބޭނުންވާ ސްޕޭސް ރިކުއަމެންޓަކީ 31،000 އަކަމީޓަރު ކަމަށް ކަނޑައެޅީ ބަލަންޖެހޭ ކަންތައް ބެލުމަށްފަހު، ޕްރޮޖެކްޓު ޑިޕާޓުމެންޓުން ކަމަށެވެ.

ފަޒީލް ވިދާޅުވީ 25 ނޮވެމްބަރު 2017 ގައި ކުންފުނީގެ ބޯޑަށް ހުށަހެޅި ކަރުދާހުގައިވާނީ 31،000 އަކަމީޓަރުގެ ސަރަހައްދެއް ޓީއެމްއޭ އަށް ދިނުމަށް ކަމަށާއި އޭގެ ތެރޭގައި ލައުންޖު އޭރިއާގެ އިތުރުން އެމްއާރުއޯ އަދި ސަޕޯޓު ފެސިލިޓި ހިމެނޭ ކަމަށް ފަޒީލް ވިދާޅުވިއެވެ. ފަޒީލް ވިދާޅުވީ އެކަމާ ގުޅޭ ސިޓީއެއް އެމްއޭސީއެލް އިން ޓީއެމްއޭ އަށް ފޮނުވާފައިވަނީ ޑިޕާޓްމެންޓު ލެވެލްގައި މަޝްވަރާ ކުރުމަށްފަހު، އެމްޑީގެ ހުއްދަ އާއެކު ކަމަށެވެ.

ފަޒީލް ވިދާޅުވީ 10.35 ޑޮލަރުގެ ވޭރިއަބްލް އަދި ފަސް ޑޮލަރުގެ ފިކްސްޑް ރެންޓުގެ އެގްރިމެންޓަށް ދާން ފާސް ކުރި ނަމަވެސް އެކަމަށް ބޯޑް ރިޒޮލިޔުޝަނެއް ނޯންނާނެ ކަމަށެވެ.

"އޭރު އަޅުގަނޑުމެން ދިޔައީ ހަމައެކަނި ޓީއެމްއޭ އާއެކު ޑްރާފްޓް އެގްރިމެންޓެއް އެކުލަވާލާ، ރެންޓަލް ފީ ފިޔަވައި ދެން ހުރި ޓާމްސް ތަކަށް ދެ ފަރާތުން އެއްބަސްވެވޭނެ ގޮތަކީ ކޮބައިތޯ ބަލަމުން. އެ މަސައްކަތް އެގޮތަށް ހިނގި އޮކްޓޯބަރު މެދެއްހައި ހިސާބަށް. އޭގެ ފަހުން އެކަންވެސް ހުއްޓުމަކަށް އައިސްފައި އޮތީ،" ފަޒީލް ވިދާޅުވިއެވެ.

ސަރުކާރު ބަދަލުވިއިރު ޑްރާފްޓު އެގްރިމެންޓެއް އެކުލަވާލާ އެމްއޭސީއެލް އާއި ޓީއެމްއޭ އިން މަޝްވަރާ ކުރަމުންދިޔަކަން ފާހަގަ ކުރައްވާ ފަޒީލް ވިދާޅުވީ މަޝްވަރާތައް ދިގުވެއްޖެ ކަމަށާއި ސޮއިކުރުން އަވަސް ކުރުމަށް އޭރުގެ އެމްޑީ އާދިލް މޫސާ ވިދާޅުވި ކަމަށެވެ.

"އެމްއޭސީއެލް އާއި ޓީއެމްއޭ އާއެކު ބޭއްވޭ މަޝްވަރާތަކުގައި މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ އަޅުގަނޑާ އެކު ބައިވެރިވެ ވަޑައިގަންނަވާ ގިނަ ފަހަރަށް. އަޅުގަނޑުމެން ބޭއްވި ބައްދަލުވުމެއްގައި އިޝާރާތް ކުރެއްވި، މިހާރު ފުދޭވަރަކަށް ދިގުލައިގެން ގޮސްފިކަމަށް މަޝްވަރާތައް، ޓާމްސްތައް ރިވިއު ކުރުމަށްވެސް. އެގްރިމެންޓުގައި ވީހާވެސް އަވަހަކަށް ސޮއިކުރަން ތިމަންނަމެން ބޭނުމޭ. އެންމެ ފަހުން އެގޮތަށް ވިދާޅުވީ ނޮވެމްބަރު މަހުގެ ފުރަތަަމަ ހަފްތާ،" ފަޒީލް ވިދާޅުވިއެވެ.

އާ ސީޕްލޭން ޓާމިނަލް ހިންގާނެ ގޮތަކާމެދު ބަހުސް ކުރެވެމުންދާއިރު، ފިނޭންސް މިނިސްޓްރީ އިން ނިންމާފައިވަނީ ޓީއެމްއޭ އަށް، މިހާރުވެސް އެކުންފުނިން ލައުންޖު އޭރިއާގެ ގޮތުގައި ބޭނުންކުރާ ވަރުގެ ސަރަހައްދެއް އާ ޓާމިނަލުން ދެ އަހަރަށް ކުއްޔަށް ދިނުމަށެވެ. އެއީ 10.35 މިލިއަން ޑޮލަރުގެ އަގަކަށެވެ.

comment ކޮމެންޓް