ކޮރޯނާވައިރަސްއާ ހެދި ޓީޗަރުންގެ މުސާރަ ބޮޑުކުރުން މަޑުޖެހިއްޖެ

އިއްޒުއްދީން ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހްއާއެކު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ--- ސަން ފޮޓޯ: ފަޔާޒް މޫސާ

ޓީޗަރުންގެ މުސާރަ ބޮޑުކުރަމަށް އެކުލަވާލި މުސާރައިގެ އޮނިގަނޑު އެކުލަވާލިތާ ހަމަސްވެއްޖެ އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.

މިދިޔަ އޮގަސްޓުގައި، ޑރ. އައިޝަތު އަލީ ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމުގެ ގޮތުން ރައީސް އޮފީހާ ގުޅިގެން މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އޭރު މިނިސްޓަރު ވިދާޅުވީ ޓީޗަރުންގެ އޯވާޓައިމްއަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސް އިތުރު އިނާޔަތްތައް ދިނުމަށް މަޝްވަރާކުރި ކަމަށެވެ. މިދޔަ ނޮވެމްބަރު މަހު މިނިސްޓަރު މަޖުލީހުގައި ވިދާޅުވީ މުސާރައިގެ އޮނިގަނޑު ޕޭ ކޮމިޝަނާވެސް ހިއްސާކުރި ކަަމަށެވެ.

މުވައްޒަފުންނަށް މުސާރަދިނުމަށް ފަހު އެހެނިހެން ކަންކަމަށް ހަރަދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުގައި މާބޮޑު އެއްޗެއް ނޯންނަކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

https://sun.mv/125489

ޓީޗަރުންގެ މުސާރައިގެ އޮނިގަނޑުތަކާ ގުޅިގެން ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މުސާރައިގެ އޮނިގަނޑުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ނަމަވެސް މިދުވަސްވަރު ކޮރޯނާ ވައިރަސް ފެތުރެމުންދާތީ އިގްތިސާދީ ގޮތުން ކުރަމުންދާ އަސަރުތައް ކުޑަކުރުމުގެ ގޮތުން ހަރަދުކުޑަކުރަން އެ މިނިސްޓްރީން ސާކިއުލާއެއް ނެރެފައި އޮއްވާ އެކަމާ ވަކި އެެއްޗެއް ހާމަކުރަން މިނިސްޓްރީން މިވަގުތު ބޭނުންނުވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ، ވީހާވެސް ބޮޑަށް ރިކަރެންޓް ހަރަދު ކުޑަ ކުރުމަށް ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ހިނގާ ހަރަދު، އިދާރީ ހިންގުމުގެ ހަރަދު، ދަތުރުފަތުރުގެ ހަރަދު އަދި މަރާމާތާ ބެލެހެއްޓުމުގެ ހަރަދު ކުޑަކުރުމަށް ސާކިއުލާ ނެރެފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އަމީރު ވިދާޅުވީ ކޮރޯނާ ވައިރަސްގެ ގެއްލުންތައް އިގްތިސާދުން ފެންނަން ފަށާނީ ދެތިން މަސް ފަހުން ކަމަށެވެ.

comment ކޮމެންޓް