މުވައްޒަފުންނަށް މުސާރަދީފައި ބަޖެޓްގައި މާބޮޑު އެއްޗެއް ނޯވޭ: މިނިސްޓަރު

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ ގައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވާހަކަ ދައްކަވަނީ---ފޮޓޯ: މަޖިލިސް

މުވައްޒަފުންނަށް މުސާރަދިނުމަށް ފަހު އެހެނިހެން ކަންކަމަށް ހަރަދުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުގައި މާބޮޑު އެއްޗެއް ނޯންނަކަމަށް މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީ ގައި އިއްޔެ ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ތައުލީމީ ދާއިރާއިން މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އިންފްރާސްޓްރަކްޗާގެ މައްސަލަ ކަަމަށެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އެއްދަންފަަޅިއަށް ބަދަލުކޮށް އެ ހުރިހާ ސްކޫލްތަކެއްގައި ވަށާޖެހޭ ތައުލީމު ފޯރުކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއް ނަމަވެސް އެކަން ހާސިލް ކުރަން ބަޖެޓްގެ ދަތިކަން ހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިގޮތުން ގިނަ ސްކޫލުތައް އެންދަންފަޅިއަށް ހަދާނެ އިންފްރާސްޓްރަކްޗާއެއް ނެތް. އަދި ހަމަ މެމްބަރުންނަށް ހަމަ ވަރަށް ރަނގަޅަށް އެނގިވަޑައިގެންނަވާނެ ކްލާސްރޫމްގެ ދަތިކަން އެބަހުރި މުދައްރިސުން ތިބޭނެ ތަންކޮޅެއް ނެތް ފާހާނާ ނެތް ސްކޫލްތައް އެބަހުރި. ބައިވަރު އުމްރާން ވަސީލަތްތައްވެސް އަޅުގަނޑުމެންނަށް އެބަ ބޭނުންވޭ. ހިއުމަން ރިސޯސާސްވެސް އެބަ ބޭނުންވޭ" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއިން ރަނގަޅު ޓްރެއިންވެފައި ތިބި ޓީޗަރުން ލިބުން މަދުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެއިން ބޭރުންވެސް ގާބިލް ޓީޗަރުން ލިބުމުގައި ދަތިތައް އެބަހުރި ކަމަށެވެ.

"ވަސީލަތެއް ހޯދުމުގައި އަޅުގަނޑުމެންނަށް ދިމާވާ އެއްމެ ބޮޑު އެއް ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން. ހީފުޅުކުރައްވާފާނޭ އެންމެ ބޮޑު ބަޖެޓު ލިބިފައި އޮންނަ މިނިސްޓްރީއަކީ އެޑިއުކޭޝަން މިނިސްޓްރީއޭ. އެކަމުވެސް ބަޖެޓުގެ ބޮޑުބައެއް މިދަނީ ހަގީގަތުގައި މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި. ވަރަށް މަދުއެތިކޮޅެއް މަދަރުސާތަކުގެ ހާލަތު ރަނގަޅުކުރުމަށާއި މަދަރުސާތަކުގެ ހާލަތު ރަނގަޅުކޮށް ލާނިން އެންޑް ޓީޗިން ރަނގަޅުކުރުމަށް ލިބިފައި މިއޮތީ. " މިނިސްޓަރު ވިދާޅުވި އެވެ.

ދާދި ފަހުން ޓިޗަރުންގެ މުސާރަ ބޮޑުކުރަން އާ އޮނިގަނޑެއްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ.

comment ކޮމެންޓް