ބަންގްލަދޭޝް މީހުންނަށް ވުރެ ގިނައިން ދިވެހިން ދަނޑަށް ވަނުމަށް މާޒިޔާ އެދިއްޖެ

މާޒިޔާއާއި އަބަހާނީ ޑާކާ ބައްދަލު ކުރާ މެޗުގެ ކުރިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގައި ގަލޮޅު ދަނޑުގައި މާދަމާ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި މާޒިޔާ ކުޅޭ މެޗު ބެލުމަށް ބަންގްލަދޭޝްގެ ރައްޔިތުންނަށް ވުރެން ގިނަ ދިވެހިން ވަނުމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީއާއި އެ ޓީމުގެ ކެޕްޓަން މުހައްމަދު އިރުފާން ދިވެހިންގެ ކިބައިން އެދިއްޖެ އެވެ.

ބަންގްލަދޭޝްގެ ބަންގު ބަންދު ސްޓޭޑިއަމުގައި މިދިޔަ ހަފުތާ ކުޅުނު ފުރަތަމަ ލެގުގެ މެޗު ވާދަވެރި ކުޅުމަކަށްފަހު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެއާ އެކު މާދަމާގެ މެޗުން 0-0 ނުވަތަ 1-1 ގެ ނަތީޖާއަކުން ނިމުނަސް އަވޭ ގޯލަށް ބަލާއިރު މާޒިޔާއަށް ކުރި ލިބޭނެ އެވެ.

މި މެޗު ރާއްޖޭގައި ކުޅޭ އިރު ހޯމް އެޑްވާންޓޭޖް މާޒިޔާއަށް ލިބޭ އިރު، ރާއްޖޭގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ ބަންގްލަދޭޝް ރައްޔިތުން ދަނޑަށް ވަންނާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

އެހެން ކަމުން މާދަމާގެ މެޗަށް ގައުމީ ރޫހުގައި ގިނަ ދިވެހިން ވަނުމަށް އެދޭ ކަމަށް މާޒިޔާގެ ކޯޗު ސެކުލޮސްކީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ބުނެފަ އެވެ.

"އަހަރެން ބޭނުން ރާއްޖޭގެ ތިބި ހުރިހާ ފުޓުބޯޅަ ސަޕޯޓަރުންނަށް މެސެޖެއް ދޭން. މާދަމާ މާޒިޔާ ކުޅޭ އިރު އެއީ ހަމަ ދިވެހި ޓީމު ކަމަށް ދެކެން ޖެހޭ. މާދަމާ މެޗު ކުޅެނީ ދިވެހި ފަސްގަނޑުގައި. އެކަމަކު މެޗު ބަލަން ހާހެއް ދެހާހެއްހައި ބަންގްލަދޭޝް ރައްޔިތުން ވަދެފައި ދިވެހި 300 މީހުން ވަދެއްޖެ ނަމަ ވަރަށް ދެރަވާނެ،" ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ ބުނީ މާޒިޔާއަކީ ކުލަބެއް ނަމަވެސް މި މުބާރާތުގައި ތަމްސީލު ކުރަނީ ދިވެހި ރާއްޖެ ކަމަށެވެ. އެހެން ވީމާ ވީހާވެސް ގިނަ ދިވެހިން މެޗު ބެލުމަށް ވަދެގެން ޓީމަށް ހޯމް އެޑްވާންޓޭޖް ހޯދައިދޭން މަސައްކަތް ކުރުމަށް އޭނާ ވަނީ އެދިފަ އެވެ.

ކުރީ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ މާޒިޔާއިންނެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އަބަހާނީއިން ގޯލެއް ޖަހައި އެއްވަރު ކުރި އިރު ދެވަނަ ހާފުގައި ވެސް މާޒިޔާ ލީޑު ނެގުމުން އަބަހާނީ ރައްދުގައި ގޯލެއް ޖެހި އެވެ. ސެކުލޮސްކީ ބުނީ އެ މެޗުގައި މާޒިޔާއަށް ތިން ޕޮއިންޓް ނުލިބުނީ ނުކުޅެވިގެން ނޫންކަމަށެވެ. ނަމަވެސް މެޗުގައި ހެދުނު ގޯސްތަކަކުން ކަމަށެވެ.

"އިދިކޮޅު ޓީމުގެ ކުޅުންތެރިން ދިގުވެގެންނެއް ނޫން އެ ޓީމު ގޯލުތައް ޖެހީ. އަހަރުމެންގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ސަބަބުން. އެމެޗުގެ ތަޖުރިބާއާ އެކު މާދަމާގެ މެޗަށް ނުކުންނާނީ ގޯހެއް ނުހަދާ ކުޅެގެން މޮޅުވާން،" ސެކުލޮސްކީ ބުންޏެވެ.

ސެކުލޮސްކީ އިތުރަށް ބުނީ މާދަމާގެ މެޗަށް ތައްޔާރުވާން މާޒިޔާއަށް ދުވަސް ލިބިއްޖެ ކަމަށެވެ. އަދި މެޗަށް ފުރިހަމައަށް މިހާރު ތައްޔާރުވެފައިވާ އިރު އެންމެ ފަހުގެ ޓީމް ސެލެކްޝަން އެކުލަވާލާނީ މިއަދުގެ ފަހު ފަރިތަކުރުމަށް ފަހުގައި ކަމަށެވެ.

comment ކޮމެންޓް