ސްރީލަންކާއާއި އިންޑިއާގެ ބޮޑުވަޒީރުން ބައްދަލުކުރައްވައިފި

މޯދީއާއި މަހިންދަ ރާޖަޕަކްސަ ނިއުދިއްލީގައި ބައްދަލުކުރައްވަނީ

ނިއުދިއްލީ (9 ފެބްރުއަރީ 2020) : ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިންޑިއާއަށް ކުރައްވާދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާ ބައްދަލުކުރައްވައިފި އެވެ.

ދިއްލީގައި ހުންނަ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ކަމަށްވާ ރާސްތުރަޕަތީ ބަވަންގައި މޯދީ އާއި ރާޖަޕަކްސަ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތައް މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ އިންޑިއާއާއި ސްރީލަންކާއާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާ ބެހޭ ގޮތުންނާ އަދި އަމަނާ ބެހޭ ދާއިރާގައާއި ޖާސޫސީ ކަންތައްތަކުގައި އެއް ގައުމު އަނެއް ގައުމަށް އެހީތެރިވެ މައުލޫމާތު ބަދަލު ކުރުމާ ބެހޭ ގޮތުންނެވެ. މިގޮތުން ޖާސޫސީ ދާއިރާގައި އިންޑިއާގެ ފަންނީ އެހީތެރިކަން ސްރީލަންކާއަށް ދިނުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. މިއީ ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ މިދިޔަ ނޮވެމްބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވެސް މޯދީ އާ މަޝްވަރާ ކުރެއްވި ކަންތައްތަކެވެ.

އިންޑިއާއާއި ސްރީލަންކާގެ ޚާއްސަ ގުޅުންތަކުގެ އިތުރުން އިންޑިއާ ކަނޑުގެ ރައްކާތެރިކަމާ ބެހޭ ގޮތުންނާ އިންޑިއާ ކަނޑުގެ ގައުމުތަކާ އިންޑިއާއާ ދެމެދުގައިވާ ގުޅުންތަކާ ބެހޭ ގޮތުން އިންޑިއާ ގެންގުޅޭ ސިޔާސަތާ ބެހޭ ގޮތުން ވެސް މޯދީއާއި ރާޖަޕަކްސަ މަޝްވަރާކުރެއްވި އެވެ. މި މަޝްވަރާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވެވި އެވެ. މި ސެޝަންގައި މޯދީ ވަނީ ޓެރަރިޒަމްއާއި ދެކޮޅަށް ސްރީލަންކާ ކުރާ މަސައްކަތްތަކަށް ތައުރީފް ކުރައްވައި އެމަސައްކަތްތަކަށް އިންޑިއާ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ. މިގޮތުން ސްރީލަންކާގެ ޖާސޫސީ އިދާރާ އިތުރަށް ވަރުގަދަކޮށް ޓެރަރިޒަމްގެ ރޭވުންތައް ދުރަލާ ދެނެގަތުމުގެ ގާބިލްކަން އެ އިދާރާގައި އުފެއްދުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އިންޑިއާއިން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން މޯދީ ދެއްވި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ މިސެޝަންގައި ރާޖަޕަކްސަވަނީ އިންޑިއާގެ ޚާރިޖީ ސިޔާސަތަށް ތައުރީފް ކުރައްވާފަ އެވެ. އަދި އިންޑިއާއާ މެދު ސްރީލަންކާއިން ދެކެނީ އެގައުމުގެ އެންމެ ގާތް އަވަށްޓެރިޔާގެ ގޮތުގައި ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވި އެވެ. ސްރީލަންކާގެ ބޮޑުވަޒީރު އިންޑިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. (އިންޑިއާގެ މީޑިއާ)

comment ކޮމެންޓް