މަގުމަތީގެ ގަވާއިދުތަކަށް ބޯލަނބާ މީހުންނަށް ހަދިޔާ!

ފޮޓޯ-- އެލައިޑް އިންޝުއަރެންސް

ޓްރެފިކް ބަލަހައްޓާ ފުލުހުންގެ ފަރާތުން އާންމުކޮށް ފެންނަ އެއް ކަމަކީ މަގުމަތީގައި ޗެކްޕޮއިންޓް ޖަހައި، ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ޖޫރިމަނާ ސްލިޕްކޮޅެއް ދޭ ތަނެވެ. އަދި ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ ސައިކަލުތަކުގައި ޕާކިންގް ސްޓިކާ ޖަހާ މަންޒަރެވެ. އެއާ ހިލާފަށް މިއަދު ފެނުނީ ވަރަށް ތަފާތު މަންޒަރެކެވެ. ޒޯނުގައި ޕާކުކުރާ ސައިކަލުތަކުގައި ވެސް ސްޓިކާ ޖަހަނީ އެވެ. ނަމަވެސް އާދައިގެ މަތިން ސްޓިކާ ޖެހުމުން އާންމުންގެ މޫނުމަތިން ފެންނަ ރުޅިވެރިކަމެއް ވެސް ނުފެނެ އެވެ.

މިއީ ކިހިނެއްވާ ކަމެއްތޯ ބަލައިލަން ގޮސް ފުލުހަކާ ސުވާލު ކޮށްލުމުން ބުނީ މިއީ އެލައިޑް އިންޝުއަރެންސްއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ. ގަވާއިދާ އެއްގޮތަށް އުޅޭ މީހުންނަށް ދެނީ ޖޫރިމަނާ ސްލިޕްކޮޅެއް ނުވަތަ ޖޫރިމަނާގެ ސްޓިކާއެއް ނޫނެވެ. އެއީ ގަވާއިދަށް ކަމޭހިތާ މީހުންނަށް އެލައިޑުން ދޭ ހަދިޔާ ކޫޕަނެއް ކަމެވެ. ސްޓިކާ ޖަހާ ސައިކަލުތަކުގެ ވެރިންގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް އަންނަނީ މިހެން ވެގެންނެވެ.

މި ކެމްޕޭނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެލައިޑްގެ މާކެޓިންގް މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ މިއީ އެލައިޑްގެ 35 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 'ގުޑް ސިޓިޒަން ކެމްޕޭން'ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

"މި ކެމްޕޭނުގެ ދަށުން މަގުމަތީގެ ގަވާއިދުތަކަށް ބަރާބަރަށް ކަމޭހިތާ ފަރާތްތަކަށް ސްޓިކާއެއް މި ދެނީ. ސްޓިކާއިން ލިބޭނީ އެކިއެކި އިނާމުތައް." ނިއުޝާދު ވިދާޅުވި އެވެ.

މިގޮތުން ދޭ އިނާމުތަކުގެ ތެރޭގައި އެލައިޑްގެ އިންޝުއަރެންސް ޕޮލިސީތަކުން 35 ޕަސެންޓުގެ ޑިސްކައުންޓާއި އެކި ކުންފުނިތަކުން ދީފައި ހުންނަ ސްޕޮންސާ ހަދިޔާ ވެސް ހިމެނެ އެވެ. އޭގެ ތެރޭގައި އެފްއެސްއެމްގެ 35 ރުފިޔާގެ ފިއުލް ވައުޗާއާއި މޯލްޑިވިއަންއިން ސްޕޮންސާކުރާ ދަތުރުތައް ވެސް ހިމެނެ އެވެ.

އެލައިޑުން ކުރިއަށްގެންދާ ގުޑް ސިޓިޒަން ކެމްޕޭނުގެ ތެރެއިން-- ފޮޓޯ/އެލައިޑް

ފިއުލް ވައުޗާ ފަދަ ބައެއް ހަދިޔާތަކަކީ ވަގުތުން ވަގުތަށް ލިބޭ ހަދިޔާތަކެވެ. އަނެއް ބައި ހަދިޔާތައް ލިބިގަތުމަށް އެލައިޑުން ވަނީ އެއް މަހުގެ މުއްދަތެއް ދީފަ އެވެ.

މިއީ އެލައިޑްގެ 35 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތެވެ. މިފަދަ ތަފާތު އެކި ހަރަކާތްތައް މިއަދުގެ އިތުރުން ކުރިއަށް އޮތް އެއް މަސް ދުވަހަށް އެލައިޑުން ވަނީ ބަހާލާފަ އެވެ.

ގުޑް ސިޓިޒަން ކެމްޕޭން ވެސް ކުރިއަށް އޮތް އެއް މަސް ދުވަހު ކުރިއަށްގެންދާއިރު، ޗެކްޕޮއިންޓް ޖަހާނީ ކޮން ތަނަކު، ކޮން އިރަކު ކަމެއް ނޭނގެ އެވެ. ނަމަވެސް އެނގޭހާ ވެސް އެއްޗަކީ އެ މުއްދަތުގައި ޗެކްޕޮއިންޓަކުން ހިފަހައްޓައިގެން ކޮންމެވެސް އެއް ސްޓިކާއެއް ނުވަތަ ސްލިޕްކޮޅެއް ލިބޭނެ ކަމެވެ.

comment ކޮމެންޓް