ސިއްރު ހެކިބަސް ނުނެގޭނެ ކަމަށް ހައިކޯޓުން ކަނޑައެޅުމުން ޕީޖީ އޮފީހުން ސުޕްރީމް ކޯޓަށް

އޮކްޓޯބަރ 1، 2019: ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްރުން ހެކިބަސް ނެގޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްސަލައިގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި އޮތުމުން، އެ ހުކުމުގެ އެ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް އަދުލުއިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ކުރީ ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ތިން ސިއްރު ހެކިވެރިއެއްގެ ހެކިބަހުގެ މައްޗަށްވެސް ރިއާޔަތްކޮށެވެ.

އޭނާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އިރު ބުނެފައި ވަނީ، ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާ އާއި 149 ވަނަ މާއްދާއާ ހިލާފަށް ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 147 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަންވާނީ އާންމުކޮށް ހުޅުވާލެވިފައިވާ ޝަރީއަތެއްގައި، ޝަރީއަތުގެ މަޖިލީހަށް އެ މީހަކު ހާޒިރުކޮށް، ހުވައިމަތީގައި އެ މީހުންނާ ސުވާލުކޮށްގެން ކަމަށެވެ. 149 ވަނަ މާއްދާގައި ބުނަނީ (ހ) ހެކިބަސް ނަގަންވާނީ ޝަރީއަތުގެ މަޖިލީހަށް ހެކީން ހާޒިރުކޮށްގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވީ ނަމަވެސް، ހެއްކާބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ހާލަތްތަކުގައި، އަދި އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ.

ހެއްކާ ބެހޭ ގާނޫނުގައި ބުނެފައި ވަނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި، އެ ގާނޫނުގައި ހެކިބަސް ދޭ މީހުން ހިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށެެވެ. އިއްޔެ ހައިކޯޓުން ކޮށްފައިވާ ހުކުމްގައި ބުނީ ހެއްކާ ބެހޭ ގާނޫނުގައި ހެކި ބަސް ދޭ މީހުން ހިމާޔަތްކޮށް ރައްކާތެރި ކުރެވޭނެ ގޮތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށް އެ ގާނޫނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަންވެސް ފާހަގަކޮށްފައިވެއެވެ. ހައިކޯޓަށް އެ ކަނޑައެޅީ ސިއްރުން ހެކިބަސް ނެގޭނެ ގާނޫނީ ހަމައެއް މިހާރު ނެތް ކަމަށެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ބުނީ ހައިކޯޓުން އަބްދުﷲ ސައީދުގެ މައްސަލައިގައި ކުރި ހުކުމުގައި، ސިއްރު ހެކިބަސް ނަގާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށް ބުނާ ބައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހައިކޯޓުގެ 387/އޭ-އެޗުސީ/2018 ގަޟިއްޔާގައި ސިއްރު ހެއްކާބެހޭގޮތުން ކަނޑައެޅުއްވި އުސޫލު، ގާނޫނީ ގޮތުން ރަނގަޅުކަމަށް ނުފެންނާތީ، އެގަޟިއްޔާގެ އެބައި (ގާނޫނު މާނަކުރުމުގެ ބައި) ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް މިއޮފީހުން ނިންމައިފީއެވެ." ޕީޖީ އޮފީހުން ބުންޏެވެ.

comment ކޮމެންޓް