އައްޑޫ އާ ހޮސްޕިޓަލުން ހިދުމަތް ދޭން ފަށައިފި

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތުގައި ތަރައްގީކުރި އާ ހޮސްޕިޓަލް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތައް ދޭން ފަށައިފި އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގައި ދެމުން ގެންދިޔަ 10 ހިދުމަތެއް މިއަދުން ފެށިގެން އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ހިދުމަތްތައް ހާއްސަ ޑޮކްޓަރުން ދެން ބައްލަވަމުން ގެންދަވާނީ ވެސް އާ ހޮސްޕިޓަލުގައި ކަމަށެވެ. އެއީ:

  • ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން
  • ދަތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން
  • ސްކޭންތަކަށް ހާއްސަ ޑޮކްޓަރު
  • ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން
  • ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން
  • ކަށީގެ ހާއްސަ ޑޮކްޓަރުން
  • އަންހެނުންގެ ހާއްސަ ޑޮކްޓަރުން
  • ކަރުންމަތީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން
  • އޮޕަރޭޝަން ބަލިތަކަށް ހާއްސަ ޑޮކްޓަރުން
  • އާންމު ބަލިތަކުގެ ޑޮކްޓަރުން

ނަމަވެސް ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން އަދިވެސް ބައްލަވަމުން ގެންދަވާނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގަ އެވެ. އަދި އަވަސް ފަރުވާ ބޭނުންވާ ފަރާތްތަކަށް ވެސް އެ ހޮސްޕިޓަލުގެ އެމަޖެންސީ ރޫމުން 24 ގަޑިއިރު ހިދުމަތް ލިބެން ހުންނާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ހެނދުނު 8:00 އިން ހަވީރު 4:00 އަށް އާންމު ބަލިތަކުގެ ޑޮކްޓަރުން އާ ހޮސްޕިޓަލުގައި ފަރުވާ ދިން ނަމަވެސް، އާންމު ބަލިތަކުގެ ޑޮކްޓަރުން ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އާ ހަމައަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ހިދުމަތް ދޭނެ އެވެ.

މީގެ އިތުރުން މެޑިކަލް ޗެކްއަޕްގެ ހިދުމަތް ވެސް މިއަދުން ފެށިގެން ދެމުން ގެންދާނީ އައްޑޫ އާ ހޮސްޕިޓަލުންނެވެ.

އައްޑޫގެ އާ ހޮސްޕިޓަލްއަކީ 100 އެނދުުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގެ ހިދުމަތް ފަށަން އެންމެ ފުރަތަމަ ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ހުރިހާ ހިދުމަތެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު އިމާރާތުގައި ގާއިމުކުރި އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. އެ މަސައްކަތް އެލިއާ އާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އައްޑޫ ކޮންވެންޝަން ސެންޓަރު 100 އެނދުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިންމާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ.

comment ކޮމެންޓް