ގްރީންސްޓްރީޓްސް އަތުން ދަ ގްރާންޑޭއަށް ބޮޑު މޮޅެއް

ދިވެހި ޕްރިމިއާ ލީގުގައި ރޭ ދަ ގްރާންޑޭއާއި ގްރީންސްޓްރީޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގެ ކުޅުން އިއްޔެ ފެށި އިރު، އެ ބުރުގެ ދެވަނަ މެޗުގައި ރޭ ގްރީންސްޓްރީޓްސް އަތުން ދަ ގްރާންޑޭ ބޮޑު މޮޅެއް ހޯދައިފި އެވެ.

މިފަހަރުގެ ސީޒަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމުކަމަށްވާ ގްރީންސްޓްރީޓްސްގެ މާލީ ހާލަތު ދަށްވެ އެ ޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ޓީމު ދޫކޮށް ގޮސްފައިވާ އިރު، މި ސީޒަނުގައި ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ކޮލިފައިވި ދަ ގްރާންޑޭ އަތުން ގްރީން ރޭގެ މެޗުން ބަލިވީ 1-5 ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވެގެން ލީގުގެ ދެވަނަށް އެރުމުގެ ފުރުސަތު ގްރީނަށް އޮތް ނަމަވެސް މެޗުން ބަލިވުމުން ވަނީ ހަތަރުވަނައިގައި މަޑު ޖެހުމަކަށް އައިސްފަ އެވެ.

ރޭގެ މެޗުން މޮޅުވި ދަ ގްރާންޑޭ އަށް 17 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، ގްރީންސްޓްރީޓްސް ވަނީ 17 މެޗުން 26 ޕޮއިންޓް ހޯދައިފަ އެވެ.

އައު އަހަރާ އެކު ހުޅުވުނު ޓްރާންސްފާ މާކެޓްގައި ގްރީންސްޓްރީޓްސްގެ މުހިއްމު ބައެއް ކުޅުންތެރިން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގާސިމް ސަމާމް (ސައްމެ)ގެ ރިހާމް އަބްދުލް ގަނީ (ބޮބީ) ކުލަބު ދޫކޮށްލުމާ ގުޅިގެން ރޭގެ މެޗަށް އެ ޓީމުން ނުކުތީ ޒުވާން ސްކޮޑަކާ އެކު އެވެ.

ރޭގެ މެޗު ފަށައިގެން ގްރީނަށް ދަ ގްރާންޑޭ ހިފަހައްޓައި ލެވުނީ އެންމެ 14 މިނަޓެވެ. އެގޮތުން 14 ވަނަ މިނަޓުގައި ދަ ގްރާންޑޭގެ އަޔާޒު އަހުމަދު (އަޔާ) ޖައްސާލި ބޯޅަ ހަމަޖެހިލައިގެން ހުރެ ގޯލުގެ ތެރެއަށް ފޮނުވާލީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިރާގްގެ ފޯވަޑް، އުބައިދާ ޚަދޫމް އަހްމަދު އެވެ. އޭނާ ވަނީ އޭގެ 14 މިނަޓު ފަހުން ލިބުނު ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި ދަ ގްރާންޑޭގެ ލީޑު ފުޅާ ކޮށްދީފަ އެވެ.

ދެވަނަ ހާފު ފެށިގެން އަނެއްކާވެސް އުބައިދާ ވަނީ ގޯލެއް ޖަހައި އޭނަގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މި ގޯލު އޭނާ ޖެހީ ގްރީންގް ޑިފެންޑަރު މުހައްމަދު ސާއިފާއި ކީޕަރު ހަސަން އަލީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންވެ. އުބައިދާ ވަނީ އޭގެ އިރަކޮޅެއް ފަހުން އިތުރު ގޯލެއް ޖަހައި މެޗު ގްރާންޑޭއަށް މުޅިންހެން ޔަގީންކޮށްދީފަ އެވެ.

ހަތަރު ގޯލުގެ ލީޑެއް ނެގުމަށްފަހު ގްރާންޑޭ ހަމަޖެހިލި ވަގުތު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުން ގްރީންގެ ފޯވާޑް މުހައްމަދު ރިސްވާން (ފުކޭ) ވަނީ ލަނޑެއް ޖަހައި ގްރީނަށް އުންމީދެއް ގެނެސްދީފަ އެވެ. އެކަމަކު އޭގެ އިރަކޮޅެއް ފަހުން ގްރާންޑޭގެ އަހުމަދު އިމާޒް ވަނީ އެ ޓީމަށް ފަސްވަނަ ގޯލު ޖަހައިދީފަ އެވެ. ގްރީންގެ ފަހު ގޯލަކީ މެޗުގެ އިތުރު ވަގުތުގައި ފުކޭ ޖެހި ގޯލެކެވެ.

ލީގުގައި ދެން ކުޅޭ މެޗުގައި މާދަމާރޭ އީގަލްސް ބައްދަލުކުރާނީ ޓީސީއާ އެވެ.

comment ކޮމެންޓް