ކޯލިޝަނާ ނަޝީދު ދެކޮޅު ނަމަވެސް، ކޯލިޝަން ވަރަށް ބަދަހި: ޕާޓީތައް

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހަތަރު ލީޑަރުންނާއި ރައީސް ސޯލިހު--- ސަން ފޮޓޯ: އަހްމަދު އަވްޝަން

ކޯލިޝަނެއްގެ ގޮތުގައި ސަރުކާރު ހިންގަން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހެއްދެވުމަކީ އެމަނިކުފާނުގެ އަމިއްލަ ވިސްނުންފުޅު ކަމަށާއި ސަރުކާރު ކުރިއަށްދާނީ ގުޅިގެން ކޯލިޝަނެއްގެ ގޮތުގައި ކަމަށް ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ބުނެފި އެވެ.

އެމްޑީޕީން ތިލަދުންމަތީގެ ރަށްތަކަށް ކުރަމުންގެންދާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ދަތުރުތަކުގެ ތެރެއިން ނަޝީދު ވަނީ ކޯލިޝަނާ މެދު ނުރުހުން ފާޅުކުރައްވައި، ކޯލިޝަނެއް އޮތުމުގެ ސަބަބުން އެމްޑީޕީއަށް ހައްގު މިންވަރު ނުލިބޭ ކަމަށް ވިދާޅުވެފަ އެވެ.

ނަޝީދުގެ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު، ވިދާޅުވީ ކޯލިޝަން ސަރުކާރެއްގައި ކޯލިޝަންގައި ހިމެނޭ އެންމެހާ ބައިވެރިންނަކީ ވެސް މުހިންމު ބައެއް ކަމަށެވެ. އަދި ކޯލިޝަން ސަރުކާރެއްގައި ގުޅިފައިވާ ހުރިހާ ޕާޓީއެއް ވެސް ވާނީ އެއްވަރު ކަމަށް ރިޔާޒު ސިފަކުރެއްވި އެވެ.

މީގެ އިތުރުން ކޯލިޝަން ސަރުކާރެއްގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ކުރުމަށް މަޑުޖެހުމެއް އަންނަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު--- ސަން ފޮޓޯ: ފަޔާޒު މޫސާ

"ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ބައެއް ބާކީ ނުކޮށް، ހުރިހާ ރައްޔިތުންނަށް ހައްގުވާ މިންވަރު ދެއްވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ދެކެން. އެގޮތުން އެތައް މަސައްކަތެއް މިހާރު ވެސް ވަނީ ފެށިފައި." ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ސަރުކާރަކީ ކޯލިޝަނަކުން އައި ސަރުކާރެއް ކަމަށާއި ސަރުކާރު ދެމިއޮންނަންވާނީ ވެސް އަދި ކުރިއަށްދާނީ ވެސް ކޯލިޝަނެއްގެ ގޮތުގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދ ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ވެސް އެގޮތުގެ މަތިން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ސަރުކާރު ހިންގާ ކޯލިޝަން ދެމިއޮތުމުގެ މުހިންމުކަން ފާހަގަކުރައްވައި ރިޔާޒު ވިދާޅުވީ، ކޯލިޝަން ދެމިއޮތުމަކީ ގައުމުގެ މަސްލަހަތަށާއި އަމަންއަމާންކަމަށް މުހިންމު ކަމެއް ކަމަށެވެ.

އަދާލަތު ޕާޓީގެ ފަރާތުން ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވައި "ސަން"އާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ ނަޝީދު ހިއްސާކުރެއްވީ އަމިއްލަ ވިސްނުންފުޅު ވިސްނުން ކަމަށާއި އެކަމާ މެދު ސީދާ ވަކި އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ. އަދި ކޯލިޝަންގެ ސަބަބުން ސަރުކާރު ހިންގުމަށް ދަތިވެ، ކޯލިޝަން ރޫޅާލަން ޖެހޭނެ ފަދަ ހާލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ ރައީސް ނަޝީދުގެ ވިސްނުންފުޅު. އަޅުގަނޑުމެން ނެތް ވަކި އެއްޗެއް ދަންނަވާކަށް. އެމްޑީޕީގެ ފަރާތުން ވެސް އަދި ކޯލިޝަންގައި ހިމެނޭ އިތުރު އެއްވެސް ޕާޓީއަކުން ވެސް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތިވެފައެއް ނެތް." ނަޒީރު ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު--

ކޯލިޝަންގެ ސަބަބުން އެމްޑީޕީއަށް ހައްގު މިންވަރު ނުލިބޭ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު، އަދާލަތު ޕާޓީއަށް ކޯލިޝަން ސަރުކާރުގައި ހައްގު މިންވަރު ލިބޭތޯ ސުވާލު ކުރުމުން ނަޒީރު ވިދާޅުވީ ކަންތައްތައް ކުރިއަށްދަނީ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ.

"ކޯލިޝަން އުފެއްދުމުގައި އެއްބަސްވި ގޮތަށް އަދާލަތު ޕާޓީގެ ތިން ބޭފުޅުން ކެބިނެޓުގައި އެބަ ތިއްބަވާ. އަދި ސަރުކާރުގެ މުހިންމު މަގާމުތަކުގައި ވެސް މި ޕާޓީގެ މެމްބަރުން އެބަ ތިއްބެވި. ސަރުކާރުގެ އެތޭރެގައި ހަވާލު ކޮށްފައިވާ ކަންކަން ހިންގުމުގައި [ކެބިނެޓް ލެވެލްގައި ވެސް އަދި އެހެނިހެން ލެވެލްތަކުގައި ވެސް] އަދާލަތު ޕާޓީގެ ވިސްނުމާއި ފިކުރު ހިމެނިގެން ސަރުކާރު ހިންގަމުންދަނީ." ނަޒީރު ވިދާޅުވި އެވެ.

އެމްޑީޕީން ތިލަދުންމަތީގެ ރަށްތަކަށް ކުރަމުންގެންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން ކޯލިޝަނާ ގުޅޭގޮތުން ނަޝީދު ވިދާޅުވީ ކޯލިޝަނެއް ހެދީ މި ސަރުކާރު ގެނައުމަށް ކަމަށާއި ނަމަވެސް ރައްޔިތުން ބޭނުންވަނީ ކޯލިޝަނެއްގެ ބަދަލުގައި އެމްޑީޕީން އެކަނި ސަރުކާރު ހިންގުމަށް ކަން މިދިޔަ މަޖިލިސް އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ބޮޑު އަގުލަބިއްޔަތުން އެނގިގެންދިޔަ ކަމަށެވެ.

https://sun.mv/130108

ކުރިއަށް އޮތް ތަނުގައި މި ސަރުކާރު ހިންގާނީ ކޯލިޝަން ނިޒާމެއްގެ ތެރެއިން ކަން ނުވަތަ އެމްޑީޕީގެ ރިޔާސަތަކުން ކަން އެނގޭނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް