އައްޑޫ ލިންކު ރޯޑުގެ އޮޑިޓެއް، ސީރިއަސް މައްސަލަތަކެއް!

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޑް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ބޮޑުބައި ގުޅުވާލައިދޭ ލިންކު ރޯޑުގައި ހިނގާ އެކްސިޑެންޓުތަކާ ބެހޭގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ޕާފޯމަންސް ރިވިއު އޮޑިޓެއް ހަދައި، އެ މަގާ ގުޅޭ ސީރިއަސް ގިނަ މައްސަލަތަކެއް ފާހަގަކޮށްފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން އައްޑޫ ސިޓީގެ ގަން، ފޭދޫ، މަރަދޫފޭދޫ، މަރަދޫ އަދި ހިތަދޫ ގުޅުވައިދޭ 16 ކިލޯމީޓަރުގެ މަގުގެ ބޮޑު ސަރަހައްދެއްގެ ތާރުގަނޑުގައި އެއް އިންޗީގެ ބޯމިންވެސް ނުހުރެއެވެ. ގިނަ އަދަދެއްގެ ވަޅުގަނޑުތަކާއި އަޑިގުޑަންތައް އުފެދެނީ ތާރުގަނޑު ތުނިވުމުގެ ސަބަބުންކަމަށް ރިޕޯޓުގައި ވެއެވެ.

އެފަދަ ވަޅުގަނޑުތައް ހެދިފައި ހުރުމުން އެ ވަޅުގަނޑުތަކުން ރެކެން ނުގަވައިދު ފަޅިން ދުއްވާ އެއްޗެހި ދުއްވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި ބާރު ސްޕީޑުގައި ދުއްވަމުން އައިސް އެފަދަ ވަޅުގަނޑަކުން ނުވަތަ އަޑިގުޑަން ސަރަހައްދަކުން ރެކެން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށް ބުނެފައިވެއެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާ ދީފައި ވަނީ މަގުގެ އަޑިގުޑަންތަކާއި ވަޅުގަނޑުތައް މަރާމާތުކޮށް މަގު ރައްކާތެރި ތަނަކަށް ހެދުމަށެވެ.

ލިންކު ރޯޑުގެ ބައެއް ސަރަހައްދުތަކުގައި ގަސް ބޯކަމުން މަގުގައި ހަރުކޮށްފައި ހުންނަ މަގުމަތީގެ ނިޝާންތައް (ސައިންބޯޑުތައް) ފޮރުވިފައި ހުންނަކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ދުއްވާ މީހުންގެ ރައްކާތެރިކަމަށް އެ ބޯޑުތައް ފެންނަވަރު ކުރަން ރިޕޯޓުގައި ލަފާ ދީފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން އައްޑޫ ލިންކު ރޯޑުގައި އެންމެ ގިނައިން އެކްސިޑެންޓު ހިނގަނީ ލެނބުންތައް ހުންނަ ސަރަހައްދުތަކުގައެވެ. އެކަން ހައްލު ކުރުމަށް ލެނބުންތައް ހުންނަ ސަރަހައްދުތަކުގައި ސްޕީޑް ބަމްޕު ހަރުކޮށްފައި ނުހުންނަ ކަމާއި ނުރައްކާތެރި ހާދިސާއެއް ހިނގާފާނެ ސަރަހައްދެއްކަން އަންގައިދޭ ބޯޑެއްވެސް ހަރުކޮށްފައި ނުހުންނަކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ބޯޑުތަކާއި ސްޕީޑު ބަމްޕުތައް ހަރުކުރުމަށް ރިޕޯޓުގައި ލަފާދީފައިވެއެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޑް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލެނބުންތަކުގައި އެކްސިޑެންޓުތައް ހިނގާ ސަބަބުތަަކުގެ ތެރޭގައި މަގަށް ދޭން ޖެހޭ ސަމާލުކަން ނުދިނުމާއި، އޮވާޓޭކްކުރުމުގައި ބަލަން ޖެހޭ ވަރަށް ނުބެލުމާއި، ރަށު ތެރެއިން ލިންކު ރޯޑަށް އަރާ އިރު ދޭން ޖެހޭ ވަރަށް ސަމާލުކަން ނުދިނުމާއި، އެކަށީގެންނުވާ ވަރަށް ބާރަށް ދުއްވުން ހިމެނޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ކާރާއި ޕިކަޕާއި ސައިކަލު އެއް ލޭނެއްގައި ދުއްވަން ޖެހޭ ކަމާއި ލޭނު ވަކިކޮށްފައި ނުހުންނަކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި މަގުގައި ޕޭވްމަންޓު ނުހުންނަ އިރު ބައެއް މީހުން ކަސްރަތަށް ދުވާކަން ފާހަގަކޮށް ޕޭވްމަންޓު ހުރުން މުހިންމުކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންކަމުން ލޭނު ވަކިކޮށް ޕޭވްމަންޓު ހަދަންވެސް ރިޕޯޓުގައި ލަފާ ދީފައިވެއެވެ.

https://sun.mv/122231

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ލިންކު ރޯޑުގެ ބޮޑު ބައެއްގައި މަގުބައްތިތައް ޖަހާފައި ނުހުރެއެވެ. އެގޮތުން ފަޅުރަށްތައް ހުންނަ ސަރަހައްދުތަކުގައި އެއްވެސް ވަރަކަށް މަގުބައްތިތައް ހަރުކޮށްފައި ނުހުންނަކަން ފާހަގަކޮށްފައިވެއެވެ. ލިންކު ރޯޑު ރަނގަޅަށް އަލިވާނެ ތަނަކަށް ހެދުމަށް މަގުބައްތި ޖެހުމަށް އޮޑިޓު އޮފީހުން ލަފާ ދީފައިވެއެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ލިންކް ރޯޑްގައި ނުރައްކާތެރި 91 އެކްސިޑެންޓު ހިނގާފައިވާކަން ރިޕޯޓުގައި ހިމަނާފައިވާ ތަފާސް ހިސާބުން ދައްކައެވެ. އަދި 2013 އިން 2019 ގެ ނިޔަލަށް ހިނގި ނުރައްކާތެެރި އެކްސިޑެންޓްތަކުގައި 19 މީހަކު މަރުވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރިޕޯޓުގައިވާ ގޮތުން ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުތަކުގައި އަނިޔާވިމީހުން މާލެއަށް ފޮނުވުމަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި 2.4 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ. އެއީ މާލެއަށް މީހުން ފޮނުވަން ފްލައިޓު ޗާޓާ ކުރަން ދިޔަ ހަރަދުތައްވެސް ލައިގެންނެވެ.

comment ކޮމެންޓް