ފޯކައިދޫގެ މުހިއްމު ތިން ކުޅުންތެރިޔަކު ޓީސީއަށް

ފޯކައިދޫގެ ޑިފެންޑަރު ތޯއްޕެ އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

މިި ސީޒަނުގައި ށ.ފޯކައިދޫ ޓީމުގައި ހިމެނުނު މުހިއްމު ތިން ކުޅުންތެރިން ކަމަށްވާ ޕާކިސްތާނުގެ ގޯލު ކީޕަރު ހަނީފް ސާގިބްއާއި އަލީ ޝާމިސް (ތޮއްޕޭ) އަދި މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ވެސް މިދިޔަ އަހަރުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސްއާ ގުޅިއްޖެ އެވެ.

މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ވޭތުވެ ދިޔަ ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ހޯދި ޓީސީގައި އޭރު ތިބި ގިނަ ކުޅުންތެރިންތަކެއް ވަނީ މިފަހަރުގެ ސީޒަނުގެ ކުރިން ޓީމު ދޫކޮށް ގޮސްފަ އެވެ. އަދި މިހާރު ކުރިއަށްދާ ސީޒަނުގައި އައު އަހަރާ އެކު ހުޅުވުނު ޓްރާންސްފާ މާކެޓުގައި ވެސް މުހިއްމު ދެ ކުޅުންތެރިއަކު ވަނީ ކުލަބު ދޫކޮށްފަ އެވެ.

ޓީސީ އަކީ މިފަހަރުގެ އޭއެފްސީ މުބާރާތުން ޖާގަ ލިބުނު ޓީމަކަށްވާ އިރު އެ ޓީމު މިވަގުތު އޮތީ މާލީ ހާލަތު ދަށްވެ އުނދަގޫ ހާލަތެއްގަ އެވެ. އެހެން ނަމަވެސް މުބާރާތަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެ ޓީމުން ވަނީ ދާދި ފަހުން ރާއްޖޭގައި މިވަގުތު އޭއެފްސީ ޕްރޯ ލައިސަންސް އޮތް ހަމައެކަނި ކޯޗު ކަމަށްވާ މުހައްމަދު ޝާޒްލީ (ޝާޒް) އެ ޓީމުގެ ކޯޗު ކަމަށް ހަމަޖައްސައިފަ އެވެ.

ޝާޒްގެ ކޯޗު ކަމުގައި އޭއެފްސީއަށް ޓީސީ ތައްޔާރުވަމުން އަންނަ އިރު އެ ޓީމާ އަލަށް ގުޅުނު އުމުރުން 25 އަހަރުގެ ސާގިބް ވަނީ މީގެ ކުރިން ޝާޒްއާ އެކު ބީޖީ ސްޕޯޓްސް ކްލަބްގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ފަހުން ސާގިބް ފެނުނީ އޭރު ޝާޒްގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރި އަލީ ނިސްތާރު މުހައްމަދުގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ފޯކައިދޫ ޓީމުންނެވެ.

ތަށި ހޯދި އިރު ޓީސީގެ ގޯލު ބެލެހެއްޓި ކިރަންއަށް ފަހު މިދިޔަ އަހަރުގެ ސީޒަން ފެށި އިރު އެ ޓީމުގެ ކީޕަރަކަށް ހުރީ ގައުމީ ޓީމުގެ ކުރީގެ ގޯލު ކީޕަރު އިމްރާން މުހައްމަދު އެވެ. އެކަމަކު ސީޒަންގެ މެދަކާ ހިސާބުން އިންމަ ވަނީ މުސާރަ ނުދޭ މައްސަލާގައި ޓީމުން ވަކިވެފަ އެވެ. އެއަށް ފަހު ޓީސީގެ ގޯލު ބަލަހައްޓަމުން އައީ އިބްރާހިމް ނަދީމް (ރިކޫ) އެވެ.

ސާގިބްއާ އެކު ފޯކައިދޫއަށް މި ސީޒަނުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ މިސްރުގެ ޑިފެންޑަރު މަހުމޫދު ފުރަތަމައިން ކުޅުނީ އީގަލްސް އަށެވެ. އެކި އެކި ސަބަބުތަކާ އެކު އެ ޓީމާ އެކު އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ފޯކައިދޫއަށް ބަދަލުވެ މަހުމޫދު ވަނީ ގިނަ މެޗުތަކެއް ކުޅެ "ސޮލިޑް" ޑިފެންސެއް އެ ޓީމަށް ގާއިމުކޮށްދީފަ އެވެ.

މީގެ އިތުރުން ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތުގެ ރޭޓު ސަތޭކައިގައި ގެންގުޅޭ ފޯކައިދޫގެ ކަނާތު ބެކަށް ކުޅޭ ތޮއްޕޭ އެންމެ ފުރަތަމަ ފެނުނީ 2017 ވަނަ އަހަރު ވިކްޓްރީންނެވެ. އޭގެ ފަހުން އޭނާ ވަނީ ދިވެހި ލީގުގެ އެތައް ކުލަބުތަކަކަށް ކުޅެފަ އެވެ. ތޮއްޕެ އަކީ މިވަގުތު ގިނަ ކުލަބުތަކަކުން ބޭނުންވެފައިވާ ކުޅުންތެރިއެކެވެ.

ޓީސީއަށް އަލަށް ގުޅުނު ތިން ކުޅުންތެރިން ވެސް މިހާރު އެ ކުލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާ އިރު ލީގުގެ ދެވަނަ ބުރުގައި އެ ޓީމަށް ބާކީ އަދި ދެ މެޗު އެބައޮތެވެ. އެ ދެ މެޗަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ބަންގްލަދޭޝްގައި އޮތް ޝޭހް ކަމާލް ކަޕުގައި އެ ޓީމު ވާދަ ކުރުމުން ލަސް ކުރި ދެ މެޗެވެ. ޓީސީ މި ވަގުތު ލީގުގެ ހަތަރެއްގައި އޮތީ 14 މެޗުން 25 ޕޮއިންޓާ އެކު އެވެ.

comment ކޮމެންޓް