ޗުއްޓީއަށް ފަހު ރައީސް މާލެ ވަޑައިގެންފި

މީގެ ކުރިން ރައީސް ސޯލިހް ލަންކާއަށް ކުރެއްވި ދަތުރަކަށްފަހު ރާއްޖެ ވަޑައިގަތުން--- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސްރީލަންކާއަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސްރީލަންކާއަށް ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގެ ރެއެވެ. ހަތަރު ދުވަހު އާއިލާއާ އެކު ސްރިލަންކާގައި ޗުއްޓީ ހޭދަކުރެއްވުމަށް ފަހު މާލެ ވަޑައިގަތީ މިރެ އެވެ. މިމަހުގެއް އެއްވަނަ ދުވަހު ރައީސް ސޯލިހު ވަނީ ސްރީލަންކާގައި އެމަނިކުފާނުގެ އާއިލާއާއެކު އުފަންދުވަސް ފާހަގަ ކުރައްވާފަ އެވެ. ރައީސް ސޯލިހުގެ އުފަންދުވަހަކީ މޭ މަހުގެ ތިން ދުވަސް ނަމަވެސް އާއިލާއިން އުފަން ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޖެނުއަރީ އެއްވަނަ ދުވަހު އެވެ.

ސްރީލަންކާގައި ރައީސްގެ ބައެއް އާއިލީ ބޭފުޅުން މިހާރުވެސް ދިރިއުޅުއްވަމުން ގެންދަވާއިރު އެންމެ ފަހުން ބޮޑު އީދު ބަންދުގެ ޗުއްޓީ ވެސް ރައީސް ލަންކާއަށް ވަޑައިގަތެވެ.

ރައީސް ސޯލިހް މިދިޔަ ފެބްރުއަރީމަހު ސްރީލަންކާގެ ކުރީގެ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ދައުވަތަކަށް ރަސްމީ ދަތުރެއްގައި އެގައުމަށް ވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް އެންމެ ފަހުން ވަޑައިގެންނެވީ ޔުނައިޓެޑް އަރަބި އެމިރޭޓްސްއަށެވެ. ރަސްމީ ދަތުރެއްގައި ރައީސް ޔޫއޭއީއަށް ވަޑައިގެންނެވީ އަބޫދާބީގެ ވަލީ އަހުދު، ހިޒް ހައިނެސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދައުވަތަކަށް، ކުރެއްވި ދަތުރުފުޅެކެވެ.

comment ކޮމެންޓް