ކެނެޑާގެ ކުއާޑްރިގާ ކުންފުނީގެ ބާނީގެ އޮޓޮޕްސީއެއް ހަދަން ވަކީލުން އެދިއްޖެ

ކުއާޑްރިގާގެ ބާނީ ޖެރަލްޑް ކޮޓަން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަރުވެފަަ -- ފޮޓޯ: ފޭސްބުކް

އޮޓަވާ (ޑިސެމްބަރު 14): ކެނެޑާގެ ކުރީގެ އެންމެ ބޮޑު ކްރިޕްޓޯކަރެންސީ އެކްސްޗޭންޖްގެ ބާނީ، ޖެރަލްޑް ކޮޓަން މަރުވިތާ އެއް އަހަރު ފަހުން އޭނާގެ އޮޓޮޕްސީއެއް ހަދަން އެގައުމުގެ ފުލުހުންގެ ގާތުގައި އެދިއްޖެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު ނުވައެއްގައި ކޮޓަން މަރުވީ އިންޑިއާއަށް ގޮސް ހުއްޓަ އެވެ. އޭނާއަކީ ގޮހޮރުގެ ބައްޔެއް ކަމަށްވާ ކްރޯންސް ޑިޒީސް ހުންނަ މީހެއް ކަމަށާއި ކޮޓަން މަރުވީ އެބަލީގެ ސަބަބުން ކަމަށް އޭނާގެ އާއިލާއިން ބުންޏެވެ. އަދި އޭނާގެ ހަށިގަނޑު ވަނީ ފަހުން ކެނެޑާއަށް ގެންގޮސް ވަޅުލާފައި ކަމަށް ވެސް އާއިލާއިން ބުންޏެވެ.

ކޮޓަން މަރުވުމުން ކުއާޑްރިގާގެ އެކައުންޓުތަކުގައި ރައްކާކޮށްފައިވާ އެތައް މިލިއަން ޑޮލަރުގެ އަގު ހުރި ޑިޖިޓަލް ކަރެންސީ ހޯދޭނެ ގޮތެއް ނެތި، އެކުންފުނި ބަނގުރޫޓުވި އެވެ.

ކޮޓަންގެ އަންހެނުން ޖެނިފާ ރޮބާޓްސަން ބުނި ގޮތުގައި ކުއާޑްރިގާގެ ފައިސާގެ ހުރިހާ ކަމެއް ބެލެހެއްޓީ ކޮޓަން އަމިއްލަޔަށެވެ. އަދި އެ ކުންފުނީގެ ހުރިހާ ކަންތައްތަކެއް ބެލެހެއްޓުމަށް ކޮޓަން ބޭނުން ކުރި ލެޕްޓޮޕް ވަނީ އެންކްރިޕްޓްކޮށްފަައި ކަމަށާއި އެލެޕްޓޮޕް ހުޅުވުމަށް ބޭނުންވާ ޕާސްވޯޑާއި ރިކަވަރީ ކީއެއް އޭނާއަށް ނޭނގެ ކަމަށް ބުނެފަ އެވެ.

ކުއާޑްރިގާ އިން ބުނި ގޮތުގައި އެކުންފުނީގެ ގިނަ އަދަދެއްގެ ކްރިޕްޓޯކަރެންސީ ރައްކާކޮށްފައި ވަނީ، އެފަދަ ފައިސާ ވަގަށް ނެގުމާއި ހެކަރުންގެ ފަރާތުން ރައްކާތެރި ކުރުމަށްޓަކައި އޮފްލައިންކޮށް ރައްކާ ކުރާ "ކޯލްޑް ވޮލެޓް" ނުވަތަ "ކޯލްޑް ސްޓޯރޭޖް"ގަ އެވެ. އަދި އެ ވޮލެޓުތަކުގައި ތަފާތު ކަސްޓަމަރުންގެ 137 މިލިއަން ޑޮލަރުގެ ކްރިޕްޓޯކަރެންސީ ހުރި ކަމަށް ބެލެވެ އެވެ.

ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ކޮޓަން އަސްލު މަރުނުވާ ކަމަށާއި އޭނާ ކުއާޑްރިގާގެ ފައިސާއާ އެކު ފިލީ ކަމަށް ބުނެފަ އެވެ. ނަމަވެސް އެ ވާހަކަތަކަށް ބާރުދޭ އެއްވެސް ހެއްކެއް އަދި ހޯދިފައި ނުވެ އެވެ.

ނަމަވެސް ކުއާޑްރިގާގެ ކުރީގެ ޔޫޒަރުން ތަމްސީލުކޮށްދޭ ވަކީލުންގެ ޓީމަކުން އިއްޔެ ވަނީ ކޮޓަންގެ ކަށްވަޅު ކޮނެގެން އޭނާގެ ގަބުރު ނަގަން ފުލުހުންގެ ގާތުގައި އެދިފަ އެވެ. އަދި އެއީ ކޮޓަންގެ ހަށިގަނޑުތޯ އާއި އޭނާ މަރުވި ސަބަބު ހޯދަން އޮޓޮޕްސީއެއް ހަދަން ހުށަހަޅައިފަ އެވެ.

މިއަހަރުގެ ކުރީކޮޅު ކުއާޑްރިގާ އޮޑިޓް ކުރި ކުންފުންޏަކުން ވަނީ އެ ކުންފުނި ހިންގުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވި ކަމަށް ބުނެފަ އެވެ. އެގޮތުން ކުއާޑްރިގާގައި ކޮޓަން އިސްކޮށް ހުރި އިރު އޭނާ އާއި އެހެން ބަޔަކަށް ކުންފުނީގެ ގިނަ ފައިސާތަކެއް ޓްރާންސްފާ ކުރި ކަމަށް ވެސް ބުނެފަ އެވެ. އެ އޮޑިޓް ކުންފުނިން ވަނީ ގެއްލިފައިވާ 25 މިލިއަން ޑޮލަރު ހޯދާފަ އެވެ. އަދި ކުއާޑްރިގާއާ ގުޅުން ހުރި މައްސަލަތައް ބަލާ އިދާރާތަކުގެ ތެރޭގައި އެމެރިކާގެ އެފްބީއައި ވެސް ހިމެނޭ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް