ދިއްލީ (ޑިސެމްބަރު 12): އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލަށް އެގައުމުގެ ޕާލިމެންޓުގެ މަތީގެންއިންވެސް އިއްޔެ ރުހުންދީފި އެވެ.
އިންޑިއާގެ ސިޓިޒެންޝިޕް އެމެންޑްމެންޓު ބިލަށް ޕާލިމެންޓުގެ ތިރީ ގެއިން ހޯމަ ދުވަހު ރުހުން ދީފައި ވަނިކޮށް، މަތީގެއިން އެބިލް ފާސް ކުރީ 125 މެމްބަރުންގެ ވޯޓުންނެވެ. އެބިލާ ދެކޮޅަށް 105 މެމްބަރުން ވޯޓު ދެއްވި އެވެ. އެބިލު ތަސްދީގު ކުރުމަށްޓަކައި ދެން ފޮނުވާނީ ރައީސް ރާމް ނާތު ކޯވިންދުގެ އަރިހަށެވެ.
އިންޑިއާގެ 64 އަހަރުވީ ރަށްވެހިކަމުގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން އެގައުމަށް ގަވާއިދާ ހިލާފަށް އެތެރެވާ މީހުންނަށް އިންޑިއާގެ ރަށްވެހިކަމެއް ނުލިބޭނެ އެވެ. އަދި ބޭރު މީހަކަށް އެގައުމުގެ ރަށްވެހިކަމަށް އެދެވޭނީ އިންޑިއާގައި ދިރިއުޅޭތާ ނުވަތަ ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރާތާ މަދުވެގެން 11 އަހަރުވުމުންނެވެ.
ނަމަވެސް މިހާރު ޕާލިމެންޓުންވަނީ އެމާއްދާތަކަށް އިސްލާހު ގެންނަން ފާސްކޮށްފަ އެވެ. އަދި އެގައުމުން ރަށްވެހިކަން ހޯދަން ބޭނުންވާ ހިންދޫންނާއި ސިކުންނާއި ބުޑިސްޓުންނާއި ޖައިނުންނާއި ނަސާރާއިންނާއި މަޖޫސީންނަށް ހާއްސަ އިމްތިޔާޒުތަކެއް ކަނޑައަޅާފަ އެވެ. އެގޮތުން އެމީހުންނަކީ ޕާކިސްތާން، އަފްޣާނިސްތާން ނުވަތަ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންކަން ސާބިތު ކުރެވިއްޖެ ނަމަ، އެމީހުން އިންޑިއާގައި ދިރިއުޅޭތާ ނުވަތަ މަސައްކަތް ކުރާތާ ހަ އަހަރު ފަހުން ރަށްވެހިކަމަށް އެދެން ފުރުސަތު ލިބޭނެ އެވެ.
އެ ބިލު ދިފާއު ކުރާ މީހުން ވަނީ އިންޑިއާއިން އެގޮތަށް ރަށްވެހިކަން ދެނީ މުސްލިމުންގެ އާބާދީ ބޮޑު ގައުމުތަކުގައި، އެހެން ދީނަކަށް ތަބާވުމުގެ ސަބަބުން ފުރައްސާރަ އާއި އަނިޔާއާ ކުރިމަތިލާން ޖެހޭ މީހުންނަށް ކަމަށް ބުނެފަ އެވެ.
ނަމަވެސް އެބިލަށް ފާޑު ކިޔާ ފަރާތްތަކުން ވަނީ އެއީ މުސްލިމުންނާ މެދު ތަފާތުކުރާ އަދި އެގައުމުގައި ހަމަހަމަކަމާއެކު އަމަލު ކުރުމަށް އަންގާފައިވާ ގާނޫނުއަސާސީއާވެސް ފުށުއަރާ އިސްލާހެއް ކަމަށް ބުނެފަ އެވެ.
އެބިލާ ދެކޮޅަށް އެންމެ ވަރުގަދަ މުޒާހަރާތައް ބާއްވަމުންދާ އެއް ސަރަހައްދަކީ ބަންގުލަދޭޝްގެ ބޯޑަރު ކައިރީ އޮންނަ އައްސާމް އެވެ. އެ މުޒާހަރާގެ ބައިވެރިން ވަނީ އެ އިސްލާހު ގެނައުމާއެކު ބަންގުލަދޭޝްގެ ގިނަ އަދަދެއްގެ މީހުން ގަވާއިދާ ހިލާފަށް އެ ސްޓޭޓަށް އެތެރެވާން ފަށާނެ ކަމަށް ބުނެފަ އެވެ.
އެ ބިލު ވަނީ މިދިޔަ އޮގަސްޓު މަހު ނެރުނު އައްސާމްގެ ރަށްވެހިންގެ ލިސްޓާވެސް ގުޅިފަ އެވެ. އެ ލިސްޓުގައި އައްސާމްގައި ދިރިއުޅޭ 1.9 މިލިއަން މީހުންގެ ނަން ހިމަނާފައި ނުވުމުން ގިނަ އަދަދެއްގެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެލިސްޓުގައި އިންޑިއާގެ ރައްޔިތުންގެ ގޮތުގައި ހިމަނާފައި ވަނީ 24 މާޗް 1971ގެ ކުރިން އައްސާމްގައި ދިރިއުޅުނުކަން ސާބިތު ކުރެވޭ މީހުންގެ ނަންތަކެވެ. އެތާރީހަކީ ބަންގުލަދޭޝްގެ މިނިވަންކަމުގެ ހަނގުރާމަ ފެށުމުން ގިނަ އަދަދެއްގެ ރެފިއުޖީން އިންޑިއާއަށް ދާން ފެށި ތާރީހެވެ.
ނަމަވެސް އިންޑިއާގެ ޕާލިމެންޓުން އިއްޔެ ފާސްކުރި ރަށްވެހިކަމުގެ ގާނޫނުގެ އިސްލާހު ތަސްދީގުކޮށްފި ނަމަ، އައްސާމްގެ ރަށްވެހިންގެ ލިސްޓުން އުނިކޮށްފައިވާ ޕާކިސްތާން، އަފްޣާނިސްތާން އަދި ބަންގުލަދޭޝްގެ މުސްލިމު ނޫން މީހުންނަށް ރަށްވެހިކަން ލިބޭނެ އެވެ.