އަންނަ ޖެނުއަރީ މަހު 19 ރަށެއްގައި ލައިފްގާޑުން ބަހައްޓަނީ

ޕާމް ބީޗު ރިސޯޓު: -- ސަން ފައިލް ފޮޓޯ

އަންނަ ޖެނުއަރީ މަހު މީހުން ދިރިއުޅޭ 19 ރަށެއްގައި ލައިފްގާޑުން ބަހައްޓަން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ވިދާޅުވީ، މިއީ އެ މިނިސްޓްރީން މިއަހަރު ފެށި ވޯޓާ ސޭފްޓީ ޕްރޮގްރާމްގެ ދަށުން 100 އެނދު ހުންނަ 19 ރަށެއްގައި ފަށަން ނިންމި މަޝްރޫއެއް ކަމަށެވެ.

އެ 19 ރަށުގައި މިހާރު ވަނީ ވޯޓާ ސޭފްޓީ ބޯޑްތައްވެސް މިހާރު ޖަހައިފަ އެވެ.

އެ ރަށްތަކުގެ ތެރޭގައި މާލެ އަތޮޅާއި އއ. އދ އަދި ބ އަދި ލާމު އަދި މެދު ރާއްޖޭގެ އަތޮޅުތައް ހިމެނެ އެވެ.

އަސްއަދު ވިދާޅުވީ ލައިފްގާޑުންގެ ވަޒީފާތައް ވަރަށް އަވަހަށް އިއުލާންކޮށް މިމަހު ޓްރެއިނިންދޭން ފަށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

" އެމްއެންޑީއެފްއާ ގުޅިގެން ގިރިފުށީގައި ޓްރެއިނިން ދެވޭތީ މިހާރު ބިލަނީ. ބޮޑަށް އިސްކަންދޭނީ ލައިފްގާޑުން ބަހައްޓާ ރަށްރަށުން މީހުން ނެގޭތީ. ބޮޑަށް ބަލާނީ ކަމަށް ގާބިލް މީހުން ނެގޭތޯ" އަސްއަދު ވިދާޅުވިއެވެ.

އެ މަގާމުތަކަށް ނަގާ މީހުންގެ ފެށޭ މުސާރައިގެ ގޮތުގައި މަދުވެގެން 10،000 ރުފިޔާ ދޭނެކަމަށްވެސް އަސްއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ފުރަތަމަ ފޭސްކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު ރަށްރަށުގައިވެސް ލައިފް ގާޑުން ބެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަަމަށެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން ގެނބުމުގެ ހާދިސާތައް ވަރަށް އާންމުކޮށް ދިމާވާކަން ފާހަގަކުރެވެއެވެ. އަދި އެފަދަ މައްސަލަތައް ހައްލުކުރަން މީގެ ކުރިން ބޮޑެތި ބައްދަލުވުންތައްވެސް ބާއްވައިފައިވެެ އެވެ.

comment ކޮމެންޓް