ޓެކްސީ ޑްރައިވަރު މަރާލި މީހުން ހޯދަން އޮޕަރޭޝަނެއް، އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ހަމަލާދިން ސަރަހައްދު ބަންދުކޮށް، ފުލުހުން ސީންގައި ހަރަކާތްތެރިވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލި މައްސަލައާ ގުޅިގެން، ހަމަލާދިން މީހުން ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، މަރާލާފައި ވަނީ ޓެކްސީ ޑްރައިވަރަކަށް މަސައްކަތްކުރާ، އދ. މާމިގިއްޔަށް އުފަން 59 އަހަރުގެ ގާސިމް ހަސަނެވެ.

އޭނާ ޒަހަމްތަކަކާއެކު ހުޅުމާލޭ ހިތިގަސްމަގުގައި ވެއްޓިފައި އޮއްވާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ 21:07 ހާއިރުއެވެ. ހުޅުމާލެ ހޮސްޕިޓަލުން ބުނީ އޭނާގެ ކަރާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށާއި، ހޮސްޕިޓަލަށް ގެނައިތާ 30 ވަރަކަށް މިނެޓު ތެރޭ އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

މައްސަލައާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އާއި ފޮރެންސިކްސް ޑިޕާޓްމަންޓު ގުޅިގެން، ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ހުޅުމާލެ އާއި އެއާޕޯޓާ ދެމެދުގެ ޓްރެފިކް ފްލޯ ބަލަހައްޓަމުން އަންނަ އޮފިސަރުން، އެ ދޭތެރޭގައި ދަތުރުކުރާ އުޅަނދުތަކާއި މީހުން ބަލާފާސްކުރަމުން ގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވަނީ މި ހަމަލާދިން މީހުން ދެނެގަތުމާއި، ހަމަލާއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ، ލަސްނުކޮށް ފުލުހުންނާ އެ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ފުލުހުން އަންނަނީ އެމީހާއަށް ހަމަލާ ދިން ސަރަހައްދު ބަންދުކޮށް، އެތަނުގައި ހަރަކާތްތެރިވަމުންނެވެ.

comment ކޮމެންޓް