ތިލަފުށީ ފަޅުގައި ވެރިޔަކު ނެތި އޮތް ބޯޓެއް ކަމަށްވާ "އެމްވީ ސަފެޔާ"ގެ މިލްކުވެރިކަން އަމިއްލަ ކުންފުންޏަކަށް ދިނުމަކީ ހިޔާނާތެއް ކަމަށް ވިދާޅުވެ، މަޖިލީހުގެ އެސްއޯއީ ކޮމިޓީގެ މެންބަރުން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) މަގާމުން ވަކިކުރަން ގޮވާލައްވައިފި އެވެ.
ދެހާސްބާރަވަނަ އަހަރުން ފެށިގެން، ތިލަފުށީ ފަޅުގައި އަޅާފައި އޮތް އެ ބޯޓް ނައްތާލުމަށް ކަމަށް ބުނެ އޭގެ މިލްކުވެރިކަން އަމިއްލަ ކުންފުންޏެއް ކަމަށްވާ ޕާކަވަން އިންވެސްޓްމަންޓާ ހަވާލުކުރި މައްސަލައިގައި ޖީއެމްއައިޒެޑްއެލްގެ ވެރިން ހާޒިރުކޮށް އިއްޔެ ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު(ބޮންޑާ) ވިދާޅުވީ، ބާ ދަނގަޑުގެ ގޮތުގައި ބޮޑު ބޯޓެއް އަމިއްލަ ފަރާތަކާ ހަވާލުކުރީ ކުންފުނީގެ ބޯޑުގެ މަޝްވަރާ ވެސް ނެތި އެމްޑީ އަމިއްލަފުޅަށް ނިންމަވައިގެން ކަމަށެވެ. އެމްޑީ އިބޫ ކުންފުނި "ހައިޖެކްކޮށްފައިވާ"ކަން ފާހަގަ ކުރައްވާ ބޮންޑާ ވިދާޅުވީ އެކަން އެންމެ ބޮޑަށް ސިފަކުރެވެނީ "ގޭންގެއް ހިންގުމާ" ކަމަށެވެ. އަދި ކުންފުނީގެ ސެކްރެޓަރީ އާއި ބޯޑް ޗެއާމަންގެ ބާރުވެސް އިބޫ ކަނޑުއްވާލައްވާފައިވާ ކަމަށް ވެސް ބޮންޑާ ތުހުމަތު ކުރެއްވި އެވެ. އޭނާ ވަނީ، އެކަމަށް ފުރުސަތު ނުދެއްވުމަށް ސަރުކާރަށް ގޮވާލައްވައިފަ އެވެ.
"އިޖުރާއަތްތައް ފުރިހަމަނުކޮށް ބޭރުގެ ބަޔަކަށް ބާ ދަނގަޑަށް ވިއްކާލަން ފައިސާ ނަގާ އެތައް ކަންތައްތަކެއްކޮށްފި. ކުންފުނި ވެސް ތިއޮތީ ހިފަހައްޓާފައި. ސެކެޓްރީގެ ބާރެއް ނެތް. ޗެއާމަންގެ ބާރެއް ނެތް. ހަމައެކަނި އެމްޑީ ކުންފުނި ހިންގަނީ. ބަލައެއް ނުގެނެވޭ. އަޅުގަނޑު ވަރަށް އިހުތިރާމާ އެކު މުގަރިރުގެ އަރިހުން އެދެން އެމްޑީ ބަދަލުކުރަން،" ބޮންޑޭ ވިދާޅުވި އެވެ. "އެމްޑީއެއްގެ ހުންނަ ޖެހޭ ސިފައެއް ނެތް. ސަރުކަރަށް ދަންނަވަން ޖެހޭ އެމްޑީ ބަދަލު ކުރަން،"
ކޮމިޓީގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހަމަދު ދީދީ ވިދާޅުވީ، މައްސަލައަށް ބަލާއިރު އެމްޑީއަށް ނުލިބޭ ބާރުތައް އިބޫ ބޭނުން ކުރައްވާފައިވާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކުންފުނީގެ ބޯޑް ސެކްރެޓަރީގެ ޒިންމާތަކަށް އިބޫ ހުރަސް އަޅުއްވާފައިވާ ކަމަށް ތުހުމަތު ކުރާއިރު، އެއީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށް މެންބަރު ހުސެއިން ވިދާޅުވި އެވެ. އަދި އެމްޑީ އިބޫގެ އަމަލުތައް ސިފަކުރެއްވެނީ ކުރީގެ ނައިބު ރައިީސް އަހުމަދު އަދީބު ކަންކަން ކުރެއްވި ގޮތާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާ ބާރުގަދަ އެމްޑީގެ ގޮތުގައި، ކުރީގެ [ނައިބް ރައީސް] އަދީބު ގޮތަށް، މުޅީ ކުންފުނީގެ ވެރިމީހާ. މުޅި ކުންފުޏަކީ ވެރި އެއްޗެއް ކަމަށް ދެކުމަކީ ރަނގަޅު ކަމެއް ކަމަށް ނުދެކެން،" ހުސައިން މުހައްދު ދީދީ ވިދާޅުވި އެވެ.
އޭނާ ވަނީ ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތަކަށް ބޯލެބުމަށް އެމްޑީ އިބޫއަށް އިލްތިމާސް ކުރައްވައިފަ އެވެ.
ބޯޓު ތިލަފުށި ފަޅުން ނަގައި ނައްތާލުމުގެ މަސައްކަތް ޕާކަވަން ކުންފުނިން ކުރަމުން ދަނިކޮށް، ކ. ހިންމަފުށީ ކޯޓުން ނެރުނު އަމުރަކާ ގުޅިގެން ފުލުހުން ވަނީ އެކަން ހުއްޓުވައިފަ އެވެ. ފަހުން އެ ކޯޓު އަމުރު ބާތިލް ކުރި ނަމަވެސް، ފުލުހުން އެކަމުގައި ފިނޭންސުގެ ލަފަޔެއް ހޯދުމުން ފިނޭންސުން ފުލުހުންނަށް އެންގީ ބޯޓު ނައްތާލުމަށް ހުއްދަ ދީފައި ނުވާ ކަމަށެވެ. އަދި އަދަދަށް ދާން ދެންވެސް އެ ބޯޓް ނައްތާލުމުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. އެކަމާ ގުޅިގެން، ޕާކަވަން ކުންފުނިން ވަނީ ޖީއެމްއައިޒެޑްއެލްއިން މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލައިގައި 10 މިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅަން ނިންމާފަ އެވެ.
އިއްޔެގެ ކޮމިޓީގައި އެމްޑީ އިބޫ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެކަމުގައި ދޭން ޖެހޭ އެއްވެސް ބަދަލެއް ނޯންނާނެ ކަމަށެވެ. އަދި އިބޫ ގެންދެވީ ކުންފުނީގެ ބޯޑާއި އިސް މެނޭޖްމަންޓް ވާހަކަތައް ނަފީކުރައްވައި އޭނާގެ އަމަލުތައް ދިފާއު ކުރައްވަމުން އެވެ.
"ސަތޭކަ ޕަސަންޓް ޔަގީންކަމާ އެކު އަޅުގަނޑަށް ދަންނަވާލަން ކެރޭ މި ކުންފުންޏަކުން އެއްވެސް ފަރާތަކަށް މިކަމާ ގުޅިގެން ބަދަލެއްގެ ގޮތުގައި ޒަރެއްގެ މިންވަރު ވެސް ދޭން ނުޖެހޭނެ ކަމުގެ ޔަގީން ކަން މި ކޮމިޓީއަށް އަރުވަން،"އިބޫ ވިދާޅުވި އެވެ.
އެމްޑީ އިބޫގެ އެ ވާހަކަތަކަށް ރިއާޔަތްކޮށް ހުސައިން މުހައްމަދު ދީދީ ވިދާޅުވީ، މި މައްސަލައިގައި ފެނިގެން މިދަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަދަލު ހޯދުމުގެ "އޮއިވަރެއް"ގައި އުޅޭތަން ކަމަށެވެ. އަދި ކަންބޮޑުވަނީ އެ އޮވަރުގައި ޖެހި ޖީއެމްއައިޒެޑްއެލް އެކަމުގައި ތާށިވެގެން ހިނގައިދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ބަދަލު ދޭން ނުޖެހޭ ކަމަށް އެމްޑީ ވިދާޅުވި ނަމަވެސް، އެކަން ގަބޫލުއް ނުކުރެވޭ ކަމަށް ވެސް ވިދާޅުވި އެވެ.
"ތިމަންނަ އަށް ފެންނަ ގޮތުގައި ބަދަލު ދޭން ނުޖެހޭނެއޭ ބުންޔަސް އެކަމެއް ނުކުރެވޭނެ. ކިތަންމެ ގިނަ ފަހަރަރު އެމްޑީ ތިހެން ތަކުރާރު ކުރެއްވިޔަސް އަޅުގަނޑުމެންނަށް އެެއްވެސް ޔަގީން ކަމެއް ނެތް ތިޔަށް ބަދަލު ދޭން ނުޖެހޭނެ ކަމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
އެކަނިމާ އެކަނި އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ، އޭނާ އަމަލުކުރީ ފިނޭންސުން ހުއްދަ ދީގެން ކަމަށާއި ތަންފީޒު ކުރީ ކޯޓް އަމުރު ކަމަށެވެ. އަދި ކޯޓް އަމުރުގައި އޮތީ ބޯޓު ފަޅުން ނަގައި ނައްތާލުމުގެ އެންމެހާ ހައްގުތައް ދިވެހި ދައުލަތަށް ދިނުމަށް ކަމަށެވެ.
"ކޯޓުގެ ހުކުމްގައި ބުނަނީ ދައުލަތަށް ތަސައްރަފު ކުރުމުގެ ބާރު ލިބިގެންވޭ. ތަސައްރަފު ކުރުމަކީ ނަގައި ނައްތާލުން އަރަބިި ބަހުގައި،"އިބޫ ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން، ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވިދާޅުވީ، ކޯޓު އަމުރުގައި ބޯޓު ނައްތާލުމަށް ނެތް ކަމަށާއި އެމްޑީ ކޯޓު އަމުރު މާނަ ކުރައްވަނީ އެމްޑީ ބޭނުންވާ ގޮތަަށް ކަމަށެވެ.
"ޒިނޭ ހަލާލެއް ނުވާނެ. ހަލާލު ޒިނޭ ނުހުންނާނެ. ކޮރަޕްޝަން ލީގަލް ނުވާނެ. މިއީ ހުއްދަ ކޮރަޕްޝަނޭ މިއީ ހަލާލު ކޮރަޕްޝަނޭ އެގޮތަށް [އެމްޑީ] ވާހަކަ ނުދައްކަވާ،" ޝިޔާމް ވިދާޅުވި އެވެ.
ހުކުމްގައި އެބުނާ ބައި ދައްކާލަ ދިނުމަށް މެމްބަރު ޝިޔާމް އެމްޑީ އިބޫއަށް ދެންނެވުމުން އޭނާ ވިދާޅުވީ، އެތަނުގައ "ބޮޅެއް އަޅާފައި ފަހުން ފޮނުވާލަދޭނެ" ކަމަށެވެ. އަދި ހުކުމް ރަނގަޅަށް ކިޔާލުމުން އެތަން ފެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކުންފުނީގެ ޗެއާމަން ސައުދުﷲ އަހުމަދު ވިދާޅުވީ ބޯޓް ނައްތާލުމަށް ބަޔަކާ ހަވާލުކުރީ އޭނާ އަށާއި ބޯޑަށް އެއްވެސް އެނގުމެއް ނެތި ކަމަށެވެ. އަދި އެކަން އެނގުނު ހިސާބުން އެ މަސައްކަތް ހުއްޓާލަން އެންގި ކަމަށް ވެސް ސައުދުﷲ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމާ ގުޅޭ އޮޑިޓެއް ހެދި ކަމަށެވެ. އަދި އެ އޮޑިޓުން ވެސް ކުންފުނިން އެ މަސައްކަތް ކުރުމުގައި ބޮޑެތި ގޯސްތައް ހަދާފައި ހުރިކަން ހާމަވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު އެ އޮޑިޓް ވާނީ ޕީސީބީ އާއި ފިނޭންސްއާ ވެސް ހިއްސާކޮށްފައި،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވީ، މިހާރު ބޯޓު އޮތީ ތިލަފުށީގައި ކުއްޔަށް ހިފައިވާ އެހެން ކުންފުންޏެއްގެ ސައިޓުގައި ކަމަށާއި ދުވާލަށް 3000 ޑޮލަރުގެ ޖޫރިމަނާއެއް މިހާރު ވެސް އަރަމުންދާ ކަމަށެވެ. އަދި އެކަމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ، ޖީއެމްއައިޒެޑްއެލް އިން ކަމަށް އެ ސައިޓު ކުއްޔަށް ހިފައިގެން އުޅޭ ކުންފުނިން ބުނަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުންފުނީގެ ބޯޑް ސެކެޓްރީ ޖެނެރަލް މާޝީތާ އާދަމް ވެސް ވިދާޅުވީ، އެ ބޯޓް ނައްތާލުމަށް ހަވާލުކުރީ އޭނާގެ ގާނޫނީ ލަފަޔާ ހިލާފަށް ކަމަށެވެ. އޭނާ ވިދާޅުވީ ކޯޓު އަމުރުގައި ބޯޓު ނެގުމަށް ބުނެފައި ވިޔަސް، އެ ބޯޓްގެ މިލްކުވެރިކަން އެހެން ބަޔަކާ ހަވާލު ނުކުރެވޭނެ ކަމަށް އެމްޑީއަށް ލަފާ ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއްބަސްވުން ހެދީ ބޯޓުގެ ހުރިހާ ހައްގުތައް އަމިއްލަ ކުންފުންޏަކަށް ދީފައި ކަމަށް ވެސް މާޝިތާ ވިދާޅުވި އެވެ.
"ބޯޓުގެ ކަންތައްތަކުގައި އަޅުގަނޑަށް ފާހަގަ ކުރެވުނީ ނައްތާލުމެއް ނެތޭ. ގާނޫނީ ގޮތުން ބަލާއިރު ލަފްޒީ މާނައަށް ބަލާނީ. ނެގުން އިނީ. ނައްތާލުމައި ނެގުން އެއީ ވަރަށް ތަފާތު ދެ ލަފްޒު ވީމަ އެކަން ވެސް ފާހަގަކުރިން،" މާޝީތާ ވިދާޅުވި އެވެ.
މާޝީތާ ވިދާޅުވި ގޮތުގައި އޭނާއަށް ސެކްޓްރީގެ ޒިންމާ އަދާކުރުމަށް ވެސް އުނދަގޫ ކުރިމަތިވި ކަމަށާއި އެ މައްސަލައިގެ ލިޔުންތައް އެމްޑީ ވިދާޅުވެގެން ކަމަށް ބުނެ، ކުންފުނީގެ މެނޭޖްމަންޓުން އޭނާއަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
"އެބޭފުޅުން[މެނޭޖްމަންޓު މުވައްޒަފުން] އެބަ ދަންނަވާ އެމްޑީ ވިދާޅުވެފައޭ އޮތީ ސެކްޓްރީ އެއްވެސް ސޮފްޓެއް ހިއްސާ ނުކުރުމަށް،" މާޝީތާ ވިދާޅުވި އެވެ.
އެމްޑީ އިބޫ އިތުރަށް ވިދާޅުވީ، ބޯޓު ބަޔަކާ ހަވާލު ކުރީ ބޯޑުގެ ރިޒޮލިއުޝަންއަކުން ބާރުލިގެން ކަމަށާއި އެކަން ކުރީ ބޯޑުގެ ނިންމުމާ އެއްގޮތަށް ކަމަށެވެ. އަދި ޕާކްވަންއާ އެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން [އޭސީސީ] އިން ނިންމާފައިވާކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ފޭދޫ ދާއިރާ މެމްބަރު މުހައްމަދު ނިހާދު ކޮމިޓީގައި ސުވާލު ކުރެއްވީ، އެ ބޯޓު ނައްތާލަން ބަޔަކާ ހަވާލު ކުރަން މިހާރުގެ ބޯޑުން ނިންމިތޯ އާއި އެ ނިންމުން ނިންމި ތާރީހަކާ މެދު އެވެ. އެ ސުވާލާ ގުޅިގެން އިބޫ ވިދާޅުވީ، އެއީ މިހާރުގެ ބޯޑުގެ ނިންމުމެއް ނޫން ކަމަށާއި އެ ނިންމުން ނިންމީ 2017 ވަނަ އަހަރު އޮތް ބޯޑުން ކަމަށެވެ. މިހާރުގެ ބޯޑުން އެފަދަ ނިންމުމެއް ނުނިންމާ ކަމަށް އޭނާ އިއުތުރާފްވެ ވަޑައިގެންނެވި އެވެ.
އެކަމާ ގުޅިގެން ނިހާދު ވިދާޅުވީ، އެ މަސައްކަތް ހަވާލު ކުރި ކުންފުނި ރަޖިސްޓްރީ ވެފައި ވަނީ އެ މަސައްކަތުގެ ބިޑަށް ހުޅުވާލި ދުވަހު ކަމަށެވެ. އެގޮތުން އެކަމަށް އިއުލާން ކުރީ 17 ފެބްރުއަރީގައި ކަމަށާއި ކުންފުނި ރަޖިސްޓްރީކޮށްފައި ވަނީ ވެސް ހަމަ އެދުވަހުގައި ކަމުން އޭގައި ޝައްކު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ނިހާދު ފާހަގަ ކުރެއްވި އެވެ.
"ޕާކްވަން ކުންފުނީގައި ޕްރޫފް އޮފް އެކްސްޕީރިއަންސް ނެތް ކަމަށް ވެސް ރިޕޯޓުން އެނގޭ. މީގެން ވަރަށް ބޮޑަށް އެނގޭ މިއީ ބަޔަކު ރޭވުންތެރިކަމާ އެކު ވަކި ބަަޔަކަށް މަންފާތަކެއް ހޯދުމަށް ކަނޑައެޅިގެން ރޭވުމަކާއެކު ކޮށްފައިވާ ކަމެއް ކަމަށް،" ނިހާދު ވިދާޅުވި އެވެ.
އެއީ ބޯޑުގެ ދެންތިއްބެވި މެމްބަރުންނަށް އެނގިގެން ކުރެއްވި ކަމެއްތޯ އެހެން މެންބަރުންނާ ނިހާދު ސުވާލު ކުރެއްވުމުން ބޯޑުގެ ދެންތިވި މެމްބަރުން ވެސް ވިދާޅުވީ، އެއީ އެ ބޭފުޅުންނަށް ނޭނގި ކުރި ކަމެއް ކަމަށެވެ.
ކޮމިޓީގެ މުގައްރިރު، ހުޅޫދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބު ވިިދާޅުވީ ބޯޓް ނައްތާލުމަށް ބަޔަކާ ކުންފުނިން ހަވާލުކުރީ ކުންފުނީގެ ކުރީގެ އެމްޑީއަށް އޭރުގެ ބޯޑުން ބާރު ދީ ފާސްކޮށްފައި އޮތް ރިޒޮލިއުޝަނެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އެ ބޯޑް ރެޒޮލިއުޝަންގައި ސީދާ އޭރުގެ އެމްޑީގެ ނަން ޖަހާފައިވާ ކަމަށާއި، މީހެއްގެ ނަން އަންނަ ނަމަ އެ ބާރެއް އެދެވެނީ އެ މީހަކަށް ކަމަށް ކުންފުނިތައް ހިންގުމުގެ އުސޫލުތަކުގައި ލިޔެފައިވާ ކަމަށެވެ. އަދި އެމްޑީ ބަދަލުވެއްޖެ ނަމަ، އެކަހަލަ ބޯޑް ރިޒޮލިއުޝަންތައް ބަދަލުކޮށް އެގޮތަށް ބޯޑުން ފާސްކުރަން ޖެހޭނެ ކަމަށް ވެސް އިލްޔާސް ލަބީބު ވިދާޅުވި އެވެ.
"މަގާމުގައި ހުންނަ މީހާ ބަދަލު ވެއްޖެ ނަމަ އެ ނަން ބަދަލުކުރުމަށް ފަހު ފާސް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ކުންފުނިތަކުގެ ހިންގުމުގެ އުސޫލުތެެރެއިން އެކަން ބަޔާން ކުރޭ،" އިލްޔާސް ވިދާޅުވި އެވެ.
ހަތަރު ގަޑިއެއް ހާއިރަށް ދިގު ދެމިގެން ދިޔަ ބައްދަލުވުން ނިންމާލީ، ލިޔެކުޔުންތައް އަލުން ބެލުމަށްފަހު، އަނެއްކާޥެސް ޖީއެމްއައިޒެޑްއެލްއާ އެކު އިތުރު ބައްދަލުވުމެއް ބާއްވައި ސާފު ކުރަން ޖެހޭ ކަންކަން ސާފު ކުރުމަށެވެ.