ޔޫރޯއަށް ފަހު ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ބޭނުންވާ ކަމަށް ކޫމަން ބުނެފި

ނެދަލެންޑުގެ ކޯޗު ރޮނާލްޑް ކޫމަން --- ފޮޓޯ// ރަޔާން ބެންސަން

ނެދަލެންޑްސް ގައުމީ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން އަންނަ އަހަރުގެ ޔޫރޯއަށް ފަހު ބާސެލޯނާގެ ކޯޗު ކަމާ ހަވާލުވާން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

ނެދަލެންޑުގެ ފުޓުބޯޅަ ދަތި ހާލަތެއްގައި އޮއްވާ ކޯޗުކަމާ ހަވާލުވި ކޫމަންގެ އިރުޝާދާ އެކު އަލުން އަނބުރާ އެ ޓީމު ދުނިޔޭގެ ގަދަބާރަކަށް ވެގެން ދިޔަ ހިނދު ގިނަ ކުލަބުތަކަކުން ވަނީ އޭނާ ހޯދުމަށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން އެންމެ ބޮޑު އެއް މަސައްކަތެއް ކުރަމުން އަންނަ އެއް ކުލަބަކީ ސްޕެއިންގެ ބާސެލޯނާ އެވެ.

ނެދަލެންޑުގެ ކޯޗު ރޮނާލްޑް ކޫމަން ބާސެލޯނާގައި ކުޅުން ޒަމާނުގައި --- ފޮޓޯ// އޭޕީ

އެ ޓީމުގައި މިވަގުތު ކޯޗަކަށް ހުރި އާނެސްޓޯ ވަލްވާޑޭއާ ދޭތެރޭ ބޯޑުގެ ބައެއް މެމްބަރުން ނުރުހުން ހުރުމާ އެކު ފަހަކަށް އައިސް ބާސެލޯނާ ދައްކަމުން އަންނަ ކުޅުމަށް ބަލައި ގިނަ ބައެއްގެ ފާޑު ކިޔުންތައް އޭނާ އަށް ވަނީ އަމާޒުވެފަ އެވެ. އެއާ އެކު ކޫމަން ހޯދަން ބާސެލޯނާ އިން ކުރި މަސައްކަތުން އިނގުނީ އޭނަގެ ރިލީޒް ކުލޯސްގައިވާ ގޮތުން އަންނަ ޔޫރޯއަށް ފަހު ކޫމަންއަށް ބާސެލޯނާއަށް ދެވިދާނެ ކަމެވެ.

ނެދަލެންޑްސް ގައުމީ ޓީމަށް 1982 އިން 1994 އަށް ކުޅެ 1988 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރި ކޫމަން ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ފެށީ ނެދަލެންޑްސްގެ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ. އޭނާ ނެދަލެންޑްސްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ ފެބުއަރީ މަހުގަ އެވެ. އޭނާ ހަވާލުވި ފަހުން އެ ޓީމު ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ. އަދި ގިނަ އަހަރުތަކަށް ފަހު ބައިނަލްއަގުވާމީ ބޮޑު މުބާރާތަކަށް ކޮލިފައިވުމާ ގާތުގަ އެވެ. އެ ޓީމުން ވަނީ ޔުއެފާ އިން ދާދި ފަހުން ފެށި ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެފަ އެވެ.

އުމުރުން 56 އަހަރުގެ ކޫމަން މި ވަގުތު ނެދަލެންޑްސްގެ ކޯޗުކަމުގައި ހުރީ 2022 ގެ ނިޔަލަށެވެ. ނެދަލެންދްސްގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ސްޕޯޓިން ޑިރެކްޓަރު ނިކޯ ޔޭން ހޫއިމާ ވިދާޅުވީ ކޫމަންގެ ކޮންޓްރެކްޓްގައިވާ ގޮތުން މުއްދަތު ހަމަވުމުގެ ދެ އަހަރު ކުރިން އޭނާ ބޭނުންވެއްޖެ ނަމަ މަގާމު ދޫކޮށްލުމުގެ އިހުތިޔާރު އޮވެ އެވެ. އެކަމަކު އެކަން ކުރެވެނީ އޭނާ ދެން ހަވާލުވާ ޓީމަކުން ކޮމްޕެންސޭޝަން ފީ އެއް ދެއްކުމުންނެވެ.

"ބާސެލޯނާއަށް ދިއުމަކީ އެކަށީގެންވާ ކަމެއް. އެކަމަކު އެކަމާ ދޭތެރޭ ވިސްނާނީ އަންނަ އަހަރުގެ ޔޫރޯއަށް ފަހު،" ކޫމަން ބުނެފައިވެ އެވެ.

އޭނާ ބުނީ، މި ވަގުތު ކުލަބުތަކާ ހަވާލުވުމުގެ ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމެއް ނޫން ކަމަށާއި ހުރިހާ ވިސްނުމެއް ވެސް އޮތީ ނެދަލެންޑުގެ ޓީމާ ދޭތެރޭ ކަމަށެވެ.

"އަންނަ އަހަރުގެ ޔޫރޯއަށްފަހުން ނެދަލެންޑް ދޫކޮށްލަންޏާ ދާނެ ހަމައެކަނި ކުލަބަކީ ބާސެލޯނާ."

comment ކޮމެންޓް