ޖާބިރުގެ ތުހުމަތުތަކުން ރޮޒައިނާގެ ރުޅިގަނޑު ފަޅައިގެން ގޮސްފި

ރޮޒައިނާ އާއި ޖާބިރު: ޖާބިރުގެ ތުހުމަތުތަކުން ރޮޒައިނާގެ ރުޅިގަނޑު ވަނީ ފަޅައިގެން ގޮސްފައި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު ތަޅުމުގައި އައްޑޫމީދޫ ދާއިރާ މެމްބަރު ރޮޒައިނާ އާދަމަށް ކުރެއްވި ތުހުމަތުތަކުން އޭނާގެ ރުޅިގަނޑު ފަޅައިގެން ގޮސްފިއެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖާބިރު ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި، ރޮޒައިނާއަށް ތުހުމަތުތަކެއް ކުރައްވާފައެވެ.

އިންތިގާލީ އިންސާފުގެ ބިލަށް މަޖިލިހުގައި އިއްޔެ ބަހުސްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ، ހިޔާނާތުގެ ފައިސާ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި މެމްބަރު ރޮޒައިނާ ނެންގެވި ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ މައްސަލަ މަޖިލީހުން ބަލަން ޖެހޭކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ހިޔާނާތުގެ ފައިސާ ބޭނުން ކުރައްވައިގެން ރޮޒައިނާގެ ދާއިރާގައި ގެސްޓްހައުސްއެއް އަޅުވައްވާފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލަ މަޖިލީހުން ބެލުމަށްފަހު ތަހުގީގުކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް ފޮނުވުމަށް ޖާބިރު އެދިވަޑައިގަތެވެ.

"ރޮޒައިނާ އެމްއެމްޕީއާރުސީން ފައިސާ ނަގައިގެން ގެސްޓްހައުސް އަޅައި. އަޅުގަނޑަކީ ހުސައިންފުޅު ހަސަން ބާގިރުގެ ޢަބްދުالله ޖާބިރު. މާނަޔަކީ، މަރަދޫފޭދޫ ހުސައިންފުޅު ހަސަން ބާގިރުގެ އަބްދުالله ޖާބިރޭ އަޅުގަނޑަކީ. އަޅުގަނޑުމެންގެ ދާއިރާގެ ވަގު، ވައްކަންކޮށްފައި ހުރި މެންބަރަކު ހުންނާކަށް ބޭނުމެއް ނުވާނެ،" ޖާބިރު ރޮޒައިނާއަށް ތުހުމަތުތަކެއް ކުރައްވައި ވިދާޅުވިއެވެ.

ރޮޒައިނާ: އޭނާއަށް ވަގަށް ގޮވުމަުން ދިޔާނާ ފަނޑިޔާރުކަމަށް ނުލެވޭނެ ކަމަށް ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ޖާބިރުގެ ވާހަކަތަކަށް ރައްދު ދެއްވައި، ރޮޒައިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖާބިރު އޭނާއަށް ވައްކަމުގެ ތުހުމަތު ކުރައްވަނީ، އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ނުކުރެވުމުން ކަމަށެވެ.

ސުޕްރީމް ކޯޓުން ފަނޑިޔާރަކަށް ރައީސް ސޯލިހު ހުށަހެޅުއްވި ނަންތައް ދިރާސާކުރީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ. އެ ކޮމިޓީން ލިސްޓުގެ އެންމެ ކުރީގައި ހިމެނީ، މިދިޔަ މަހު 30 ވަނަ ދުވަހު އެ މަގާމަށް ރުހުން ލިބުނު ޑްރަގް ކޯޓުގެ ކުރީގެ ގާޒީ މަހާޒު އަލީ ޒާހިރެވެ. މިދިޔަ ހޯމަ ދުވަހު އޭނާ ވަނީ އެ މަގާމަށް އައްޔަން ކޮށްފައެވެ.

ރޮޒައިނާ ވިދާޅުވީ، "ދިޔާނާ ކަޓުވާލީ ޖާބިރު" ކަމަށާއި މެމްބަރުން ދިޔާނާއަށް ވޯޓު ނުލީވެސް ޖާބިރުގެ އަމަލުތައް ހުންނަ ގޮތުން ކަމަށެވެ.

"އަޅުގަނޑު ދިޔާނާ ކަޓުވާލަން މަސައްކަތް ކުރީ ކަމަށް ސައި ކޮޓަރީގައި އަޅުގަނޑާއި ރައީސް ސޯލިހަށް ތުހުމަތުކޮށް، ހަލޭލަވާފައި ގޮސް އަޅުގަނޑުމެންނަސް ވަގަށް ގޮވުމަކުން ދިޔާނާ މަގާމަށް ނުލެވޭ،" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ، އޭނާއަށް ވަގަށް ގޮވުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އަދި އޭނާއާ ގުޅޭ އެއްވެސް ތަހުގީގެއް ހިންގާނެ ޖާގައެއްވެސް ނޯންނާނެ ކަމަށެވެ.

އެއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އަލުން މަޖިލީހުން ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދިޔުމަށް ޖާބިރު މި ހަފްތާ ތެރޭ މަޖިލީހަށް ހުށަހެޅި އެވެ. ނަމަވެސް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެ މައްސަލަ ބެލުމަށް ވަކި ކޮމިޓީއެއް ހަދާކަށް ނުޖެހޭ ކަމަށާއި އެ މައްސަލަ މިހާރުވެސް ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް