މިނިސްޓަރުގެ ޖަވާބުތަކަށް ނަަޝީދު ދެއްވީ އޭ ސްޓާއެއް

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު މަޖިލީހުގައި. މިނިސްޓަރުގެ ޖަވާބުތަކަށް ރިޔާސަތުން ވަނީ އޭ ސްޓާއެއް ދެއްވާފައި --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވަރަށް ތަފްސީލުކޮށް ޖަވާބުދެއްވާފައިވާ ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މިނިސްޓަރަށް އޭ ސްޓާ އެއް ދެއްވައިފި އެވެ.

މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނެ ދުވަހަކާ އަދި މި ދާއިރާއަށް އަލަށް މީހުން ނުވަންނަ ސަބަބު ދެނެގަތުމަށް ހުށަހެޅުއްވި ސުވާލަށް ޖަވާބު ދެއްވުމަށެވެ.

މަޖިލީހުގައި މެމްބަރުން ވަނީ އެކި ސްކޫލުތަކާ ގުޅޭގޮތުންނާއި ތައުލީމީ ދާއިރާގެ ކަންކަން ރަނގަޅު ކުރުމަށް މިނިސްޓްރީން ރާވާފައި ހުރި ކަންކަމާ ގުޅޭގޮތުން މިނިސްޓަރާ ސުވާލު ކުރިމަތިކުރުވައިފައެވެ.

އަދި މިނިސްޓަރު ވަނީ އެ ހުރިހާ ސުވާލަކަށް ވެސް ވަރަށް ތަފްސީލު ޖަވާބުތަކެއް ދެއްވައި މެމްބަރުންނަށް ކަންކަން އޮޅުންފިލުވައިދެއްވައިފައެވެ.

މިނިސްޓަރުގެ ވާހަކައަށްފަހު ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ ހުރިހާ ސުވާލަކަށް ވެސް ވަރަށް އިތުބާރާއެކު އަދި ފުރިހަމަ މައުލޫމާތު ލިބިވަޑައިގެން ހުންނަވާ މިނިސްޓަރު ޖަވާބު ދެއްވިކަން ފާހަގަކުރައްވައިފައެވެ.

"އިއްޒަތްތެރި ވަޒީރު ތަފްސީލުކޮށް އެކަންކަމަށް ޖަވާބު ދެއްވި. އިތުބާރާ މައުލޫމާތު ލިބިވަޑައިގެން ހުންނަވާ. އެހެންވީމަ އަޅުގަނޑު އިއްޒަތްތެރި ވަޒީރަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި އޭ ސްޓާ އިއްޒަތްތެރި ވަޒީރަށް އަޅުގަނޑު އަރުވަން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މިއަދު މިނިސްޓަރު މަޖިލީހަށް ވަޑައިގެންފައިވަނީ މަޖިލީހަށް ޕްރިންސިޕަލެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާއާ އަލަށް ގުޅޭ މީހުން މަދުވަނީ މުސާރަ އާއި އިނާޔަތްތައް ކުޑަވުމުގެ އިތުރުން، މަސައްކަތް ކުރަން ޖެހޭ މާހައުލަކީ އެންމެ ހިތްގައިމު މާހައުލަކަށް ނުވާތީ ކަމަށެވެ.

ނަމަވެސް އަންނަ އަހަރު މުދައްރިސުންގެ މުސާރައަށް ރަނގަޅު ގޮތްތަކެއް ހަދައިދިނުމަށް މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި އެގޮތުން އިންސާފުވެރި ގޮތަކަށް މުސާރައިގެ އޮނިގަނޑުތައް ފަރުމާކޮށް އެ އޮނިގަނޑުތައް ޕޭ ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ހަމައެއާއެކު ތައުލީމީ ދާއިރާއަށް ނުކުންނަ މީހުން އިތުރު ކުރުމަށް ވެސް ޕްރޮގްރާމްތަކެއް ރާވަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމުން މުދައްރިސުންނަށް ވަރަށް ބޮޑުތަން ފަސޭހަވެގެންދާނެ ކަމަށާއި، އަދި މަސައްކަތުގެ މާހައުލަށް ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.

comment ކޮމެންޓް