ބޮޑު ހިޔާނާތުގެ ތަހުގީގު އެބަ ހިނގާ، މަޖިލީހުގެ ކޮމިޓީއެއް ބޭނުމެއް ނުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަނީ --- ފޮޓޯ: މަޖިލިސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތް ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އިތުރު ކޮމިޓީއެއް ހަދަން ނުފެންނަ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ އަލުން މަޖިލީހުން ތަހުގީގު ކުރުމަށް ކޮމިޓީއެއް އެކުލަވާލައި އެ މަސައްކަތް މަޖިލީހުން ކުރިއަށް ގެންދަން، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ފޮނުއްވި ސިޓީއަށް ޖަވާބު ދެއްވަމުންނެވެ.

ނަޝީދު ވަނީ އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރަން ސަރުކާރުން ވަކި ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނުން އެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައިފަ އެވެ. އަދި އެ ކޮމިޝަނަށް ގާނޫނީ ބާރު ދީ، މަޖިލީހަށް އެ ކޮމިޝަން ޖަވާބުދާރީ ކުރުވޭ ކަމަށް ވެސް ނަޝީދު މިއަދު ފާހަގަ ކުރެއްވި އެވެ.

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް މިސަރުކާރުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ރިޔާސީ ކޮމިޝަނެއް އުފައްދަވައިފަ އެވެ. އަދި އެ ކޮމިޝަނާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި ފުލުހުން ގުޅިގެން އެމްއެމްޕީއާރްސީގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

"އެހެންވީމާ އަޅުގަނޑަށް ފެނުނީ ކާށިދޫ ދާއިރާގެ މެމްބަރު އެ ވިދާޅުވާ ކަންކަން ހިނގަމުންދާ ކަމަށް. އިތުރު ތަހުގީގު ކޮމެޓީއެއް އެކަމަށް މިތަނުން ހަދަން ބޭނުން ނުވާކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތް 3.2 ބިލިއަން ރުފިޔާއަށް އަރަ އެވެ. އޭގެ ތެރެއިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ. އަދި އެ ފައިސާގެ ތެރެއިން ވެސް 5.3 މިލިއަން ޑޮލަރު އެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފްގެ އެކައުންޓަށް ވަނީ ޖަމާވެފަ އެވެ.

ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަން އަދި އޭސީސީއިން ގުޅިގެން މިދިޔަ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެމްބަރަކު ހިޔާނާތުގެ ފައިސާއިން މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރުންނެއް ކަމެއް ހާމައެއް ނުކުރެ އެވެ. މީގެ އިތުރުން ހިޔާނާތުގެ ފައިސާ ބެހުނު މީހުންގެ ލިސްޓް 260 އަށް އަރަ އެވެ.

comment ކޮމެންޓް