ނައިފަރުގެ ފެނާއި ނަރުދަމާ "ފިނިހަކަ ދުވެލީގައި"

ޑރ. ހުސައިން ރަޝީދު ހަސަން: އޭނާ ވިދާޅުވީ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަވަސް ކުރުމަށް ކޮންޓްރެކްޓަރާ ތަކުރާރުކޮށް މަޝްވަރާ ކުރި ކަމަށް -- ސަން ފައިލް ފޮޓޯ: ފަޔާޒު މޫސާ

ޅ. ނައިފަރުގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން ދަނީ ފިނިހަކަ ސްޕީޑްގައި ކަމަށް އެ ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވުމަން އެކަމަށް އެއްބަސްވެވަޑައިގަތް މަސައްކަތް އަވަސް ކުރުމަށް ކޮންޓްރެކްޓަރާއި ތަކުރާރުކޮށް ވާހަކަ ދައްކާފައިވާނެ ކަމަށް އެންވައިރުމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހަސަން ވިދާޅުވެއްޖެ އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ޝިޔާމް ވިދާޅުވީ، ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފިނިހަކަ ސްޕީޑަށް ވެއްޓިފައި ވަނީ ކީއްވެގެން ސާފު ކޮށްދިނުމަށެވެ.

ޖަވާބުގައި ޑރ. ހުސައިން ވިދާޅުވީ، މިދިޔަ ސަރުކާރުގައި ހަވާލު ކުރި ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަމުން އަންނަނީ ލަސް ސްޕީޑެއްގައި ކަމަށާއި އެކަމާއި ގުޅިގެން ކޮންޓްރެކްޓަރާއި ތަކުރާރުކޮށް ސުވާލު ކުރެވިއްޖެ ކަމަށާއި ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ނަރުދަމާ ނިޒާމްގެ މަސައްކަތް ކުރިއަށްދާ ގޮތް ވަރަށް ލަސްކަމަށް ވިދާޅުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ ކޮންޓްރެކްޓް ހަވާލުކުރެވިފައި އޮތް ފަރާތުން އެ ކޮންޓްރެކްޓް އެކަށީގެންވާ އަވަސް މިނެއްގައެއް ނޫން ތަންފީޒު ކުރަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތް ލަސްވި ނަމަވެސް ކޮންޓްރެކްޓްގައި އޮތް ގޮތަށް ނޫން ގޮތަކަށް ބާތިލް ނުކުރެވޭނެ ކަން ޑރ. ހުސައިން ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޅ. ނައިފަރުގެ ފެނާއި ނަރުދަމާ އަދި ތ. ވޭމަންޑޫގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް 148.9 މިލިއަން ރުފިޔާއަށް އިންޑިއާގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ލަކީ ހިޔާ އެކްސްޕޯޓްސް އާއި ޓްރެވަނީއާ ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ ޖޫން 18 ވަނަ ދުވަހު އެވެ. އަދި އެ ތިން ޕްރޮޖެކްޓް ނިންމާލުމަށް އެއްބަސްވެފައި ވަނީ 18 މަސް ދުވަހުގެ ތެރޭގަ އެވެ.

އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓުން ފަންޑު ލިބިގެން ފެށި ނައިފަރުގެ ފެނާއި ނަރުދަމާ މަސައްކަތް ހަވާލު ކުރި ފަހުން 27 މަސް ވެފައިވީ ނަމަވެސް އެ މަސައްކަތް އަދި އެއްކޮށް ނިންމާލެވިފައެއް ނުވެ އެވެ.

އެގޮތުން ނަރުދަމާގެ 80 އިންސައްތަ ނިމިފައިވާއިރު ފެނުގެ ނިމިފައިވަނީ 50 އިންސައްތަ ކަމަށް ނައިފަރުގެ ކައުންސިލް ރައީސް މުހައްމަދު ކަރީމް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ނުނިމި ދިގުލައިގެން ދާތީ ދެ ފަހަރެއްގެ މަތިން ޕްލޭނިން މިނިސްޓަރާއި ބައްދަލު ކުރިކަން ވެސް ކަރީމް ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް