އުސޫލު ހަރުކަށި ކުރީ، އޮޅުވާލައިގެން ސްކޫލުތަކުން ޖާގަ ހޯދާތީ: މިނިސްޓްރީ

ޖެނުއަރީ 14، 2018: ދޮޅު މަހަށް ވުރެ ދިގު ޗުއްޓީއަކަށް ފަހު، 81،000 ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އަހަރު މާލޭގައި ދަރިވަރުން ސްކޫލްތަކަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި އަމަލުކުރާނެ އުސޫލަށް ބަދަލުގެންނަން ޖެހުނީ އޮޅުވާލައިގެން ބައެއް ސްކޫލުތަކުން ޖާގަ ހޯދަން ހުށަހަޅާތީކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އާ އުސޫލުގައިވާގޮތުން ވާގޮތުން އަންނަ އަހަރު ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އެ ސްކޫލެއްގެ ސަރަހައްދުގައި ދިރިއުޅޭ މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށެވެ.

އެއަށްފަހު ދެން އެންމެ ބޮޑަށް އިސްކަންދޭނީ ސްކޫލު ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެންބަނޑު ދަރިވަރުންނަށް ކަމަށްވެސް ސާކިލާގައި ބުނެފައިވެ އެވެ.

https://sun.mv/125543

އެޑިއުކޭޝަން މިނިސްޓްރީގެ ނިންމުމަށް ގިނަ ބެލެނިވެރިންނާއި އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

އާ އުސޫލު ދިފާއުކޮށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މާލޭ ސިޓީގެ ސުކޫލްތަކަށް ދަރިވަރުން ވެއްދުމާއި އެއް ސުކޫލުން އަނެއް ސުކޫލަށް ދަރިވަރުން ބަދަލުކުރުމުގައި އަމަލުކުރާނެ މިންގަނޑު ކަނޑައަޅާފައިވަނީ، ސކޫލްތަކުގައި އަންނަ އަހަރަށް ޖާގަ ދެވެން ހުރި އެންމެ ގިނަ މިންވަރު ބަލައި، އެ ސުކޫލު ހިމެނޭ ސަރަޙައްދަކުން (ކެޗްމަންޓް އޭރިއާއިން) ވީހާވެސް ގިނަ ދަރިވަރުންނަށް ޖާގަ ދެވޭނެ ގޮތަށް ބަލައިގެން ކަމަށެވެ.

އެ އުސޫލުގެ ތެރެއިން އެކުއްޖަކު ދިރިއުޅޭ ސަރަޙައްދުގައި ހިމެނޭ ސުކޫލަކުން ޖާގަ ހަމަޖެހުމުގެ ފުރުސަތު ގިނަ ކުދިންނަށް ކަށަވަރުވެގެންދާނެކަންވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.

އެ އުސޫލު ހަދަން ޖެހުނު މައިގަނޑު ސަބަބަކީ އިސްކަންދަރު ސުކޫލާއި ޖަމާލުއްދީން ސުކޫލަށް އަލަށް ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންނަށް ދެވެންހުރި ޖާގައިގެ އަދަދަށްވުރެ، އެ ސުކޫލްތައް ހިމެނޭ ކެޗްމަންޓް އޭރިއާގައި ދިރިއުޅޭކަމަށް ހުށަހަޅާފައިވާ ދަރިވަރުންގެ އަދަދު އިތުރުވެފައިވާތީ ކަމަށެވެ.

"އެގޮތުން އިސްކަންދަރު ސުކޫލަށް ގުރޭޑް 1 އަށް ޖާގަދެވެނީ 90 ދަރިވަރުންނަށް ނަމަވެސް، އެ ސުކޫލު ހިމެނޭ ކެޗްމަންޓް އޭރިއާގައި 288 އަށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ. ހަމައެހެންމެ ޖަމާލުއްދީން ސުކޫލުން ގުރޭޑް 1 އަށް ޖާގަދެވެނީ 120 ދަރިވަރުންނަށް ނަމަވެސް އެ ސުކޫލު ހިމެނޭ ކެޗްމަންޓް އޭރިއާގައި 396 އަށްވުރެ ގިނަ ދަރިވަރުން ހިމެނެއެވެ." މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ބައެއް ސުކޫލްތައް ހިމެނޭ ސަރަޙައްދުތަކަށް ގަވާއިދާ ހިލާފަށް، އެސަރަހައްދުގައި ނޫޅޭ ފަރާތްތަކުން އެސަރަހައްދުގައި އުޅޭކަމަށް ލިޔެކިޔުން ހުށަހަޅައި ސުކޫލުން ޖާގަ ހޯދުމަށް މަސައްކަތް ކުރުމުގެ ސަބަބުން، އެސުކޫލު ހިމެނޭ ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުނަށް ޖާގަ ލިބުމުގެ ފުރުސަތު ހަނިވެގެން ގޮސްފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެގޮތުން އެ ދެ ސްކޫލް ހިމެނޭ ސަރަޙައްދުގައި ހުރި ބައެއް ގޭގޭގައި 40 އާއި 50 އާ ދެމެދުގެ އަދަދަށް ގްރޭޑް 1 އަށް ވަންނަ އުމުރުފުރާގެ ދަރިވަރުން ދިރިއުޅޭކަމަށް ސިޓީ ހުށައަޅާފައިވާ ކަމަށާއި އެހެންނަމަވެސް މިމިނިސްޓްރީއިން ބެލި ބެލުމުގައި، އެގެތަކުގައި އެ އަދަދަށް ދަރުވަރުން ދިރި ނޫޅޭކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް