މާލޭގެ ސްކޫލުތަކުން ޖާގަދިނުމުގައި މާލޭގެ ރައްޔިތުންނަށް އިސްކަންދެނީ

މާލޭގެ ސްކޫލެއްގެ ދަރިވަރުންތަކެއް--- ސަން ފައިލް ފޮޓޯ

އަންނަ އަހަރު މާލޭގެ ސްކޫލުތަކުން ޖާގަދިނުމުގައި މާލޭގެ ރަށްވެހިންނަށް އިސްކަންދޭން ނިންމައިފި އެވެ.

އަންނަ އަހަރު ދަރިވަރުންނަށް ސްކޫލްތަކަށް ވެއްދުމާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތާ ބެހޭގޮތުން އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު ސޮއިކުރައްވާ ސްކޫލުތަކަށް މިހާރު ވަނީ ސާކިއުލާއެއް ފޮނުވައިފަ އެވެ.

އެ ސާކިއުލާގައި ވާގޮތުން އަންނަ އަހަރު ސްކޫލުތަކުން ޖާގަ ދިނުމުގައި އެންމެ ބޮޑަށް އިސްކަންދޭނީ އެ ސްކޫލެއްގެ ސަރަހައްދުގައި ދިރިއުޅޭ މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށެވެ.

އެއަށްފަހު ދެން އެންމެ ބޮޑަށް އިސްކަންދޭނީ ސްކޫލު ސަރަހައްދުގައި ދިރިއުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެންބަނޑު ދަރިވަރުންނަށް ކަމަށްވެސް ސާކިލާގައި ބުނެފައިވެއެވެ.

އެއަށްފަހު ސްކޫލުތަކަށް ވެއްދުމުގައި އެ ސްކޫލުތަކުގެ ޓީޗަރުންގެ ދަރިންނާއ ޝަރުއީ ގޮތުން އެ ޓީޗަރުންގެ ބެލުމުގެ ދަށުގައި ތިބޭ ދަރިންނަށް ކަަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ކަންކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށްފަހު، ބާކީހުރި ޖާގަތަކަށް ދަރިވަރުން ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހުގައި ކަމަށް މިނިސްޓްރީން އާއްމުކުރި އުސޫލުގައި ވެއެވެ.

އޭގެ އިތުރުން ސަރުކާރު ސްކޫލުތަކުން ފައުންޑޭޝަން ނިންމައި ގްރޭޑު އެކަކަށް ބަދަލުވާ ދަރިވަރުންނަށް އެ ދަރިވަރަކު ފައުންޑޭޝަން ލެވެލް ނިންމި ސަރުކާރު ސްކޫލަކުން ޖާގަ ހަމަޖެހިގެންދާނެ ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

comment ކޮމެންޓް