ހުޅުމާލެއިން މާލެ މީހުންނަށް ގޯތި ދޭން ބުނުމުން ރާއްޖެތެރޭ މެމްބަރުން ރަތަށް

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އަދި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ --- ފޮޓޯ/ މަޖިލިސް

މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޭން ޖެހޭ ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) ވިދާޅުވުމުން އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުން ހިތްހަމަނުޖެހި އެ ބަހުސް ހޫނުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރުމަށް އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހަތަރު ގަރާރެއް ހުށަހަޅާފަ އެވެ.

އެ ގަރާރަށް ބަހުސް ކުރައްވަމުން އިބްރާހިމް ރަޝީދު އިއްޔެ މަޖިލީހުގައި ވިދާޅުވީ މާފަންނު މެދު ދާއިރާގެ މެމްބަރުންނަށް ގެދޮރުގެ ދަތިކަން ދިމާވެފައިވާ ކަމަށެވެ. އަދި އޭނާ މަޖިލީހަށް ހޮވީ، ހުޅުމާލެއިން މާފަންނު މެދު ދާއިރާގެ ރައްޔިތުންނަށް ގޯތި ދޭނަމޭ ބުނުމުން ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

"މާފަންނު މެދު ދާއިރާގައި އެތައް ޒަމާނެއް ވަންދެން 50 އަހަރު 60 އަހަރު ވީ އާއިލާތައް އެބަތިބި. މިހާރު ތިބި ދަރިންގެ މުސައްތަގުބަލު އަޅުގަނޑަކަށް ނޭންގޭ ބުނެދޭކަށް. ހުޅުމާލޭގައި މިހާރު އެއޮތް ބިންވެސް ދޭކަށް ބެނުމެއް ނުވޭ. ބައެއް މިނިސްޓަރުން ބުނާނެ ދެވޭކަށް ނެތޭ. އަޅުގަނޑު މިބުނަނީ އަތުލާނަމޭ." މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން ހުޅުމާލެ ބިމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ އެއްޗެކެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) --- ފޮޓޯ/ މަޖިލިސް

އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އަތޮޅުތަކަށް ނިސްބަތްވާ މެމްބަރުން ވަނީ މަޖިލީހުގައި ވާހަކަ ދައްކާފަ އެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އިއްޔެ ވިދާޅުވީ ހުޅުމާލެ ހިއްކާފައި އޮތީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާއިން ކަމަށެވެ. އެހެންވީމަ ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުމާލެއިން ބިން ލިބެން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ދިމާ އިދިކޮޅު މާލެ މީހުންނަށް ހުޅުމާލެއިން ނުވަތަ ގުޅީ ފަޅުން ބިން ދިނުމާ. ރާއްޖެތެރޭ ރައްޔިތުންވެސް ބިންކޮޅު ދޫކޮށްލީމަ އެހެންވެއްޖެއްޔާ ހުޅުމާލެއިން ބިން ލިބެންޖެހޭނެ. ހުޅުމާލެއަކީ ރައްޔިތުންގެ ލާރިން ހިއްކާފައި އޮތް ބިމެއް. ހުޅުމާލެއިން ހިލޭ މާލެ ރައްޔިތުންނަށް ބިން ލިބޭ ކަމަށް ވަންޏާ ރާއްޖެތެރޭ ރައްޔިތުންނަށްވެސް ލިބެންޖެހޭނެ." މޫސާ ސިރާޖު ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ އޭނާގެ ދާއިރާގެ ރަށެއްގެ މިސްކިތުގައި އޭސީއެއް ހަރުކުރަން ވިޔަސް މާލެ ސަރުކާރުން ހުއްދަ ހޯދަން ޖެހޭ ކަމަށެވެ. އެއީ ނައްތާލަން ޖެހިފައި އޮތް ކަމެއް ކަމަށާއި ރަށުގެ މީހުންނަށް ރަށު ކަންކަން ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. މާލެއާއި ރާއްޖެ ތެރެއާ ތަފާތު ކުރާ ކަން ސިރާޖު ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ.

މި ބަހުސް މިވަނީ އަނެއްކާ މިއަދުވެސް ދެމިގެން ގޮސްފަ އެވެ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވެސް ވަނީ މެމްބަރު އިބްރާހިމް ރަޝީދުގެ ވާހަކަތަކާ ހިތްހަމަ ނުޖެހ ނުރުހުން ފާޅުކޮށްފަ އެވެ. ހުވަދު އަތޮޅު ބަހުރުވައިން ވާހަކަ ދައްކަވަމުން ޔައުގޫބު ވިދާޅުވީ، މާލޭ ރައްޔިތުންނާ ރާއްޖެތެރޭ މީހުންނާ ތަފާތުކޮށް ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހުޅުމާލެއަކީ ހަމައެކަނި މާލޭ މީހުންގެ ތަނެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ އެންމެންގެ ތަނެއް ކަމަށެވެ.

އޮކްޓޯބަރ 7، 2019: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

"ވަކި ރަށެއްގެ ބަޔަކަށް ނޫން އިސްކަން ދޭން ޖެހެނީ އެތަނުން [ހުޅުމާލެއިން] ގޯތި ދޭން. ހަމަ ރާއްޖެ އެންމެންނަށްވެސް ދޭން ޖެހޭނެ. ހާއްސަކޮށް މާލޭގައި ދިރިއުޅޭ ރާއްޖެތެރޭ އެންމެނަކަށްވެސް ދޭން ޖެހޭނެ." ޔައުގޫބު ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ ރާއްޖެތެރޭ މީހުން ނިކަމެތި ވާގޮތަށް އިއްޔެ މަޖިލީހުގައި ދެއްކި ވާހަކައިގެ ދިފާއުގައި ރާއްޖެތެރޭ މީހެއްގެ ހައިސިއްޔަތުން ވާހަކަ ދައްކަން ޖެހޭ ކަމަށް އޭނާ ގަބޫލު ކުރާ ކަމަށެވެ. މަޖިލީހުގެ 75 މެމްބަރުންނަކީ ރާއްޖެތެރޭ މެމްބަރުންކަން ފާހަގަކޮށް ޔައުގޫބު ވިދާޅުވީ އޭގެންވެސް ރާއްޖެތެރޭ މީހުންގެ ގާބިލުކަން ފެނިގެން ދާ ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން އެއްވެސް މީހަކު ތަފާތު ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

comment ކޮމެންޓް