ފަލަސްތީނުގެ ބިންތައް ނެގުމާ މެދު ނަތަންޔަހޫ ދެއްކެވި ވާހަކަތައް އދ. އިން ކުށްވެރިކޮށްފި

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

ޓެލްއަވީވް (ސެޕްޓެމްބަރު 11) : މިމަހުގެ 17 ވަނަ ދުވަހު އިސްރާއީލުގައި ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިޚާބު ކާމިޔާބުކުރެއްވިއްޖެ ނަމަ ޖޯޑަން ވެލީ އާއި ޑެޑްސީގެ އުތުރުގެ ސަރަހައްދުތައް އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ހަދާނެކަމަށް ވިދާޅުވެ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކެވި ވާހަކަތައް އދ. ން ކުށްވެރިކޮށްފި އެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރަސްގެ ތަރުޖަމާނު ސްޓީވަން ޑުޖަރިކް ވިދާޅުވީ ނަތަންޔަހޫގެ ވާހަކަތަކަކީ އދ.ގެ ގަރާރުތަކާ އަދި ބައިނަލްއަގްވާމީ ގާނޫނާ ޚިލާފު ވާހަކަތަކެއް ކަމުގަ އެވެ. ޑުޖަރިކް ނެރުއްވި ބަޔާނެއްގައި، އިސްރާއީލުގެ ގާނޫނާ، ސިޔާދަތާ އަދި އިދާރީ ކަންކަން ހުޅަނގު އައްސޭރީގައި ހިންގުމަށް އިސްރާއީލު ނިންމާ ކޮންމެ ނިންމުމަކީ ބައިނަލްއަގްވާމީ ގާނޫނާ މުޅިން ޚިލާފު ބާތިލް ނިންމުމެއް ކަމަށް ބުނެފައިވެ އެވެ.

ނަތަންޔަހޫގެ މިވާހަކަތަކަށް ރައްދު ދެއްވައި ރައީސް މަހްމޫދު އައްބާސްވަނީ އިސްރާއީލުން އެގޮތަށް އަމަލުކޮށްފިނަމަ އިސްރާއީލާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ ހުރިހާ އެއްބަސްވުންތަކަކުން ފަލަސްތީނު ވަކިވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި ފަލަސްތީނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ނަތަންޔާހޫގެ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނަށް އަރައިގަތުމުގެ ޖަރީމާއަކަށް ވުމުގެ އިތުރުން އެއީ ފަލަސްތީނުގެ ބިންތައް ވަގަށް ނެގުމާއި، ނަސްލު ސާފުކުރުމާ އަދި ސުލްހައިގެ ހުރިހާ ފުރުސަތުތަކެއް ނައްތާލުމުގެ ރޭވުމެއްގެ ދަށުން ދެއްކެވި ވާހަކަތަކެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

މިމައްސަލާގައި ގިނަ އަރަބި ގައުމުތަކުންނާއި އިސްލާމީ އެތައް ގައުމަކުންވެސް ވަނީ އިސްރާއީލާ ދެކޮޅަށް ބަޔާންތައް ނެރެފަ އެވެ. އަދި ބައެއް އިސްލާމީ ގައުމުތަކުންވަނީ މިމައްސަލަ އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށާ އަދި މިމައްސަލާގައި އިސްލާމީ ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި އޮތްކަމުގެ މެސެޖް އިސްރާއީލަށް ދިނުމަށްޓަކައި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ އޯއައިސީގެ ބައްދަލުވުމަކަށްވެސް ގޮވާލާފަ އެވެ.

އިސްރާއީލުގެ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ނަތަންޔާހޫ ވަނީ ފުރިހަމަ އަޣްލަބިއްޔަތަކާއެކު އިސްރާއީލުގެ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރްސަތު އިސްރާއީލުގެ ރައްޔިތުން އޭނާގެ ޕާޓީއަށް ދީފިނަމަ ޖޯޑަން ވެލީ އާއި ޑެޑްސީގެ އުތުރުގެ ސަރަހައްދުތައް އިސްރާއީލުގެ ބިންތަކުގެ ގޮތުގައި ހަދާނެކަމަށް ވިދާޅުވެ ހަރުކަށި އިސްތިމްމާރީ ރާގެއްގައި ވާހަކަ ދައްކަވާފައެވެ. އެބިންތައް އިސްރާއީލުގެ ތަންތަނުގެ ގޮތުގައި ނިންމުމުން ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ގާނޫނާއި ވެރިކަމުގެ ބާރުތައް ހިންގަން މިހާރަށްވުރެ ފަސޭހަވެ ހުޅަނގު އައްސޭރީގެ ހުރިހާ ސަރަހައްދެއްގެ ކޮންޓްރޯލް އިސްރާއީލަށް ލިބިގެންދާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވެފައިވެއެވެ.

ޖޯޑަން ވެލީ ނުވަތަ އުރްދުން ވާދީ އަކީ އުރްދުން ކޯރާ އިންވެގެން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ 400 ވަރަކަށް އަކަ ކިލޯ މީޓަރުގެ ސަރަހައްދެކެވެ. ހަމަބިމަށް ވުރެ ގާތްގަނޑަކަށް 200 މީޓަރު އަޑީގައި އޮންނަ މި ސަރަހައްދަކީ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް 30 އިންސައްތައެވެ. ހުޅަނގު އައްސޭރިއަކީ 1967 ގެ ހަނގުރާމައިގާ އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ސަރަހައްދެކެވެ. ފަލަސްތީނުން މަސައްކަތްކުރަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމް ކުރުމަށެވެ.

ނަތަންޔާހޫ މިހެން ވިދާޅުވެ ވާހަކަ ދެއްކެވީ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީންގެ ތެރޭގައި ހިމެނޭ ކަނާތުފިޔައިގެ ހަރުކަށި މީހުންގެ ވޯޓު ހޯދުމުގެ ބޭނުމުގައިކަމަށް ވަނީ ބެލެވިފައެވެ. މީގެ ދެހަފްތާއެއްހާ ދުވަސްކުރިން އިސްރާއީލުގެ ފައިޓާޖެޓްތަކުން އިރާގު ސޫރިޔާ އަދި ލުބްނާނަށް ދިން ވައިގެ ހަމަލާތަކުގެ ބޭނުމަކީވެސް ނަތަންޔާހޫއަކީ ޔަހޫދީން އެދޭ ކޮންމެ ކަމެއް ޖެހިލުމަކާނުލައި ކުރާނެ ބާރުގަދަ ކެރޭ ވެރިއެއްކަން ދައްކައިގެން އިސްރާއީލުގެ އިންތިޚާބު ކާމިޔާބުކުރުން ކަމަށްވަނީ ބެލެވިފައެވެ.

އިސްރާއީލުފަދަ ހުޅަނގުގެ ސްޓައިލަށް ޑިމޮކްރަސީ ހިންގާ ގައުމުތަކުގައި ވޯޓުލާމީހުންގެ ތާއީދު ހޯދުމަށްޓަކައި ބޮންއަޅައިގެން މީހުން މެރުމާއި ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ހިންގައި ރޭއޮހޮވުންފަދަ ބޮޑެތި ލާއިންސާނީ ޖަރީމާތައް ހިންގުމަކީ އާންމުކޮށް އެގައުމުތަކުގެ ލީޑަރުން އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވާކަންކަމެވެ. އިސްރާއީލުގެ ލީޑަރުންގެ އިތުރުން އެމެރިކާގެ ލީޑަރުންވެސް މިކަން ކުރައްވައެވެ.

އިސްރާއީލު މިހާރުވެސްވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަލަސްތީނުގެ ބިމަށް ޔަހޫދީން ގެނަސްގެން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ 22 އިންސައްތަ ބިމުގައި އެމީހުން ވަޒަންވެރިކުރުވައި ޔަހޫދީ އާބާދީތައް ބިނާކޮށްފައެވެ. މިއީ ހުޅަނގު އައްސޭރީގެ ބިންތައް އިސްރާއީލުގެ ބިންތަކެއްކަމަށް ހެދުމުގެ ރޭވުމުގެ ދަށުން ހިންގާ އިސްތިއްމާރީ ހަރަކާތެކެވެ.

(އަލްޖަޒީރާ+ ނޫސްއެޖެންސީތައް)

comment ކޮމެންޓް