އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީ އަވަހާރަވެއްޖެ

އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީ -- ފޮޓޯ: ގެޓީ

ދިއްލީ (އޮގަސްޓް 24): އިންޑިއާގެ ކުރީގެ ފިނޭންސް މިނިސްޓަރު އަރުން ޖެއިޓްލީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކަށް ފަހު އަވަހާރަވެއްޖެ އެވެ.

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާޔީ އާއި މިހާރުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ފުރަތަމަ ފަސް އަހަރު ދުވަހު ކެބިނެޓުގެ އެކި މަގާމުތައް ފުރުއްވި ޖެއިޓްލީ، ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގައި އެޑްމިޓުކުރީ މިމަހުގެ ނުވައެއްގަ އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޖެއިޓްލީ އެޑްމިޓްކުރީ ނޭވާނުލެވުމާއި އެންޒައިޓީގެ ޝަކުވާ ކުރެއްވުމުންނެވެ. އަދި އޭނާއަށް ވަނީ އޭރު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދީފަ އެވެ.

ބޮޑުވަޒީރު މޯދީގެ ފުރަތަމަ ދައުރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި 66 އަހަރުގެ ޖެއިޓްލީއަށް ދެވަނަ ދައުރުގައި ވެސް ކެބިނެޓުން މަގާމެއް ހުށަހެޅުއްވުމުން އޭނާ ވަނީ ސިއްހީ ހާލަތު ތަން ނުދިނުމުގެ ސަބަބުން އެދައުވަތު ގަބޫލު ކުރައްވަން ދެކޮޅު ހައްދަވައި އެވެ.

އިންޑިއާއިން ގުޑްސް އެންޑް ސާވިސެސް ޓެކްސް (ޖީއެސްޓީ) ނަގައި، ކޮރަޕްޝަނާ ދެކޮޅަށް ކުރި މަސައްކަތުގެ ދަށުން ކުއްލި ގޮތަކަށް 500 ރުޕީސް އާއި 1،000 ރުޕީސް ބޭނުން ކުރުން ހުއްޓާލީ ޖެއިޓްލީގެ ބެއްލެވުމުގެ ދަށުންނެވެ.

comment ކޮމެންޓް