ތެރަޕީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުުރުމާ ގުޅޭގޮތުން މަޝްވަރާ ފަށައިފި

ތެރަޕީގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސް އޮފީހުގައި ކުރިއަށް ދިޔަ މަޝްވަރާތަކުގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފަށާފައިވާ ތެރަޕީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާކުރައްވައިފި އެވެ.

އިއްޔެ މެންދުރު ރައީސް އޮފީހުގައި ބޭއްވި މަޝްވަރާތަކުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި އިންކްލޫސިވް އެޑިއުކޭޝަން ޑިޕާރޓްމަންޓްގެ އިތުރުން އެންސްޕާއާއި އާސަންދައިގެފަރާތުން އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ފައިސަލް ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓާޝަރީ ފެންވަރުގެ ސއިްހީ ހިދުމަތްތައް ފެށިގެންދާއިރު އެސަރަހައްދުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައިފަ އެވެ.

އޭގެ އިތުރުން ތައުލީމީ ދާއިރާގައިވެސް ތެރެޕީގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންނާއި، މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން 5 އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާގޮތެއްގައި މޮނިޓަރ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ދާދި ފަހުން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭން ޖެހޭ ތެރެޕީތައް ދިނުމަށް މޮބައިލް ތެރެޕިސްޓް ޓީމެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ މޮބައިލް ޓީމްގައި ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއާ ތެރެޕިސްޓުން ހިމެނޭނެ ކަމަށާއި އެ ތެރެޕިސްޓުން ހޯދުމަށް ހެލްތު މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން މިހާރު މަސައްކަތް ފަށައިފައިވާ ކަމަށްވެސް ޑރ. އައިޝަތު ވިދާޅުވި އެވެ.

އޭނާ އިތުރުަށް ވިދާޅުވީ އެ އިރެއްގައި ރާއްޖޭގެ ކަންކޮޅުތަކުން އެންމެ ބޭނުން އޮތް ދިމާލަކަށް އެ ޓީމް ފޮނުވައިގެން އެ ތެރެޕީގެ ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް