ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

ގައުމީ އިނާމު ދިނުމަށް މީގެ ކުރިން ބޭއްވި ޖަލްސާއެއްގެ ތެރެއިން: މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައި -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައިފިއެވެ.

އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމަށް މިއަހަރު ފުރުސަތު ހުޅުވައިލައިފައިވަނީ ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް އިތުުރުކުރުމަށް ފަހުގައެވެ.

އޭގެ ތެރެއިން އެއް ދާއިރާއަކީ، ދިވެހި ގައުމިއްޔަތުގެ ދާއިރާއެވެ. ދިވެހި ގައުމިއްޔަތުގެ ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލަވާނެ ރޮނގުތަކުގެ ތެރޭގައި، ދިވެހިންގެ މެދުގައި އެއްބައެއްވަންތަކަން އާލާކުރުމާއި ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، އިސްލާމީ ގިއުގަނޑުގެ ތެރެއިން އިސްލާމީ ދިވެހި ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުމާއި، ދިވެހިންގެ އަސާސީ ދެމިތިބުމާއި، ދިވެހި ރަށްވެހިކަމާއި ވަޒަންވެރިކަމަށް ފަހިވާނޭހެން ޢިލްމާއި، ވިސްނުމާއި، ފަންނިއްޔާތާއި، އުފެއްދުންތެރިކަން ދިވެހިރާއްޖެއަށް ވެހިކުރުން ހިމެނެއެވެ.

ގައުމީ އިނާމާބެހޭ ކޮމިޓީން އިތުރުކުރި އަނެއް ދާއިރާއަކީ، ދެމިހުންނަނިވި ޚާއްޞަ ޚިދުމަތެއް ކުރުމުގެ ދާއިރާއެވެ.

މި ދާއިރާއިން އިނާމު ދިނުމުގައި ބައްލަވާގޮތަށް ހަމަޖެހިފައިވަނީ އެ މީހަކަށް ލިބިފައިވާ ޚާއްޞަ ހުނަރެއް ބޭނުންކޮށްގެން، ޒަމާންތަކަކަށް ދެމިހުންނަނިވި ގޮތަކަށް ކޮށްފައި ހުރި، މުޖުތަމަޢުން ބަލައިގެންފައިވާ ޚާއްޞަ ޚިދުމަތަށާއި، ދިވެހި ދައުލަތުގެ ހިމާޔަތުގައި ކޮށްފައިވާ ޚާއްޞަ ޚިދުމަތަށެވެ.

ގައުމީ އިނާމުގެ ގޮތުގައި ދިނުމށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ.

އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.

އެ އިނާމު މި އަހަރު ދޭނީ، ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.

ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށާއި، ފޯމާއި ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިގެން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް