މުސާރަ ނުނަގާ ގޮތަށް، ރައީސް އޮފީހުގެ ތަރުޖަމާނަކަށް ހީނާ

ޕީއެންސީ ކެމްޕޭން ތަރުޖަމާނު ހީނާ ވަލީދު -- ސަން ފޮޓޯ / މޫސާ ނަދީމް

ރައީސް އޮފީހުގެ ތަރުޖަމާނަކަށް، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ހީނާ އައްޔަންކުރެއްވީ އެންސްޕާގެ ސީއީއޯގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ ގޮތަށް ކަމަށެވެ. ނަމަވެސް ތަރުޖަމާނުގެ މަގާމުގެ މުސާރަ އޭނާ ނުނަންގަވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

މިއީ ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަގާމުގެ މަސްއޫލިއްޔަތާ އަންހެނަކު ހަވާލުވާ ފުރަތަމަ ފަހަރުކަން އެ އޮފީހުން ފާހަގަކުރިއެވެ.

މީގެ ކުރިން ހީނާ ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޕޮލިޓިކަލް ޑިރެކްޓަރުކަމާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާގެ ގިނަ މަގާމުތަކެއް ފުރުއްވާފައެވެ. އެގޮތުން ދައުލަތުގެ މީޑިއާގައި ދިގު މުއްދަތަކު ޚިދުމަތްކުރައްވައި ޕީއެސްއެމްގެ ހެޑް އޮފް ނިއުސްގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

ހީނާ މަތީ ތަޢުލީމު ހާސިލްކުރައްވާފައިވަނީ މާސް ކޮމިއުނިކޭޝަން ޖާނަލިޒަމް އެންޑް އެޑްވަޓައިސްމަންޓްގެ ދާއިރާއިންނެވެ.

ޕީޕީއެމްގެ ތަރުޖަމާނުކަން މީގެ ކުރިން ކުރައްވާފައިވާ ހީނާ ވަނީ، އާދިއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބަށް ވެރިކަން ކުރާ ޕީއެންސީގެ އިސް ތަރުޖަމާނުގެ މަގާމު ފުރުއްވައިފައެވެ.

ރައީސް އޮފީހަށް ތަރުޖަމާނަކު އައްޔަންކޮށްފައިވަނީ، ސަރުކާރަށް ތަރުޖަމާނަކު ނެތި ދިގު މުއްދަތެއް ވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

ނޮވެމްބަރު 17ގައި ވެރިކަމަށް އައި ސަރުކާރަށް މިދިޔަ ޑިސެމްބަރު މަހުގެ 13ގައި ތަރުޖަމާނެއްގެ ގޮތުގައި މުހައްމަދު ޝަހީބު އައްޔަންކުރިއެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ދުވަހު އޭނާ ވަނީ މަގާމުން ދުރުކޮށް، ޚާރިޖީ ވުޒާރާއަށް ބަދަލުކޮށްފައެވެ.

މަގާމަށް އައްޔަންކުރިތާ 18 ދުވަސް ފަހުން ޝަހީބު ވަކިކުރި ސަބަބެއް ސަރުކާރުން ނުބުނެއެވެ.

comment ކޮމެންޓް