ޕީކޭ ނޭމާއަށް: އަންނަން ބޭނުމިއްޔާ އަވަހަށް ވާހަކަ ދައްކާ!

ޕީއެސްޖީގެ ތަރި ނޭމާ ޖޫނިއާ ބާސެލޯނާގައި ކުޅުނު ދުވަސްވަރުގެ ތެރެއިން --- ފޮޓޯ// ޑެޔަން ކަލިނިޗް

ޕީއެސްޖީގެ ހުނަރުވެރި ފޯވާޑް ނޭމާ ޖޫނިއާ އެނބުރި ބާސެލޯނާއަށް އަންނަން ބޭނުން ނަމަ މިހާރުން މިހާރަށް އެވާހަކަ ކުލަބުތަކާ ހިއްސާ ކުރަން ޖެހޭ ކަމަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނެފި އެވެ.

ނޭމާ 2017 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި ނަމަވެސް ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް އޭނާއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. އަނިޔާގެ ބޮޑެތި ގިނަ މައްސަލަތަކަކާ ހުރެ ދެ ސީޒަނުގެ ވެސް ބޮޑުބައެއް ކުޅުމާ ދުރުގައި އޭނާ ހުންނަން ޖެހުނު އިރު މިވަގުތު އެންމެ ގިނަ ކުޅިވަރު ނޫސްތަކުގެ ބޮޑު ސުރުހީގައި އޮތީ ނޭމާ ޕީއެސްޖީގައި މަޑު ކުރަން ބޭނުން ނުވާ ކަމުގެ ވާހަކަ އެވެ.

ދާދި ފަހުން ނޭމާއާ ޕީއެސްޖީއާ ދެމެދު ބަހުގެ ހަމަލާތަކެއް ހިނގައި ކުޑަ ވަރެއްގެ ފިނި ހަނގުރާމައަކަށް ފަހު އޭނާ ވަނީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފަ އެވެ. ނަމަވެސް ނޭމާ އެ ކުލަބުގައި މަޑު ކުރާނެތޯ ނުވަތަ ބާސެލޯނާއަށް ދާނެތޯ މިއީ އެންމެންގެ ހިތުގައި އަދިވެސް އުފެދިފައިވާ ސުވާލެކެވެ.

ޕީއެސްޖީގެ ތަރި ނޭމާ ޖޫނިއާ:--- ފޮޓޯ / ޑޮމް ފެރަލް

ބާސެލޯނާއިން ބުނީ މިހާތަނަށް ނޭމާ އެނބުރި އައުމަށްޓަކައި އެ ކުލަބާ އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އެހެން ކަމުން އޭނާ އެކުލަބަށް އަންނަން ބޭނުން ނަމަ އަވަހަށް އެ ވާހަކަ ކުލަބާ ހިއްސާ ކުރުމަށް ބާސެލޯނާގެ ޑިފެންޑަރު ޕީކޭ ވަނީ ބުނެފަ އެވެ.

"ނޭމާ އެނބުރި ބާސެލޯނާއަށް އައުމަކީ ހުރިހާ ގޮތަކުން ވެސް ބޮޑެތި ދަތި ތަކެއް ހުރި ކަމެއް. ނަމަވެސް އޭނާ އަންނަން ބޭނުން ނަމަ މިހާރުން މިހާރަށް ކުލަބާ ވާހަކަ ދައްކަން ޖެހޭ،" ޕީކޭ ބުންޏެވެ.

ޕީކޭ ބުނީ ނޭމާ އެނބުރި އައިސް ބާސެލޯނާގައި ކުޅުމަކީ ކުލަބުގެ ކުޅުންތެރިން ވެސް ވަރަށް ބޭނުންވާ ކަމެއް ކަމަށާއި އޭނާ ޕީއެސްޖީއަށް ދިޔުމުން ވެސް އޭނާއާ ދެމެދުގައި އޮތް އެކުވެރިކަމަށް ބަދަލެއް ނާންނަ ކަމަށެވެ.

"ނޭމާ އަކީ ދަނޑުމަތީގައްޔާއި ދަނޑުން ބޭރުގައި ވެސް ތަރިއެއް. ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް އުންމީދު ކުރަން."

ބާސެލޯނާއިން ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އަޔެކްސްގެ މިޑްފީލްޑަރު ފްރެންކީ ޑެ ޔޮންގާއި އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން ވެސް ވަނީ ގެނެސްފަ އެވެ.

comment ކޮމެންޓް