ރިޒޭގެ ހެޓްރިކާ އެކު އީގަލްސް ތިން ވަނައަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އީގަލްސްއާ ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން ---ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފޯކައިދޫ ކޮޅަށް އަހްމަދު ރިޒްވާން (ރިޒޭ) ހެދި ހެޓްރިކާ އެކު އީގަލްސް ތާވަލުގެ ތިންވަނައަށް ޖެހިލައިފި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް މެދުކަނޑާލުމަށް ފަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފަށާފައިވާ އިރު މިއަދު ހަވީރު ކުޅުނު މެޗުގައި ފޯކައިދޫ ގާތުން އީގަލްސް މޮޅުވީ 2-5 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މި މޮޅާ އެކު އީގަލްސްއިން ތާވަލުގެ ތިންވަނައަށް ޖެހިލައިފައި ވާއިރު މިރޭ ޓީސީއާ ދަ ގްރާންޑޭ ކުޅޭ މެޗުން ޓީސީ މޮޅުވެއްޖެ ނަމަ އެ ޓީމު އަލުން އަނބުރާ ތިންވަނައަށް ޖެހިލާނެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އީގަލްސްއާ ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން ---ފޮޓޯ// އެފްއޭއެމް

އޭއެފްސީ ޕްރޯ ލައިސަންސް ނެގުމަށް ޖަޕާނުގައި އުޅުމަށްފަހު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި މިއަދު އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެސް އީގަލްސްއިންނެވެ. މެޗުގެ 15 މިނަޓުގެ ތެރޭގައި ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ފޮނުވާލާ އީގަލްސްއަށް ގޯލު ހުޅުވައިދިނީ އަހްމަދު ރިޒުވާން އެވެ. އޭނަގެ ގޯލަށް ފަހު އީގަލްސްއަށް ލީޑު ފުޅާ ކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ނުހިފުނު ނަމަވެސް އެ ޓީމުގެ އިމްރާން ނަޝީދު ވަނީ 25 ވަނަ މިނަޓުގެ ތެރޭގައި އިތުރު ގޯލެއް ޖަހައި އީގަލްސްގެ ލީޑު ފުޅާ ކޮށްދީފަ އެވެ.

އީގަލްސްގެ ދެ ގޯލަށް ފަހު ފޯކައިދޫގެ ކުޅުން ރަނގަޅުކޮށް އީގަލްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް އުފައްދަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ހާފު އެގޮތުގައި އޮވެ ނިމުނު އިރު ދެވަނަ ހާފު ފެށުނު ތަނާހެން ރިޒޭ ވަނީ އަލީ ފާސިރު (ސެންޓޭ) ހުސްކޮށްލާފައި ދިން ޕާހަކުން ގޯލެއް ޖަހައިފަ އެވެ. މި ގޯލާ އެކު ފޯކައިދޫގެ ޑިފެންސް ރޫޅި އީގަލްސްއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުގެން ދިޔައެވެ.

އެގޮތުން މެޗުގެ 63 ވަނަ މިނަޓުގައި ސެންޓޭ ވަނި އީގަލްސްގެ ހަތަރު ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. ޖެހިގެން އައި މިނަޓުގައި އަނެއްކާ ވެސް ސެންޓޭ ދިން ޕާހަކުން ރިޒޭ ވަނީ އޭނަގެ ތިން ވަނަ ގޯލު ޖަހައި ހެޓްރިކެއް ހަދައިފަ އެވެ. މިއަދުގެ މެޗުގައި ރިޒޭއާއި ސެންޓޭގެ ކޮމްބިނޭޝަން ފާހަގަ ކޮށްލެވޭ އިރު މިއިއަދު ރިޒޭ ހެދި ހެޓްރިކަކީ އޭނާ މިފަހަރުގެ ލީގުގައި ހެދި ދެވަނަ ހެޓްރިކެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު އީގަލްސްއާ ފޯކައިދޫ ބައްދަލު ކުރި މެޗުގެ ތެރެއިން ---ފޮޓޯ// އެފްއޭއެމް

ރިޒޭގެ ހެޓްރިކަށް ފަހު އީގަލްސްއިން ހަމަޖެހިގެން ކުޅެމުން ދިޔަ އިރު ފޯކައިދޫން ވަނީ ލިބުނު ފުރުސަތެއްގައި ގޯލެއް ޖަހައިފަ އެވެ. މެޗުގެ 75 ވަނަ މިނަޓުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ ޙަލީލް އެއިބެޒަނީ ޖެހި އެ ގޯލަށް ފަހު މެޗު ނިމެން ދަނިކޮށް ފޯކައިދޫއަށް ލިބުނު ޕެނަލްޓީއެއްގައި ހަސަން ނައީމް ވަނި ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ.

މިއަދު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި ރިޒޭ އެވެ.

comment ކޮމެންޓް