ހިތްހަމަ ނުޖެހުންތަކާ އެކު ޖާބިރު ކުންފުނިތަކާ ބެހޭ ކޮމިޓީން އިސްތިއުފާ ދީފި

ކޮމިޓީގައި ޖާބިރު ވާހަކަ ދައްކަވަނީ: ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން ޖާބިރު ވަނީ އިސްއުފާ ދެއްވާފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިތްހަމަނުޖެހުންތަކާއެކު ރައްޔިތުންގެ މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރު އިސްތިއުފާ ދެއްވައިފި އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް ރިޔާސަތުން ނަން އިއްވައި ޖާބިރު ވަނީ މިއަދު ޖަލްސާ އިން ބޭރުކޮށްފައެވެ. ތަޅުމުގައިވެސް އަޑުގަދަ ކުރައްވައި މަޖިލީހުގެ ރިޔާސަތަށް ބަހުގެ ހޫނު ހަމަލާތަކެއް ޖާބިރު ރައްދުކުރެއްވި އެވެ. އެ މައްސަލައިގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ޖާބިރުގެ ނަން އިއްވައި ތަޅުމުން ނެރުއްވައިފައެވެ.

ޖާބިރު "ސަން" އަށް ވިދާޅުވީ، އޭނާ އެ ކޮމިޓީން އިސްތިއުފާ ދެއްވީ އެއީ ރަނގަޅު މަސަކަތެއް ނުކުރެވޭ އަދި މުހިންމު ކޮމިޓީއަކަށް ނުވާތީ ކަމަށެވެ.

"ސަރުކާރުގެ 31 ކުންފުނި ގެނެސްގެން ކުރަނީ ބޭކާރު މަސައްކަތެއް. އެކަމަށް ތާއީދެއް ނުކުރަން. ކޮމިޓީން ކުޅުއްވަނީ ޑްރާމާ،" ޖާބިރު ވިދާޅުވިއެވެ.

މިއަދު ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމެޓީގައި ޖާބިރު ވަނީ އެ ކޮމެޓީގެ މުގައްރިރު ހުޅުދޫ ދާއިރާ މެމްބަރު، އިލްޔާސް ލަބީބާވެސް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފައެވެ. އެއާއެކު ޖާބިރު ވަނީ، ކޮމިޓީން އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވެ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފައެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާއި ރައީސް ނަަޝީދުގެ އެޑްވައިޒަރު ޖާބިރު މަޖިލީހަށް އިންތިހާބުވީ އަމިއްލަ މެމްބަރެއްގެ ގޮތުގައެވެ.

comment ކޮމެންޓް